"ޕަދްމާވަތީ"ގެ ފަހުން ކުޅޭނެ ފިލްމެއް ނެތް: ޝާހިދު
"ޕަދްމާވަތީ"ގެ ފަހުން ކުޅޭނެ ފިލްމެއް ނެތް: ޝާހިދު

މިހާރު ޝާހިދު ކަޕޫރު ކުޅެމުން އަންނަ "ޕަދްމާވަތީ" ކުޅެން ސޮއިކުރި ފަހުން އޭނާ އިތުރު އެއްވެސް ފިލްމެއް ކުޅެން ސޮއެއް ނުކުރެ އެވެ. ޝާހިދު ބުނި ގޮތުގައި ސްކްރީނުން ނުފެނި ގިނަ ދުވަސްތަކެއް ވުމަކީ އޭނާގެ އޮތް ކަންބޮޑުވުމެއް ނޫނެވެ. ކަންބޮޑުވާން ޖެހޭނީ ރަނގަޅު ފިލްމެއްގެ މަސައްކަތް ނުކުރެވޭ ދުވަސްވަރު ކަމަށް އޭނާ ބުންޏެވެ.

ރަނގަޅު ފިލްމެއް ލިބޭތޯ އިންތިޒާރުކުރަން ހުރުމަކީ ރަނގަޅު ކަމެއް ކަމަށް ޝާހިދު ގަބޫލު ކުރެ އެވެ. އޭނާ ބޭނުންވަނީ ކޮންޓެންޓެއް އޮތުމާއެކު މުނިފޫހިފިލާ ޒާތުގެ ފިލްމުތައް ކުޅެން ކަމަށް ވެސް ޝާހިދު ބުންޏެވެ. އޭނާ މިހާރު އަންނަނީ ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ"ގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި އޭނާއާ އެކު ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ވެސް ބައިވެރިވެ އެވެ.

ޝާހިދު ބުނި ގޮތުގައި "ޕަދްމާވަތީ" އާ ގުޅޭ ގޮތުން މާ ގިނަ ވާހަކަ ދެއްކުން އޭނާއަށް މަނަލެވެ. އެހެންވެ އެންމެން ވެސް މިއަހަރުގެ ނޮވެމްބަރު ފިލްމު ރިލީޒްކުރާ ދުވަހަށް އިންތިޒާރު ކުރުމަށް އޭނާ އެދުނެވެ. ޝާހިދު ބުނީ އޭނާއަށް ބުނެވޭނެހާ ވެސް އެއްޗަކީ ފިލްމުގައި ބައިވެރިވާ ހުރިހާ ތަރިން ވެސް އަޖައިބެއްހާ މޮޅު ކަމަށާއި މަންޒަރުތައް ލޯ ތަރަތަރަ ޖަހައިގެންދާހާ ރީތިވާނެ ވާހަކަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ތަންކޮޅެއް ކުރިން ބުނެފައިވާ ގޮތުގައި "ޕަދްމާވަތީ"ގައި ޝާހިދު ކުރާ މަސައްކަތް ބާންސާލީ އަށް ވަރަށް ކަމުގޮސްގެން އޭނާ ދެން އުފައްދާ "ޓިއުޒްޑޭޒް އެންޑް ތާޒްޑޭޒް" ގެ ބަތަލެއްގެ ރޯލު ވެސް ޝާހިދު އަށް ދީފައިވާ ކަމަށެވެ.

ޝާހިދު ބުނީ އޭނާއަށް ވެސް އެ ޚަބަރުތައް ނޫސްތަކުން ފެނިފައިވާ ކަމަށާއި ނަމަވެސް "ޕަދްމާވަތީ"ގެ ފަހުން އޭނާ އެއްވެސް ފިލްމެއް ކުޅެން އަދި ސޮއި ނުކުރާކަމަށެވެ. އެހެންވެ ރަސްމީކޮށް އިއުލާންކުރަންދެން އިންތިޒާރު ކުރުމަށް އޭނާ އެދުނެވެ.

ޝާހިދުގެ އެންމެ ފަހުގެ ރިލީޒް ކަމަށްވާ "ރަންގޫން" އަކީ ވަރަށް ބޮޑު ފްލޮޕެކެވެ. ފިލްމު ނާކާމިޔާބުވުން ވަރަށް ދެރަވި ކަމަށާއި ފިލްމުގެ ޑައިރެކްޓަރު ވިޝާލް ބަރްދްވާޖް އަލުން އާ ފިލްމަކުން ކާމިޔާބުހޯދާނެކަމަށް އުންމީދުކުރާ ކަމަށް ވެސް ޝާހިދު ބުންޏެވެ.