25 ޖުލައި 2017 - 08:40

ބާސެލޯނާ (ޖުލައި 25) – ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ އެ ކްލަބުގައި މަޑުކުރޭތޯ ބާސެލޯނާ އިން އަންނަނީ ލައްކަ މަސައްކަތްކުރަމުންނެވެ. އެގޮތުން އޭނާއާ އެކު ބްރެޒިލް ގައުމީ ޓީމަށް ކުޅޭ ދެ ކުޅުންތެރިއަކު ގެންނަން ބާސެލޯނާ އިން ނޭމާ ގާތު ވައުދުވެދައިވާ ކަމަށް ސްޕެއިނުގެ ނޫސްތަކުން ބުނެފި އެވެ.
އެ ދެ ކުޅުންތެރިންނަކީ ލިވަޕޫލުގެ އެޓޭކިން މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ އާއި ޗައިނާގެ ގުއަންޒޫ އެވަގްރޭންޑަށް ކުޅޭ ޕައުލީނިއޯ އެވެ. މީގެ ތެރެއިން ޕައުލީނިއޯ ގެންނަން ފަސޭހަވި ނަމަވެސް ކުޓީނިއޯ ގެނައުމަކީ ބާސެލޯނާ އަށް ވަރަށް އުނދަގޫ ކަމަކަށްވާނެ އެވެ. ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ވަނީ އޭނާ ނުވިއްކާނެ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.
ކުޓީނިއޯ ގެންނަ ނަމަ މަދުވެގެން 80 މިލިއަން ޔޫރޯ ހަރަދުކުރަން ޖެހޭއިރު ޕައުލީނިއޯގެ އަގަކީ 40 މިލިއަން ޔޫރޯ އެވެ. ބާސެލޯނާ އިން އެންމެ ފުރަތަމަ މަސައްކަތްކުރަނީ ޕީއެސްޖީގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ ގެނައުމެވެ. އެކަމަކު އަގަކާ މެދު އެއްބަސްވުމަކަށް ނާދެވުނެވެ.
ނޭމާ ޕީއެސްޖީ އަށް ބަދަލުވާން އެ ކްލަބާ އެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްކުރެވިފައިވީ ނަމަވެސް ބާސެލޯނާ އިން ވަނީ އޭނާ ނުވިއްކާނެ ކަމަށް ބުނެފަ އެވެ. ޕީއެސްޖީން ވިސްނާފައިވަނީ، މީޑިއާތައް ބުނާ ގޮތުގައި ނޭމާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ އަދަދު ކަމަށްވާ 220 މިލިއަން ޔޫރޯ ދައްކައިގެން އޭނާ ގެންދާށެވެ.
ނޭމާ އެ ކްލަބް ދޫކޮށްލަން ބޭނުންވާ ސަބަބުތަކަކީ ބެލެވޭ ގޮތުގައި އެ ޓީމުގައި ލިއޮނަލް މެސީ ވެސް ހުރުމާ އެކު ސީދާ ޓީމުގެ އެންމެ މުހިއްމު މަގާމް އޭނާ އަށް ނުލިބުނެވެ. އަނެއްކޮޅުން ޕީއެސްޖީގައި ބްރެޒިލްގެ ގިނަ ކުޅުންތެރިންތަކެއް ތިބުމަކީ ވެސް އެ ކްލަބަށް އޭނާ ބަދަލުވާން ބޭނުންވެދާނެ ސަބަބެކެވެ. އޭގެ ތެރޭގައި ޑެނިއަލް އަލްވެސް އާއި މާކީނިއޯސް އަދި ތިއާގޯ ސިލްވާ ހިމެނެ އެވެ.