26 ޖުލައި 2017 - 06:47

އާދިއްތަ ދުވަހާ ގުޅޭ
"މީ ދެން ވަރަށް ދެރަކަމެއް،" ނާޒިމާ ބުންޏެވެ. "އެއްބަނޑުއެއްބަފާ މީހުން އެކަކުއަނެކަކަށް ނުޖެހޭ ސިހުރު ހަދާކަށް."
ހުރިހާ އެންމެން އިސްޖަހައިލިއެވެ. ޝޮކެއް ލިބުނީ މަންމައަށާއި ޒިދުނާއަށެވެ. ފަލާހު ގާތަށް އައީ ރުޅިއެވެ.
"އަހަރެން ނުހަދަން އެއްވެސް ސިހުރެއް،" ފުރަތަމަ ވާހަކަދެއްކީ ވެސް ފަލާހެވެ. "މަށަށް އެނގޭނީ މަގޭ ގޮތް. ދެން ޒިދުނާ ވެސް ކަމެއް ކޮށްފަ އޮތިއްޔާ ބުނޭ!"
"ސިހުރޭ؟" ޒިދުނާ ހައިރާންވެފައި ބުންޏެވެ. "މަ؟ މަ ކީއްކުރަން ސިހުރުހަދަންވީ؟ މަށަކަށް ނުވެސް އެނގޭ ސިހުރުހަދާކަށް. މީހަކު ލައްވާ ވެސް މި ގޭގެ މީހަކަށް މަ ކީއްކުރަން ސިހުރުހަދަންވީ؟ މަށަކީ ތިހާ ނުބައިނުލަފާ މީހެއް ނަމަ ވިހައިގެން ހޮސްޕިޓަލުން ނުކުތް ގޮތަށް ގެއަށް އައިސް އެންމެންނަށް ބިރިޔާންޏެއް ނޫނެއްނު ކައްކާނީ. ދެ ފައި ދަމައިފައި އެނދުގަ އޮށޯވެލައިގެން އޮންނާނީއެއްނު."
ކޮންމެވެސް އެއްޗެއް ބުނަން މަންމަ އަނގަ ހުޅުވައިލިއެވެ. ޒިދުނާއަށް ޓަކައި މަޑު ކަފަކޮޅަކަށް ވެފައިވާ މަންމަގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އެހެންނަމަވެސް، ހަމީދު އެ ފުރުޞަތެއް ނުދިނެވެ.
"ބުނަން ރަނގަޅު ވާހަކައެއް؟" ހަމީދު ވެސް ވާހަކަދެއްކީ ވިސްނައިދިނުމުގެ ރާގުގައެވެ. "ކަލޭމެން ސިހުރު ހަދައިފި. ފުރަތަމަ ޒިދުނާގެ ބައްޕަ އެ ކަން ކުރީ. ފަހުން ޒިދުނާ ސިހުރު ދަސްކޮށްގެން ދެބަފައިން ވެގެން މިހާރު އެ ކަން ކުރަނީ. އަހަރުމެންނަށް މިހާރު އެ ކަން އެނގިއްޖެ! ހުރިހާކަމެއް ފަޅާއަރައިފި. ކަލޭމެން އަމިއްލައަށް އިޞްލާޙުވޭ! ދެން ތި ކަން ހުއްޓާލާ! އަހަރުމެން ބޭނުމެއް ނޫން ޒުވާބުކޮށް ތަޅާފޮޅާކަށް. ނޫނީ ބަދަލުގަ އަހަރުމެން ވެސް ސިހުރުހަދާކަށް. އަހަރުމެން އެންމެންނަކީ ވެސް އިންސާނުން. ކުށް ކުރެވޭނެ. ހަސަދަވެރިކަން އުފެދިގެން ވެސް ކަންތައްތައް ވާނެ. މިހާރު މިއޮތީ މި ކަންތައްތައް ވަރަށް ބޮޑުވަރު ވެފަ. ފުރަތަމަ ހައުލާއަށް. ދެން އިނާޔާއަށް. ދެން ނޭނގެ ކާކަށްކަމެއް. ވަރަށް ސާފުކޮށް މި ބުނަނީ، އަހަރުމެންނަށް މިހާރު ހުރިހާ ކަމެއް އެނގިއްޖެ! ކުރީ ކާކުކަމާ، ކިހިނެއްކަން ވެސް އެނގިއްޖެ! ވީކަމެއް ވީ! ދެން މި ހިސާބުން ތި ކަން ހުއްޓާލާ! އޭރުން މައްސަލަ ނިމުނީއޭ."
