25 ޖުލައި 2017 - 00:19

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ވަރަށް ހިތްވަރު ކުރެއްވި ކަމަށާއި މިއީ ކާމިޔާބީގެ ފެށުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނިކޮށް، މަޖިލީހުގެ އިދާރާގެ ހުރިހާ ގޭޓެއް ސިފައިން މިއަދު ހެނދުނުން ފެށިގެން ތަޅުލައި މެންބަރުން ވަނުން މަނާ ކުރި އެވެ. އަދި ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒުގައި އިދިކޮޅު މެންބަރުން ބައްދަލު ކުރެއްވުމަށް ފަހު ހިންގަވާފައި މަޖިލީހަށް ވަޑައިގަންނަވަން އުޅުއްވުމުން އެކަމަށް ފުލުހުން ހުރަސް އެޅުމުން ވެސް އެ މެމްބަރުން ވަނީ މަޖިލީހުގެ ތެރެ އަށް ވަދެފަ އެވެ.
އެ މެމްބަރުން މަޖިލީހުން ނެރުނީ ސިފައިންނާއި ފުލުހުން މަޖިލީހުގެ އެތެރެ އަށް ވަދެ ބާރުގެ ބޭނުން ކޮށްގެންނެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި މުޒާހަރާގެ ތެރޭގައި މިއަދު މެންދުރު ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ސިފައިން މިއަދު މަޖިލީހުގެ އިދާރާ ހިސޯރުކުރީ ކަމަށާއި އެއީ ޑިމޮކްރެޓިކް ވެރިކަމެއްގައި ކަންތައް ހިނގާނެ ގޮތެއް ނޫން ކަމަށެވެ.
އެކަމަކު މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރަމުން އަންނަނީ އެ ބޭފުޅުން ކޮށްފައިވާ ހުވައާ އެއްގޮތަށް ކަން ޝާހިދު ފާހަގަކުރެއްވި އެވެ.
ސަރުކާރަށް އިސްލާހީ ބަދަލުތައް ގެނައުމަކީ ކުއްލިއަކަށްވާނެ ކަމެއް ނޫން ކަމަށާއި ހުދުމުހުތާރު ވެރިކަމެއްގައި، ރައްޔިތުންނަށް އެތައް އަނިޔާއެއް ދީގެން ނަމަވެސް އެ ބައެއްގެ ވެރިކަން ދިފާއު ކުރަން މަސައްކަތްކުރާނެ ކަމަށެވެ.
"އެކަމަކު ދިވެހި ރައްޔިތުން ހުއްޓާނުލާ ކުރަންވީ ކަމަކީ އިހުތިޖާޖުކުރުން. ފަހަތަށް ޖެހިވަޑައިގެންފިއްޔާ މި ވެރިކަން މިހާރަށްވުރެ ގަދަކޮށް، މުޅި ރާއްޖެ ފޭރިގަނެގެން މިކަން ނިންމާނީ. އެހެންވީމަ އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" ޝާހިދު ވިދާޅުވި އެވެ.
"މަޖިލީހުގެ މެމްބަރުން ވަރަށް ހިތްވަރު ކޮށްފައި އެތެރެ އަށް ވަޑައިގެންނެވީ. އެންމެ ފުރަތަމަ އިރު އެރި ތަނާ މަޖިލީހުގައި ބޮޑު ތަޅު އެޅުވި. ސަރުކާރުން އެއް ބާރުގައި އެ ތަޅު އެޅުވީ. އެކަމަކު އަޅުގަނޑުމެން ކުރި މަސައްކަތުން އެ ހިސާބަށް ދެވުނު، އަދި މަޖިލިސް ކުރާ ގޭ ތެރެ އަށް ވެސް އަޅުގަނޑުމެންނަށް ވަދެވުނު. ޕީޖީ ލީޑަރުގެ ކޮޓަރިކޮޅުގައި ހުއްޓާ ފުލުހުން އައިސް ޕެޕަ ސްޕްރޭ ޖަހައި ވަރަށް އެހާ ނެތިކޮށް މަޖިލިސް މެމްބަރުން ނެރުނީ. ކަޅު ސޮފްހާގެ ދުވަހެއްގެ ގޮތުގައި ބައެއް ބޭފުޅުން ސިފަކޮށްފާނެ. އެކަމަކު މިއީ ނަސްރާއި ކާމިޔާބީގެ ފެށުން އައިސްފައި މިވަނީ. ދެން ފަހަތަކަށް ޖެހުމެއް ނެތް،"
ޝާހިދު ވިދާޅުވީ ގުޅިފައިވާ އިއްތިހާދުން ފަށާފައިވާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި ރައްޔިތުންގެ ލާބަހުރި ވެރިކަމެއް ގާއިމްކޮށްދޭނެ ކަމަށެވެ.
ގުޅިފައިވާ އިދިކޮޅު އިއްތިހާދުން މިރޭ ވެސް ވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒަށް އެއްވުމަށް މަސައްކަތްކޮށްފަ އެެވެ. ނަމަވެސް އެ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވުމުން އެމްޑީޕީގެ އޮފީހަށް ބަދަލުކުރީ އެވެ. އެކަމަކު އެމްޑީޕީ އޮފީސް ސަރަހައްދަށް އެއްވި މީހުން ވެސް ފުލުހުން ދުރަށް ޖެއްސި އެވެ.