26 ޖުލައި 2017 - 06:53

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގައުމުގެ ސެންޓްރަލް ބޯޑު އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ) ގެ ޗީފް ޕެހެލަޖް ނިހަލާނީ އިސްތިއުފާ ދޭން އެދުމަށް އެ ބޯޑުގެ އެހެން މެމްބަރުން އަންނަނީ ތައްޔާރު ވަމުންނެވެ.ސެންސަރު ބޯޑުގެ ޗެއާމަނަށް ކުރިމަތިވާ ފާޑުކިޔުންތައް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެ އޭނާ ދެކެ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ތިބީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.
ޓައިމްސް އޮފް އިންޑިއާއިން ބުނި ގޮތުގައި ޖުލައި 28 ވަނަ ދުވަހު ތުރިވަނަންތަޕޫރަމްގައި ބާއްވަން ހަމަޖެހިފައިވާ ސީބީއެފްސީގެ މެމްބަރުންގެ ބައްދަލުުވުމެއްގައި ޗެއާމަންގެ އިސްތިއުފާއަށް މެމްބަރުން އެދޭނެ ކަމަށްވެ އެވެ.
އެ ގައުމުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ފަރާތުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ނިހަލާނީ ބަދަލު ކުރުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ.
ނިހަލާނީގެ ބަދަލުގައި ސެންސަރު ބޯޑުގެ ޗެއާމަން ކަމާ ހަވާލުވުމުގެ ޝައުގު ވަރަށް ގިނަ ބައެއްގެ އެބަހުއްޓެވެ. އޭގެ ތެރޭގައި މަޝްހޫރު ޑައިރެކްޓަރު ޕްރަކާޝް ޖާ އަދި ޓީވީ ޕްރޮޑިއުސަރު-އެކްޓަރު ޗަންދުރަޕްރަކާޝް ދިވޭޑީ ނުވަތަ ޑައިރެކްޓަރު މަދުރް ބަންޑާރްކަރް ވެސް ހިމެނެ އެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން އަދި ރަސްމީ ސިފައެއްގައި އެއްެވެސް ކަމެއް އިއުލާން ކޮށްފައެއް ނުވެ އެވެ.