25 ޖުލައި 2017 - 15:15

ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދެންމެ ޖަހައިފި އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ، ކަސްޓޯޑިއަލް ޖަލެއްގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް 15 ދުވަސް ދީފަ އެވެ.
އިދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވާ ވަހީދު ރޭ 12 ޖަހަން އުޅެނިކޮށް ހައްޔަރުކުރީ، ޖުމްހޫރީ ޕާޓީގެ ހަރުގެ މ. ކުނޫޒް ކައިރީގައި އިތުރު މެމްބަރުންތަކަކާ އެކު ހުންނަވަނިކޮށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ސޮއިކުރައްވައި 8:00 ގައި ނެރުއްވި އަމުރުގައި ވަހީދު ހައްޔަރުކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު އިއްޔެ ބަންދުކޮށްފައި ވަނިކޮށް، މަޖިލިހުގެ މެމްބަރުން ނޫން ކަމަށް މަޖިލިހުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައި، މަޖިލިހުގެ އިދާރާގެ ތެރެއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ. އަދި އެ މައްސަލާގައި ވަހީދު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ، އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރަފާނެ ކަމަށް ފެންނާތީ ވަހީދު ހައްޔަރު ކުރުމުގެ އަމުރު ނެރުނީ ކަމަށް އޭގައިވެ އެވެ.
ވަހީދު ހައްޔަރުކުރުމާ ގުޅޭ ހެއްކެއް ކަމަށް އަމުރުގައި ވަނީ މަޖިލިހުގެ އިދާރާގެ ސިޓީ އާއި ކޮޕީ އެވެ.
އިއްޔެ މެންދުރު ފަހު މެންބަރުން މަޖިލީހަށް ވަދެ ތިއްބައި ފުލުހުންނާއި ސިފައިން މަޖިލީހަށް ވަދެ އެ މެމްބަރުން އެ ތަނުން ނެރުމަށް ފަހު، ވަހީދާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަޔާން ނަގާފައި ދޫކޮށްލި އެވެ.
ވަހީދަކީ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް އޭގެ ތެރެއިން ހަތަރު ބޭފުޅަކު ވަނީ އެ މައްސަލަ ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތްކަން އިއްޔެ ވަނީ އަންގައިފަ އެވެ.
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ހަތަރު ބޭފުޅުންގެ ތެރޭގައި ވެސް ވަހިދު ހިމެނިވަޑައިގަންނަވަ އެވެ. ދެން ތިއްބެވީ މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިން އަދި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ތެރެއިން އަދި ސުޕްރީމް ކޯޓަށް ވަޑައިނުގަންނަވަނީ ދަނގެތި ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ. އެ ދެބޭފުޅުން އުޅުއްވަނީ ރާއްޖެ އިން ބޭރުގަ އެވެ.