"އަޖައިބެއް ނުވާނެ،" ފަލާހު ރުޅިއައިސްފައި ބުންޏެވެ. "އަހަރުމެން ކީއްކުރަންތަ ސިހުރު ހަދަންވީ؟ ކިއިދާނެ ކޮންމެ އެއްޗެކޭ ވެސް. ދޮންތަގެ ދަރިއަކަށް ޒިދުނާ ސިހުރު ހަދަންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ. ހަމަ މީހަކު އައިސް އެއްޗެކޭ ބުނެލާއިރަށް ޖެހޭތަ ގަބޫލުކުރަން؟ ހެޔޮނުވާނެ އަހަރުމެންގެ ބޮލުގަ ތި ވަރުގެ ތުހުމަތެއް އަޅުވަން. އެއްބަނޑުއެއްބަފާ މީހުންނޭ މީ."
ކޮންމެ ވާހަކައެއް ފަލާހު ދެއްކި ނަމަވެސް، ޙަޤީޤަތަކީ ކޮބައިކަން ނާޒިމާއަށް އެނގެއެވެ. ހަމީދަށް ވެސް އެނގެއެވެ. ނާޒިމާގެ މަޤްޞަދަކީ ޒުވާބުކޮށް ތިމާގެ ބަސް ގަދަކުރުމެއް ނޫނެވެ. ވީހާ ވެސް ސުލްޙަވެރިކޮށް މައްސަލަ ޙައްލުކުރުމެވެ.
"އަހަރެން މީހަކާ ރުޅިވަންޏާ ރުޅިވާނީ ﷲއަށް ޓަކާ،" ކެތްތެރިކަމާ އެކުގައި ނާޒިމާ ބުންޏެވެ. "އަހަރެން މީހަކާ ރައްޓެހިކަން ބާއްވަންޏާ ބާއްވާނީ ވެސް ﷲއަށް ޓަކާ. ﷲއަށް ޝިރުކު ކުރާ މީހަކާ އަހަރެން ދެނެއް ވާހަކައެއް ނުދައްކާނަން. ސިހުރު ހެދުމަކީ ޝައިތާނާއަށް ސަޖިދަކުރުން. އޭނަގެ ފަރާތުން ވާތްގަށް އެދި ﷲއަށް ފުރަގަސްދިނުން. ސިހުރުހެދުން ހުއްޓާލައިފިއްޔާ ނޫނީ ދެން އަހަންނެއް ކަލޭމެން ދެ މީހުންނަކާ ވާހަކައެއް ނުދައްކާނަން. ހަމަ ރަނގަޅަށް މި ބުނީ. ނުކުރޭ ތި ކަންތައް."
މަންމަގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ވާނުވާ ނޭނގޭކަމެވެ. ގަބޫލުކުރަންވީ ކާކު ދައްކާ ވާހަކަކަމެއް މަންމައަކަށް ނޭނގެއެވެ. ޒިދުނާއާއި ފަލާހު ދިފާޢުގައި ވާހަކަދެއްކި ގޮތުން، ދެން ތިބި ކުދިންގެ މޫނުމަތިން ވެސް ފެންނަން ފެށީ ހައިރާންކަމެވެ. ކަންތައް ވަމުންދިޔައީ ނާޒިމާ ހީކުރި ގޮތަށެވެ.
