25 ޖުލައި 2017 - 00:19

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން މިއަދު މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަން އުޅުއްވުމުގެ ތެރޭގައި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅޭ ގޮތުން އެ އިދާރާ އިން މިރޭ ބަޔާން ނެރުނީ އޭނާ އަށް އެނގިވަޑައިގަތުމެއް ނެތި ކަމަށް މަޖިލިހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑަށް އެނގިފައެއް ނެތް [ބަޔާން ނެރުނު ކަމެއް]. އަޅުގަނޑު ނުދެކެން އަދި ބަޔާނެއް،" މަޖިލިހުގެ އިދާރާގެ ތައްގަނޑެއް އަދި ބޭފުޅެއްގެ ސޮޔެއް ވެސް ނެތި މަޖިލިހުގެ ލެޓާހެޑުގައި ނެރުނު ބަޔާނާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ދެންނެވުމުން އަހުމަދު ވިދާޅުވި އެވެ.
މަޖިލިހުގެ އިދާރާ އިން އާންމުކޮށް އަމަލުކުރާ އުސޫލަށް ބަލާއިރު، އެތަނުން ބަޔާން ނެރެނީ އަމީން އާންމަށް އެނގިވަޑައިގެންނެވެ. ނަަމަވެސް އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާގެ ތެރެއަށް މިއަދު މެންދުރު ވަދެވަޑައިގަތުމުގެ ކުރިންނާއި ފަހުން ސިފައިން ހިންގި އެއްވެސް ކަމެއް އަމީން އާންމަށް އެނގިވަޑައިގަންނަވާ ކަމަކަށް ނުވެ އެވެ. އަދި މިއަދު ހެނދުނު މަޖިލިހުގެ ހުރިހާ ގޭޓެއްގައި ސިފައިން ތަޅު އަޅުވައި ބަންދުކުރަން އެންގި ފަރާތެއް ވެސް އޭނާ އަށް އެނގިވަޑައެއް ނުގަންނަވަ އެވެ. ހަމައެކަނި އަމީން އާންމަށް މިއަދު އެނގިވަޑައިގަތް ކަމަކަށް ވަނީ މަޖިލިހުގެ އިދާރާގެ މުވައްޒަފުން ފިޔަވައި އިތުރު ބަޔަކަށް އެ ތަނަށް ނުވަދެވޭނެ ކަން އެމްއެންޑީއެފުން އަންގާފައި އޮތް ކަމެވެ.
އަމީން އާންމު ނެތް ހާލަތްތަކުގައި އޭނާގެ ޒިންމާތައް އަމީން އާންމުގެ ނައިބާ ހަވާލު ކުރެވެ އެވެ. ނަމަވެސް މިވަގުތު އަމީން އާންމުގެ އެއްވެސް ޒިންމާއެއް އޭނާގެ ނައިބާ ވެސް ހަވާލު ކޮށްފައި ނެތް ކަމަށް ވަނީ އެނގިފަ އެވެ.
ސިފައިންނާއި ފުލުހުން ވެސް މަޖިލިހުގެ އިދާރާގެ ތެރެއަށް މިއަދު ވަދެ މެމްބަރުންނާ ދެމެދު ހަމަނުޖެހުން ހިނގާފައިވާއިރު، އެވަގުތު އެ އިދާރާގައި ތިބި މުވައްޒަފުން ވެސް ސިފައިން ވަނީ ނެރެފަ އެވެ. އެކަމަކު ފަހުން މަޖިލިހުގެ އިދާރާ އަށް މުވައްޒަފުން ނެރުނު ކަމެއް ނޭނގެ އެވެ.
މަޖިލީހަށް އިދިކޮޅު މެމްބަރުން ވަންނަން އުޅުމުން އެކަމަށް ސަލާމަތީ ބާރުތަކުން ހުރަސް އެޅުމާއި މެމްބަރުން ގަދަކަމުން މަޖިލީހުން ނެރުމާ ގުޅިގެން މަޖިލީހުގެ އިދާރާއިން މިރޭ ނެރުނު ބަޔާނުގައި ބުނީ، އެއީ މަޖިލީހުގެ އެދުމުގެ މަތިން ކުރި ކަމެއް ކަމަށެވެ.