25 ޖުލައި 2017 - 14:48

ތަންޖިއާ (ޖުލައި 25) - ސައުދީ ރަސްގެފާން ސަލްމާން ޗުއްޓީ ދަތުރުފުޅެއްގައި މޮރޮކޯ އަށް އިއްޔެ ވަޑައިގެންފި އެވެ.
މޮރޮކޯގެ ސިޓީއެއް ކަމަށްވާ ތަންޖިއާގެ ބަތޫތާ އެއާޕޯޓުން ރަސްގެފާނަށް މަރުހަބާ ވިދާޅުވީ މޮރޮކޯގެ ބޮޑު ވަޒީރު ސާދިއްދީން އަލް އުސްމާނީ އާއި ތަންޖިއާގެ ގަވަރުނަރު ތަތުވާން މުހައްމަދު ޔާގޫބީ އަދި ތަންޖިއާގެ އަސްކަރީ ކޮމާންޑަރު މުހައްމަދު އަލް މުރާބަތެވެ.
ރަސްގެފާނުގެ އަރިހުގައި ސައުދީގެ ވަރަށް ގިނަ ޕްރިންސުންނާއި މިނިސްޓަރުން ވެސް މޮރޮކޯ އަށް ވަޑައިގެންނެވި އެވެ.
ރަސްގެފާން ސަލްމާނުގެ އަމއްލަ ދަތުރުފުޅެއްގައި މޮރޮކޯ އަށް ވަޑައިގަތުމުގެ ކުރިން އިއްޔެ ނެރުއްވި ގަރާރެއްގައި ވަނީ އެމަނިކުފާން އެނބުރި ވަޑައިގަންނަވަންދެން ގައުމު ހިންގުމުގެ މަސްއޫލިއްޔަތު ވަލީ އަހުދު އަދި ދަރިކަލުން މުހައްމަދު ބިން ސަލްމާން އަށް ހަވާލު ކުރައްވައިފަ އެވެ.
ސައުދީ ރަސްގެފާން ސަލްމާން މިދިޔަ މާޗު މަހު ވެސް ވަނީ އޭޝިއާގެ ބައެއް ގައުމުތަކަށް އެއް މަސް ދުވަހުގެ ޗުއްޓީއެއްގައި ވަޑައިގެންފަ އެވެ.