ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވީ މަޖިލީހުގެ އެދުމުގެ މަތިން: މަޖިލިސް
ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވީ މަޖިލީހުގެ އެދުމުގެ މަތިން: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހަށް ވަނުމަށް ސިފައިން ހުރަސް އަޅައި، މަޖިލީހަށް ވަތް މެމްބަރުން އެ ތަނުން ގަދަކަމުން ނެރުނީ މަޖިލީހުގެ އިދާރާގެ އެދުމުގެ މަތިން ކަމަށް މަޖިލީހުން މިރޭ ބުނެފި އެވެ.

ސިފައިން މިއަދު ހެނދުނުން ފެށިގެން މަޖިލިސް ބަންދު ކޮށް މަޖިލީހުގެ ގޭޓުތަކުގައި ތަޅު އަޅުވާފައި ވަނިކޮށް މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު މަޖިލީހަށް ވަންނަން އުޅުމުން ސަލާމަތީ ބާރުތަކުން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ. އަދި ގަދަކަމުން މަޖިލީހަށް ވަތް މެމްބަރުން ސަލާމަތީ ބާރުތަކުން ވަނީ ބާރުގެ ބޭނުންކޮށް އެ ތަނުން ނެރެފަ އެވެ.

އެކަމާ ގުޅިގެން މަޖިލީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދު ބާއްވަން އޮތް ޖަލްސާ ކެންސަލްކޮށް، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހަފުތާގައި ކަން އިއުލާން ކޮށްފައި ވަނިކޮށް ވެސް މިއަދު މަޖިލީހަށް ވަންނަން ބައެއް ފަރާތްތަކުން ގޮވާލި ކަމަށެވެ. އެހެންވެ، މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، މަޖިލިސް ތެރޭގައި ގާނޫނާ ޚިލާފް ކަމެއް ކުރިޔަ ނުދޭން އެމްއެންޑީއެފްގައި މަޖިލީހުގެ އިދާރާ އިން އެދިފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މަޖިލީހުގެ ތެރެ އަށް ސިފައިންގެ އިތުރުން ފުލުހުން ވެސް ވަދެ، ބާރުގެ ބޭނުންކޮށް މަޖިލީހުގެ މެމްބަރުން ނެރެފައިވެ އެވެ. ނަމަވެސް ފުލުހުން މަޖިލީހަށް ވަނީ މަޖިލީހު އެދުމުން ކަމަށް މި ބަޔާނުގައި ސީދާ ގޮތެއްގައި ބުނެފައެއް ނުވެ އެވެ.

ފުލުހުންގެ ވާހަކަ ބަޔާން ނުކޮށް މަޖިލީހުގެ ބަޔާނުގައި ބުނެފައިވަނީ "މިއަދު ރައްޔިތުންގެ މަޖިލީހުގެ ގެ އާއި ގޯތި ތެރޭގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވެފައި ވަނީ މިދެންނެވި ގޮތުގެ މަތިން" ކަމަށެވެ.

ގަދަކަމުން މަޖިލިސް މެމްބަރުން މަޖިލީހަށް ވަދެ، ގާނޫނާ ޚިލާފް ކަންތައްތަކެއް އެތަނުގައި ކުރާ ކަމުގެ މައުލޫމާތު ލިބުމުން އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ސަލާމަތީ ބާރުތަކުގައި އެދިފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. މަޖިލިސްގެ ސަލާމަތީ ކަންކަން އަބަދުވެސް ބަލަހައްޓަނީ އެމްއެންޑީއެފް އިން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެމްއެންޑީއެފް އިން އެކަންކަން ބަލަހައްޓާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

މަޖިލިސް މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް އެޅުމުން ހިނގި ހަމަނުޖެހުންތަކުގަ އާއި މެމްބަރުން އެތަނުން ނެރުމުގެ ތެރޭގައި ބައެއް މެމްބަރުންނަށް ވަނީ އަނިޔާވެފަ އެވެ. އަދި ބައެއް މެމްބަރުންނަށް ހޮސްޕިޓަލްގައި ވަނީ ފަރުވާ ދީފަ އެވެ. އެކަމާ ގުޅިގެން ބޭރުގެ ބައެއް ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.