24 ޖުލައި 2017 - 21:59

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން، ޖުމްހޫރީ ޕާޓީގެ ހަރުގެ، މ. ކުނޫޒުގައި ބާއްވަން އުޅުނު އެއްވުމަށް ފުލުހުން ހުރަސް އަޅައި އެ ތަނަށް ވަނަ ނުދިނުމުން، އިދިކޮޅުގެ ފަރާތްތަކުގެ އެއްވުން، އެމްޑީޕީގެ އޮފީސް ކުރިމަތީގައި ފަށައިގެން ކުރިއަށް އެބަ ދެ އެވެ.

މިރޭ އިރާކޮޅު އިދިކޮޅު ސިޔާސީ ބޭފުޅުން ކުނޫޒު ދޮށަށް އެއްވާން ފެށުމުން ފުލުހުންގެ އެސްއޯ ޓީމުގެ މެމްބަރުން ވަނީ އެކަމަށް ހުރަސް އަޅައި އެ ސަރަހައްދު ބަންދުކޮށްފަ އެވެ. އޭރު ކުނޫޒު ދޮރުމަތިން މަގުމަތީގައި ވަނީ ޕޯޑިއަމެއް ބަހައްޓައި އެއްވުން ފެށުމަށް ތައްޔާރުވަމުންނެވެ.

އަދި މިހާރު ފުލުހުން ވަނީ ކުނޫޒު ހުންނަ ސަރަހައްދަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ.
ކުނޫޒަށް ނުވަދެވުމުން އިދިކޮޅު ސިޔާސީ ބޭފުޅުންނާއި ޕާޓީތަކުގެ އެކްޓިވިސްޓުން މިހާރު ގޮސް ތިބީ، ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީސް ދޮށުގަ އެވެ. ނަމަވެސް އެ ސަރަހައްދަށް މިހާރު ގޮސް ތިބި އެެސްއޯ ފުލުހުން ދަނީ އެ ސަރަހައްދުން މީހުން ދުރަށް ޖައްސަމުންނެވެ. އަދި އެ ސަރަހައްދުގައި ތިބި ނޫސްވެރިން ވެސް މިހާރު ވަނީ އެމްޑީޕީ އޮފީހާ ދުރަށް ޖައްސައިފަ އެވެ.
އެމްޑީޕީ އޮފީސް ދޮށަށް މީހުން އެއްވުމުން، އެ ސަރަހައްދުން އާންމުން ދުރަށް ޖައްސައި ގިނަ އަދަދެއްގެ ފުލުހުން މިހާރު ވަނީ އެ ސަރަހައްދަށް ޖަމާވެފަ އެވެ. ނަމަވެސް މަޖިލީހުގެ ބައެއް މެމްބަރުން އެ އޮފީސް ކުރިމަތީ ތިއްބަވައިގެން މިހާރު ގެންދަވަނީ އާންމުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
އިދިކޮޅު އެކްޓިވިސްޓުން ސޯސަން މަގުގެ އެކި ހިސާބުތަކުގައި ތިބި އިރު، އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން މިހާރު ތިއްބެވީ އެމްޑީޕީ އޮފީހުގެ ތެރޭގަ އެވެ.
މީގެ އިރުކޮޅެއް ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނާއި ގަވާއިދާ ޚިލާފަށް އެއްވުމެއް ބާއްވަން މަސައްކަތް ކުރަމުން ދާތީ ފަނޑިޔާރު މަގު ސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ބޭއްވި އެއްވުމާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންގައި މިހާރު އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ނެތް ކަމަށާއި މާލޭގެ އެއްވެސް ސަރަހައްދެއްގައި ގާނޫނާ ޚިލާފަށް އެއްވުމެއް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.