ލަންކާގެ ޑެންގީ ހާލަތު ގޯހަށް، މިހާތަނަށް 300 މަރު
ލަންކާގެ ޑެންގީ ހާލަތު ގޯހަށް، މިހާތަނަށް 300 މަރު

ކޮލަމްބޯ (ޖުލައި 25) - ސްރީ ލަންކާގައި މިއިން ޒަމާނަކު ވެސް ނުފެތުރޭހާ ހަލުވި މިނުގައި ޑެންގީ ހުން ފެތުރި މަރުވި މީހުންގެ އަދަދު 300 އަށް އަރައިފި އެވެ.

ސްރީ ލަންކާ ރެޑް ކްރޮސް ސޮސައިޓީ އާއި އިންޓަނޭޝަނަަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީން މިއަދު ބުނީ ކުއްލި އެހީ ދިނުމުގެ މަސައްކަތް ވަރަށް ބޮޑަށް ހަލުވިކޮށްފައިވާ ކަމަށެވެ. ލަންކާގައި ޑެންގީ ޖެހުނު މީހުންގެ އަދަދު ވަނީ 100،000 އަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް ލަންކާގައި ޑެންގީ ޖެހުނު މީހުންނަށް ވުރެ ދެ ގުނަ އިތުރު އަަދަދެކެވެ.

ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓުން ބުނީ ޑެންގީ ޖެހުނު މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ބައެއް ހޮސްޕިޓަލްތައް ފުރިފައިވާ ކަމަށެވެ. އަދި ޑެންގީ ޖެހޭ މީހުން އިތުރުވާތީ ރެޑް ކްރޮސްގެ ބަޖެޓް ވަނީ 300،000 ޑޮލަރަށް އިތުރުކޮށްފަ އެވެ.

ޑެންގީގެ ނުރައްކާ ލަންކާގައި ބޮޑުވެ ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ދިޔަ ސަބަބެއް ކަމަށް ސިއްހީ އޮފިޝަލުން ބުނެފައި ވަނީ ދާދި ފަހުން ލަންކާ އަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، މަދިރި އާލާވުމުންނެވެ. ލަންކާގައި ފެންބޮޑުވެ ޑެންގީ ފެތުރުމުގެ ސަބަބުން ސްކޫލްތައް ވެސް ވަނީ ބަންދުކުރަން ޖެހިފަ އެވެ. މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ވަނީ ސިފައިން ވެސް ނެރެފަ އެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ އިން ބުނީ ދުނިޔޭގައި އަހަރަކު 390 މިލިއަން މީހުންނަށް ޑެންގީ ޖެހޭ ކަމަށެވެ.