25 ޖުލައި 2017 - 11:52

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ށ. މިލަންދޫ ޓީމަށް ގައުމީ ޓީމާއި ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އިމްރާން ގެނެސް ކޯޗަކަށް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ނާސިރު ހަމަޖައްސައިފި އެވެ.

މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރު ޓީމުގެ ތެރޭ ހިމެނިން ޕްރިމިއާ ލީގުން ފުރުސަތު ހޯދާފައިވާ މިލަންދޫ ޓީމުން ވަނީ ވިކްޓަރީގެ ބެންޗުގައި މި ސީޒަން ހޭދަކުރި އިމްރާނުގެ އިތުރުން ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު އާދަމް އިމްރާން (އިންމަ) އާއި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޒެފްރޯލުގެ އިބްރާހިމް ޝިޔާމް (ބިއްލަ) އާއި ބ. އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) ވެސް ގެނެސްފަ އެވެ.
އިމްރާނަކީ ޕްރިމިއާ ލީގުން ފުރުސަތު ގެއްލިފައިވާ ވިކްޓަރީ ދޫކޮށް ދިޔަ ފަސް ވަނަ ކުޅުންތެރިއާ އެވެ. ދެން ދިޔައީ މާޒިޔާ އަށް ބަދަލުވި ކެޕްޓަން އިސްމާއިލް އީސާ އާއި ކީޕަރު މަހްމޫދު ޔޫސުފާއި ކެރިޗް އަންދްރޭ އާއި ނިއު ރޭޑިއަންޓަށް ބަދަލުވި ރިލްވާން ވަހީދު (ރިލޭ) އެވެ.
ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގެ ޖާގައަށް ވާދަކުރާ އިމްރާނަށް މި ސީޒަނުގައި ވިކްޓަރީގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުނީ އެންމެ މެޗެއްގަ އެވެ.
މިލަންދޫ ކައުންސިލުގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އެ ޓީމުން ސައްތައިން ސައްތަ ދިވެހި ކުޅުންތެރިންނާ އެކު ނުކުންނަނީ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި ގައުމީ ފުޓްބޯޅަ މުބާރާތުން ފުރުސަތު ހޯދުމުގެ އަމާޒުގައި ކަމަށެވެ.
"މާލޭ ލީގުން ޕްރިމިއާ ލީގަށް ހޮވުނު ޓީމުތަކަށް ޗެލެންޖެއް ދޭނަން މިލަންދޫ އެފްސީން،" ޝިޔާމް ވިދާޅުވި އެވެ.
މިލަންދޫގެ ކޯޗު އަދި ނިއުއާ އެކު 2006 ވަނަ އަހަރު ދިވެހި ލީގު އުފުލާލި ނާސިރު ބުނީ ކޯޗެއްގެ ގޮތުގައި ފުރަތަމަ ޑިވިޝަނުގައި އޭނާ ކުރާ ފުރަތަމަ ތަޖުރިބާގައި ރަނގަޅު ފައިޓެއް ދޭން ބޭނުންވާ ކަމަށެވެ.
"ކުޅުންތެރިއެއްގެ ގޮތުގައި ލިބިފައިވާ ތަޖުރިބާގެ ބޭނުން ހިފާނަން ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނަށް ނުކުންނައިރު. ބޭނުންވަނީ ޕްރިމިއާ ލީގުގައި ރަނގަޅު ފައިޓެއް ދޭން،" މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ ހދ. އަތޮޅު ޗެމްޕިއަންކަން އުފަން ރަށް ހަނިމާދޫ އަށް ހޯދައިދިން ނާސިރު ބުންޏެވެ.
ޒޯން މުބާރާތުގައި 2003 ގައި ހަނިމާދޫ ޓީމުން ފާހަގަވި ނާސިރު ވަނީ ފުރަތަމަ ޑިވިޝަނުގައި ނިއު އަށް އަދި ގައުމީ ޓީމަށް ހަ އަހަރު ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ޕްރިމިއާ ލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ނިއު އަދި ޓީސީގެ އިތުރުން މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ދ. ކުޑަހުވަދޫ އާއި ރަނަރަޕް ގދ. ތިނަދޫގެ އިތުރުން މިލަންދޫ އާއި އއ. މާޅޮހެވެ.