"ކަލޭމެން އަތުން އަހަރެންގެ ދަރިފުޅު މަރުވާން އޮތިއްޔާ އެ ގޮތަށް އެ ކަން ވާނީ،" ކެތްތެރިކަން އިސްކުރަމުން ނާޒިމާ ބުންޏެވެ. "އެ ކަމާ އަހަރެން އެއްބަސް. މަށާ އެއްވެސް ގުޅުމެއް ބާއްވާން ބޭނުމިއްޔާ ތި ކަން ހުއްޓާލާފަ އިޞްލާޙުވޭ! އޮތް ހަމައެކަނި ގޮތަކީ އެއީ. ބުނެފަ ހަމަ ރީތިކޮށް މި ރުޅިވަނީ. އަހަރެން މި ރުޅިވަނީ ﷲ އަށް ޓަކާ. އެއް ގެޔެއްގެ ތެރޭގަ އުޅުނަސް އަހަންނެއް ދެން ނުދައްކާނަން ކަލޭމެންނަކާ ވާހަކައެއް. ހަނދާންކުރާތި އެ ކަން. އެކަމަކު ދަރިންނާ ގުޅުން ބާއްވާނަން. އެއީ މަށަށް ބޮޑުދައިތަ ކިޔާ ކުދިން. އެ ކުދިންގެ އެއްވެސް ކުށެއް ނެތް."
"އަހަރުމެން އެކަކަށް ވެސް ސިހުރެއް ނަހަދަމޭ،" ފަލާހު އެއްބަހެއް ނުވިއެވެ. "ބޭނުމެއް ނޫން މި ތާ ބޭކާރު އަނގަތަޅަން އިންނާކަށް ވެސް. އަދި އެހާވަރުން ގޭގެ އެންމެންނަށް ބިރިޔާންޏާ އެއްޗެހި ކެއްކީމަ ރީއްޗެއްނު ޒިދުނާއަށް ލިބުނު ނަން. ސިހުރު ހަދަނީޔޯ. އަހަރުމެން ކޮންކަމެއް ޖެހިގެންބާ މީހަކަށް ސިހުރު ހަދަންވީ؟ މަ ދެން މި ގޭ މީހުންނާ އެއްކޮށް ކާން ވެސް ނާރާނަން."
ވަރަށް ގިނަ ވާހަކަ ދެކެވުނެވެ. ދެމަފިރިން ކުރެ އެކަކު ވެސް އެއްބަހެއް ނުވިއެވެ. އެންމެ ފަހުން އެ ދެ މީހުން އެ ތަނުން ދިޔައީއެވެ. ޒިދުނާ ކެއްކި ބިރިޔާނި އެއްބަޔަކު ކެޔެވެ. ނާޒިމާއަށް ގަބޫލުކުރެވުނު ގޮތުގައި، ބިރިޔާނި ކެއީ ޒިދުނާއަށް ހަމްދަރުދީވި މީހުންނެވެ. އޭގެ ތެރޭގައި މަންމަ ވެސް ހިމެނެއެވެ.
ސިހުރުހެދުން ހުއްޓައިލުމުގެ ބަދަލުގައި ޒިދުނާގެ ސިހުރުތައް ކުރީ ވަރުގަދައެވެ. ދެމަފިރިން ކުރެ އެކަކު ވެސް އެހެން މީހުންނަކާ ވާހަކައެއް ނުދައްކައެވެ. ފެނުނަސް ފެނުނުކަމަކަށް ވެސް ނަހަދައެވެ. ނާޒިމާއާއި ނާޒިމާގެ ދަރިންނާ ގަދަޔަށް ދިމާކޮށްލީ އެ ހިސާބުންނެވެ. މައްސަލަޖެހުނު ދުވަހުގެ ރޭ ނާޒިމާ ޢިޝާ ނަމާދަށް ހުއްޓައި މޫނިސާ ދުވެފައި އައިސް ނާޒިމާގެ ކޮޓަރިއަށް ވަނެވެ. ދޮރު ލެއްޕިއެވެ. މައިނޭވާ ލާ އަޑު ނާޒިމާއަށް އިވެއެވެ.
"މަންމާ އަވަސްކޮށްބަލަ!" މޫނިސާ މަޑުމަޑުން ކިޔެވެ. "އަޅެ އަވަސްކޮށްބަލަ!"
"ކިހިނެއްވީތަ ދަރިފުޅާ؟" ސަލާންދިނުމަށް ފަހު ނާޒިމާ ސުވާލުކުރިއެވެ. "ނަމާދުގަ ކިޔޭނުކިޔޭ އެއްޗެއް ވެސް މަންމައަކަށް ނުވިސްނުނު."
