ކަސާނޯ އަނެއްކާ ވެސް ކުޅުން ހުއްޓާލައިފި
ކަސާނޯ އަނެއްކާ ވެސް ކުޅުން ހުއްޓާލައިފި

ވެރޯނާ، އިޓަލީ (ޖުލައި 25) – ހަފުތާއެއްގެ ތެރޭ ދެ ވަނަ ފަހަރަށް އިޓަލީގެ ފޯވާޑް އެންޓޯނިއޯ ކަސާނޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.

އިޓާލިއަން ލީގަށް އަލަށް ޕްރޮމޯޓްވި ވެރޯނާ އަށް މީގެ ދެ ހަފުތާ ކުރިން ސޮއިކުރި އުމުރުން 35 އަހަރުގެ ކަސާނޯ ވަނީ މިދިޔަ ބުދަ ދުވަހު ހެނދުނުގެ ވަގުތެއްގައި ކުޅުން ހުއްޓާލިކަން އިއުލާންކޮށްފަ އެވެ. އެކަމަކު އެ ދުވަހު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އޭނާ ވަނީ އެ ނިންމުން ބަދަލުކުރިކަން އިއުލާންކޮށްފަ އެވެ.

އޭނާ އެ ދުވަހު ބުނީ ކުޅުން ހުއްޓާލަން ބޭނުންވީ އާއިލާއާ ދުރުގައި ނުހުރެވޭނެތީ ކަމަށާއި އޭނާ ނަފްސާނީ ގޮތުން ބަލިކަށިވި ކަމަށެވެ. އެކަމަކު ނިންމުން ބަދަލުކުރުމަށް ފަހު ބުނީ މިހާރު ބޭނުންވަނީ އާ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަން ކަމަށެވެ.

އޭނާ އިއްޔެ ބުނީ ވަރަށް ވިސްނުމަށް ފަހު ގޮތެއް ނިންމައިފިން ކަމަށާއި އޭނާ ދެން ފުޓްބޯޅަ ނުކުޅޭނެ ކަމަށެވެ.

"މި ވަގުތު އަހަރެން އެންމެ އިސްކަންދެނީ ކުދިންނާއި އަންހެނުން ގާތު ހުރުމަށް،" ކަސާނޯ ބުނެފައިވެ އެވެ.

ކަސާނޯ އާއި އޭނާގެ އާއިލާ ދިރިއުޅެނީ ވެރޯނާއާ 300 ކިލޯމީޓަރު ދުރުގައި އޮންނަ ޖެނޯއާގަ އެވެ. މިއީ ކާރުގައި ނަމަ ގާތްގަނޑަކަށް ދެ ގަޑިއިރާއި ބައިގެ ދަތުރެކެވެ.

އިޓަލީގައި އުފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑުގެ ކެރިއަރަށް ހިޔަނި އެޅުނީ އަހުލާގީ ތަފާތު މައްސަލަތަކާ ހެދި އަދި ބައެއް ފަހަރު ސީރިއަސްކަން ކުޑަވުމުންނެވެ.

ރޯމާގައި ވިދާލި ފޯވާޑް ވަނީ 2006 އިން 2009 އަށް ރެއާލް މެޑްރިޑަށް ކުޅެ އެ ޓީމާ އެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. އޭގެ ފަހުން ފޯމް ގެއްލުނު ނަމަވެސް 2011 ވަނަ އަހަރު އޭސީ މިލާނަށް ބަދަލުވެ ކުރީގެ ކުޅުން ދައްކައި އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކުރި އެވެ. އަދި 2012 ވަނަ އަހަރުގެ ޔޫރޯގެ ދެ ވަނަ ހޯދި އިޓަލީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. އެދުވަސްވަރު އޭނާ އަށް ހިތުގެ މައްސަލައެއް ދިމާވި އިރު ފަހުން އަނެއްކާ ވަނީ ފޯމުން ކަޓައިފަ އެވެ.