ވަންޕްލަސް ލޯންޗާ އެންމެންނަށް، އެކަމު ހުރިހާ ފޯނަކަށް ނޭޅޭ
ވަންޕްލަސް ލޯންޗާ އެންމެންނަށް، އެކަމު ހުރިހާ ފޯނަކަށް ނޭޅޭ

ގޫގުލް ޕްލޭ ސްޓޯރުގައި ވަންޕްލަސް ލޯންޗާ ލިސްޓްކުރުމުން ހީކުރެވުނީ އަހަރެން ގެންގުޅޭ ފޯނުގައި ވެސް ބޭނުންކުރެވޭނެ ކަމަށެވެ. އެކަމަކު އުޅެއުޅެ ޑައުންލޯޑްކުރެވޭ ގޮތެއް ނުވި އެވެ. އޭޕީކޭ ފައިލް ހޯދައިގެން ކުރި މަސައްކަތުން އަދި ވެސް ރަނގަޅު ގޮތެއް ނުވެ އެވެ.

ވަންޕްލަސް ލޯންޗާ ޚާއްސަކޮށްފައި ވަނީ ވަންޕްލަސްގެ ފޯނުތަކަށެވެ. އޭގެ ތެރެއިން ވެސް ވަކި ފޯނުތަކަކަށް ކަމަށް ލިސްޓިންގައި ބުނެ އެވެ. އެކަމެއް ކުރިއަކުން ނޭނގެ އެވެ. މަސައްކަތްކުރީ ވަންޕްލަސް ފޯނުތައް ހުންނަ ގޮތަށް މި ގެންގުޅޭ ފޯނު ވެސް ބަދަލުކޮށްލެވޭތޯ އެވެ.

ގޫގުލް އެންޑްރޮއިޑް މާކެޓްގައި ގިނައީ އެންޑްރޮއިޑް ޑިވައިސްތަކާ ގުޅޭ އެޕްލިކޭޝަންތަކެވެ. މައިކްރޮސޮފްޓް އަދި އެޕަލް އިން އުފެއްދި ނަމަވެސް، އެންޑްރޮއިޑް އެޕްލިކޭޝަނެއް ނަމަ ގިނަ ފޯނުތަކަށް ކަމުދެ އެވެ. އެހެން ނަމަވެސް ވަންޕްލަސް ލޯންޗާގައި އެ ތަނަވަސްކަމެއް ނެތެވެ.

ވަންޕްލަސް ފޯނުތަކުގައި ވެސް ބޭނުންކުރަނީ އެންޑްރޮއިޑް އެވެ. އެކަމަކު ވަރަށް ބޮޑަށް ބަދަލުކޮށްގެންނެވެ. ވަންޕްލަސް ފޯނުތަކުގައި ބޭނުންކުރާ އޮޕަރޭޓިން ސިސްޓަމަށް ކިޔަނީ "އޮކްސިޖަންއޯއެސް" އެވެ. ޗައިނާއިން ބޭރު ގައުމުތަކަށް ވިއްކާ ވަންޕްލަސް ފޯނުތަކުގައި އޮކްސިޖަންއޯއެސް ބޭނުންކުރި ނަމަވެސް، ޗައިނާ އަށް ޚާއްސަ ވަންޕްލަސް ފޯނުތަކުގައި "ހައިޑްރޮޖަންއޯއެސް" ވެސް ބޭނުންކުރި އެވެ. އެ ދެ އޯއެސް އެއްްކޮލާ ވާހަކަ ވެސް ކުރިން ދެއްކި އެވެ.

ވަންޕްލަސް ލޯންޗާ އާންމު ޑައުންލޯޑަށް ދޫކޮށްލާފައި ވާޢިރު، އޭގައި ހުރި ފުރިހަމަކަމެއް ފެންނަން އޮތީ ވަންޕްލަސް ފޯނެއް ގަނެގެންނެވެ.

ޑިވެލޮޕަރުން ބުނާ ގޮތުގައި ވަންޕްލަސް އިން އެ ގޮތަށް ކަންތައް ކުރީ ވަންޕްލަސް ފޯނުތަކަށް އަޕްޑޭޓް ފޮނުވަން ފަސޭހައަކަށެވެ. އެއީ ގޫގުލް ޕްލޭ މެދުވެރިކޮށް އެކަން ކުރުމަށެވެ. މިއީ އަސުސް އިން ވެސް ގެންގުޅޭ އުކުޅެކެވެ.