މޫނިސާ އައިސް ނާޒިމާ ގައިގައި ބައްދައިގަތެވެ. ރޯން ފެށިއެވެ. ދަރިފުޅުގެ ހިތުގެ ވިންދު ނާޒިމާއަށް އިހުސާސް ކުރެވެއެވެ.
"ހައުލާގެ ކޮޓަރިއަށް ވަންއިރު އެނދުގައި އިށީނދެލައިގެން އިނީ ކާފަ." މޫނިސާ ބުންޏެވެ.
"ދެން އެހެނެއް ނުވާނެއްނު ދަރިފުޅާ!" ނާޒިމާ ޗޮކެއް ކަނޑައިލައިފައި ބުންޏެވެ. "ތި ވާނީ ހީވި ގޮތް ކަމަށް. މަރުވެފަ ތިބޭ މީހުންނެއް ނާންނާނެއްނު. ހިނގާބަލަ ބަލަން."
މޫނިސާއެއް ނައެވެ. އޭނަ ހުރީ މާ ބޮޑަށް ބިރުގެންފައެވެ. ނާޒިމާ ވެސް ބިރުގަނެއެވެ. އެހެންނަމަވެސް ބިރުން ކަނެއްގައި ފިލާއޮންނާކަށް ބޭނުމެއް ނުވެއެވެ. އެހެން އޮވެއްޖެ ނަމަ، ދިރިއުޅުން ހުއްޓުމަކަށް އައީއެވެ. ޒިދުނާއަށް ކާމިޔާބުވީއެވެ. ހިތްވަރުކޮށްފައި ނާޒިމާ އައިސް ހައުލާ އޮތް ކޮޓަރިއަށް ވަނެވެ. ހައުލާ އޮތީ ވާހަކަފޮތެއް ހިފައިގެންނެވެ. އެ ތަނަކު އެހެން މީހަކު ނެތެވެ.
"ދަރިފުޅު ނަމާދުކޮށްފިން؟" ނާޒިމާ ސުވާލުކުރިއެވެ. "ދޭ ވުޟޫކޮށްގެން އަންނަން. މަންމަ ބުނަމެއްނު ނަމާދު ވަގުތު ޖެހުމުގެ ކުރިން ވުޟޫކޮށްގެން އިންނާށޭ."
"މި އުޅެނީ ފާޑެއްގެ ގޮތެއް ވާތީ،" މޭގައި އަތްއުނގުޅައިލަމުން ހައުލާ ބުންޏެވެ. "މެޔަށް ބާރުވެފަ ހުންނަނީ. ފާޑަކަށް ހޫނު ވެސް އެބައަރާ."
ޒިދުނާގެ ފިރުމާލުމަށް ބޮޑު އަގެއް އަދާކުރަން ޖެހޭނެހެން މާ ކުރިން ވެސް ނާޒިމާއަށް ހީވިއެވެ. ރާޝިދަށް ގުޅިއިރު އޭނަ ރަށަކު ނެތެވެ. މާލެއަންނަނީ އެއް ދުވަސް ފަހުންނެވެ. ނާޒިމާ އުންމީދުކުރަނީ ރާޝިދަށް އާދެވެންދެން ދަރިފުޅުގެ ހާލަތު އިތުރަށް ގޯސް ނުވާނެކަމުގައެވެ. ނާޒިމާ ފޯނު ހިފައިގެން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ވަގުތާ އަޅާބަލާއިރު މަގުމަތި އޮތީ ތަންކޮޅެއް ފަޅުކޮށެވެ. ފޯނުން ރާޝިދުގެ ނަންބަރު ހޯދައިފައި ގުޅައިލިއެވެ.
"ހީވަނީ އަނެއްކާ ވެސް ކަންތައްގަނޑު ލައިގަންނަނީހެން،" ކަންބޮޑުވެފައި ނާޒިމާ މަޑުމަޑުން ބުންޏެވެ. "މި ގެއިން މިހާރު ބައްޕަގެ ރޫޙު ވެސް އެބަ ފެނޭ. މުޅި ގޭތެރެ ނާމާންވެއްޖެ!"
