ވަހީދާއި އަމީތު ދޫކޮށްލައިފި
ވަހީދާއި އަމީތު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި ތިއްބަވަނިކޮށް ފުލުހުން މިއަދު ހައްޔަރުކުރި، ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތު ދެންމެ ދޫކޮށްލައިފި އެވެ.

މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ މެމްބަރުންގެ ތެރެއިން ވަހީދާއި އަމީތު ހައްޔަރުކުރި އެއް ސަބަބަކީ މަޖިލިހުގެ އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް މިއަދު ވަޑައިގެންނެވި ވަގުތު ފުލުހުންގެ ސަފުތައް ފޫއަޅުވާލުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަނެއް ސަބަބަކީ ފުލުހުން ބުނެފައިވާ ގޮތުގައި، މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަންސް އިން ކަނޑައަޅާފައި ވަނިކޮށް، މަޖިލިހުގެ އިދާރާ އަށް އެ ބޭފުޅުން ވަދެވަޑައިގަތުމެވެ.

ފުލުހުން ބުނެފައި ވަނީ މަޖިލިހުގެ މެމްބަރުން ނޫން ބަޔަކު މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލަ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިދިނުމަށް މަޖިލިހުގެ އިދާރާ އިން އެދިފައިވާ ކަމަށެވެ.

މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަ ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކު ވަނީ އެ މައްސަލަ ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތްކަން މިއަދު ވަނީ އަންގައިފަ އެވެ.

އެއީ ވަހީދާއި އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިން އެވެ.