26 ޖުލައި 2017 - 10:58

ދިރިއުޅުމުގައި ރިސްކު ނެގުމުގެ މުހިއްމުކަން މީހުންނަށް އަންގައިދޭން މަސައްކަތްކުރި ފްރާންސްގެ އިސް ފިލޯސޮފަރަކު މޫދުގައި ކުޑަ ދެ ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން އުޅެނިކޮށް ގެނބިގެން މަރުވެއްޖެ އެވެ.
މިދިޔަ ހުކުރުދުވަހު ފްރެންޗް ރިވިއެރާގައި ހިނގި ހާދިސާއެއްގައި އޭން ޑުފޯމެންޓެލް، 53، އެހީތެރިވި ދެ ކުދިންނަށް ގެއްލުމެއް ނުލިބެ އެވެ. ބާރު އޮއެވަރެއްގައި ޑުފޯމެންޓެލް ދަމައިގެން ގެންދިޔަ ފަހުން އެ ކުދިން ސަލާމަތްކުރީ އެ ގޮނޑުދޮށުގެ ލައިފްގާޑުންނެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވާ ގޮތުގައި އެ ދެ ކުދިންނާ ފަންސާހަކަށް މީޓަރު ދުރުގައި ޑުފޯމެންޓެލް މޫދުގައި އުޅެނިކޮށް ގޮނޑުދޮށުގެ އިންޒާރުގެ ދިދަ އޮރެންޖު ކުލައިން ރަތްކުލަ އަށް ބަދަލުކުރި މަންޒަރު ފެނުނެވެ. އޭގެ މާނައަކީ ނުރައްކާތެރި ހާލަތެއް ކުރިމަތިވެގެން މޫދުގައި އުޅުން މަނާކުރި ކަމެވެ.
ޑުފޯމެންޓެލް ވަގުތުން އެ ކުދިން ގާތަށް ދާން މަސައްކަތްކުރި ކަމަށާއި އެކަމަކު ބާރު އޮޔާ އެކު އޭނާ ގެންގޮސް ގެނބުނީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ މޫދުން ނަގައިގެން ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ.
ބީބީސީ އިން ބުނިގޮތުގައި މި ހާދިސާގައި ސަލާމަތްވި ދެ ކުދިންނަކީ ޑުފޯމެންޓެލް ދަންނަ ކުދިންތަކެއް ކަމެއް އެނގިފައެއް ނުވެ އެވެ.
ރިސްކު ނެގުމަކީ އާއްމު ދިރިއުޅުމުގެ ބައެއްކަން ބަލައިގަތުމުގެ މުހިއްމުކަން ފާހަގަކޮށް ވަރަށް ގިނަ ލިޔުންތައް ޑުފޯމެންޓެލް ލިޔެފައިވެ އެވެ. އޭގެ ތެރޭގައި 2011 ވަނަ އަހަރު ޝާއިއުކުރި ފޮތް "ޕްރެއިޒް އޮފް ރިސް" ހިމެނެ އެވެ.
އޭނާ ބުނެފައިވަނީ ފުރިހަމަ ރައްކާތެރިކަން ލިބިގެންވާ ކަމަށް އަދި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ގަބޫލުކުރުމަކީ "ހުވަފެނެއް" ކަމަށެވެ. އޭނާ ގަބޫލުކުރިގޮތުގައި ދިރިއުޅުން ފެށެނީ ވެސް ރިސްކަކުންނެވެ. އަދި "ދިރިހުރުމަކީ ރިސްކެ"ކެވެ.
ޑުފޯމެންޓެލް ބުނެފައި ވަނީ ބިރަކީ މިނިވަންކަން ކޮންޓްރޯލްކުރަން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެއް ކަމަށެވެ. އިތުރު ރައްކާތެރިކަމާއި އަމާންކަން ފޯރުކޮށްދޭނެ ކަމަށް ބުނުމަކީ މީހުން ކޮންޓްރޯލްކޮށް މިނިވަންކަން ހަނިކުރަން ކުރާ ކަމެއް ކަމަށް ވެސް އޭނާ ގަބޫލުކުރި އެވެ.
ފިލޯސޮފީ އިން 1994 ވަނަ އަހަރު ޕީއެޗްޑީ ހާސިލްކުރި ނަމަވެސް ޑުފޯމެންޓެލް ފަހުން މަސައްކަތްކުރީ ސައިކޯއެނަލިސްޓެއްގެ ގޮތުގަ އެވެ. އޭނާ އަށް 1998 ވަނަ އަހަރު ފިލޯސޮފީގެ އެވޯޑެއް ލިބިފައިވެ އެވެ. -- ބީބީސީ