"ޖިންނީންނަށް އިޚުތިޔާރު ކުރެވޭނެ އިންސާނުންގެ ސިފަ،" ރާޝިދު އެ ކަން އޮޅުންފިލުވައިދިނެވެ. "ވަރިހަމަ އެ މީހަކީ ދުނިޔޭގަ ހުރި މީހަކަސް، ނެތް މީހަކަސް. އަހަރުމެންގެ ނަބިއްޔާގެ ސިފަފުޅު ނޫން ހުރިހާ ސިފައަކަށް ޖިންނީންނަށް ބަދަލުވެވޭނެ. ތި ކިޔަނީނު އިންސާނުންގެ ރޫޙު ފެންނަ ވާހަކަ. މަރުވެފަ ތިބޭ މީހުންގެ ރޫޙު އަންނަ ވާހަކަ. ނާންނާނެ. އެއީ ވާނެކަމެއް ނޫން. އިންސާނާ މަރުވުމަށް ފަހު އޭނަގެ ހަށިގަނޑު ވާނީ ވެއްޔަށް. ފުރާނަ ދާނީ ﷲ ގެ ހަޟްރަތަށް. އެ ފުރާނަ އަލުން މި ދުނިޔެއަކަށް ނުފޮނުއްވާނެ. އިންސާނާ ނިދީމަ އޭނަގެ ފުރާނަ ގޮސް އެނބުރިއައުން އެއީ އަދި އެހެން ކަމެއް. މި ބުނަނީ މަރުވުމަށް ފަހު އަލުން މި ދުނިޔެއަކަށް ނާންނާނޭ. މިހާރުގެ ކުދިން މި ކިޔާ ގޯސްޓު ނޫނީ ރޫޙެއްގެ ސިފަޔަކު ނާންނާނެ. ޖިބްރީލްގެފާނު ބިމަށް ފައިބައިވަޑައިގެންނެވިއިރު ބައެއް ސަހާބީންގެ ސިފަފުޅު އިޚުތިޔާރު ކުރެއްވުން އެއީ އަދި އެހެން ކަމެއް. ބައެއް ފަހަރު އެކަކު ދެ ތާކުން ފެނެއެއްނު، ނޫނީ މި ދުނިޔެ ދޫކޮށް ގޮސްފައި ތިބޭ މީހުން ތި ފެންނަނީނު. އެ ގޮތަށް މީހަކު ފެނިއްޖެއްޔާ އެއީ ހަމަ ޖިންނިއެއް. ބޭނުމަކީ އިންސާނާ ބިރުގެންނެވުން. ދަރިންނަށް ވެސް މި ވާހަކަތައް ކިޔައިދީ."
ރާޝިދު ވަރަށް ގިނަ ކަންކަން އޮޅުންފިލުވައިދިނެވެ. ކުއްލިއަކަށް ނާޒިމާއަށް އިވުނީ، ކުޑަކުއްޖަކު ހީނލިއަޑެވެ. އަޑު އައީ ނާޒިމާގެ ފުރަގަހުންނެވެ. ހީވި ގޮތެއްކަމަށް ބަލައިފައި ނާޒިމާ އަޅައެއްނުލައެވެ. އެ ކޮޓަރީގެ ދޮރު ހުރީ ލައްޕައިފައެވެ. ކުޑަކުއްޖަކު އެ ތާކު ނޫޅެއެވެ. ހައުލާ އޮތީ އެނދުގައިކަން ނާޒިމާއަށް އެނގެއެވެ. ރާޝިދު ހުއްޓައިނުލައި ވާހަކަދެއްކިއެވެ. ކޮންމެވެސް މީހަކު ފަހަތުގައި ހުރިހެން ނާޒިމާއަށް އިހުސާސްކުރެވެން ފެށިއެވެ. އަނެއްކާ ވެސް މަޑުމަޑުން ހީނލި އަޑު އިވުނެވެ. ނާޒިމާ ވަށްކަޅިން ބަލައިލިއެވެ. ފުރަގަހުގައި މީހަކު ހުއްޓެވެ. ވަރަށް ގާތުގައެވެ. ނާޒިމާ އެނބުރުނެވެ. އެނދުގައި އޮތް ހައުލާ ހުރީ ނާޒިމާގެ ކުރިމަތީގައެވެ. އެ ވަގުތު ރާޝިދުގެ ފޯނުކޯލު ކެނޑުނެވެ.
ނުނިމޭ