25 ޖުލައި 2017 - 09:06

މެންޗެސްޓާ (ޖުލައި 25) – ޔުރޮޕާ ލީގުގެ ސެމީ ފައިނަލުގައި ސެލްޓާ ވީގޯއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި އެ ޓީމުގެ ޑިފެންޑަރު އެރިކް ބާއީ އަށް ދެއްކި ރަތްކާޑާ ގުޅިގެން އިތުރު ދެ މެޗަށް ޔުއެފާ އިން އޭނާ ސަސްޕެންޑްކޮށްފި އެވެ.
ދެ ޓީމު 1-1 އިން އެއްވަރުވި ނަމަވެސް އެގްރިގޭޓުން 2-1 އިން ކުރި ހޯދައިގެން ޔުނައިޓެޑް ފައިނަލަށް ދިޔަ މެޗުގެ 88 ވަނަ މިނެޓުގައި ބާއީ އަށް ސީދާ ރަތެއް ދެއްކީ ސެލްޓާގެ ކުޅުންތެރިއަކަށް ބޯޅަ ނެތީސް ހަމަލާ ދިނުމުންނެވެ.
އެ ރަތްކާޑާ ގުޅިގެން، ފައިނަލުގައި ޔުނައިޓެޑް އަޔަކްސް އަތުން 2-0 އިން މޮޅުވެ ތަށި ހޯދިއިރު ބާއީ ހުރީ ކުޅިބަލާށެވެ. އެކަމަކު ޔުއެފާ އިން މިހާރު ނިންމާއިވަނީ އޭނާ އަށް އިތުރު ދެ މެޗުގެ ސަސްޕެންޝަނެއް ދޭށެވެ. އެގޮތުން ޔުއެފާ ސުޕަ ކަޕް މެޗުގައި ޔޫރަޕުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް އަންނަ މަހުގެ 8 ވަނަ ދުވަހު ޔުނައިޓެޑް ކުޅޭ މެޗާއި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.
އައިވަރީ ކޯސްޓުގެ ޑިފެންޑަރުގެ މި މައްސަލަ އެޕީލް ކުރުމުގެ ފުރުސަތެއް ނެތެވެ. ސަބަބަކީ ޔުއެފާ އިން ރެފްރީގެ ނިންމުމެއް ބަދަލުކުރާނީ ހަމައެކަނި ނުބައި ކުޅުންތެރިއަކަށް ދެއްކޭ ކާޑުތަކުގެ މައްސަލަ ކަމަށްވާތީ އެވެ.