24 ޖުލައި 2017 - 16:09

ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މުހައްމަދު އަމީތު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތުލުސްދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ވަހީދާއި މަޑުއްވަރި ދާއިރާގެ ގޮނޑި ފުރުއްވަމުން އައި އަމީތު ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލިހުގެ އިދާރާ އަށް އިދިކޮޅު މެމްބަރުން ވަޑައިގެންނެވި ވަގުތު ފުލުހުންގެ ސަފުތައް ރޫޅާލައި އަދި މަޖިލިސް މެމްބަރުކަން ގެއްލިފައި ވަނިކޮށް މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވި މައްސަލައިގަ އެވެ.
"މަޖިލިހުގެ މެމްބަރުން ނޫން ގޮތުގައި ތިއްބަވައިގެން މަޖިލިހުގެ އިދާރާ އަށް ވަތް މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް މަޖިލިހުގެ އިދާރާ އިން ވަނީ ފުލުހުންނަށް ވަނީ ހުށަހަޅާފައި. މިގޮތަށް މަޖިލިސް މެމްބަރުން ނޫން ގޮތުގައި ތިއްބެވި ބޭފުޅުންތަކެއް މަޖިލިހަށް ވަތް ނަމަ އެކަން ވެސް ބަލާނަން،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މިއަދު ހިންގި ހަރަކާތުގައި ފުލުހުންގެ ސަފުތައް ރޫޅާލި އެހެން މީހުންގެ މައްސަލަ ވެސް ބަލާނެ އެވެ.
އަމީތާއި ވަހީދު ހައްޔަރުކުރިއިރު، އެ ދެ ބޭފުޅުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅައިފަ އެވެ. އެ ދެ މެމްބަރުންގެ އިތުރުން ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލަ ވެސް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އަދި ލަތީފާއި ސައުދު ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން މިއަދު ވަނީ ބަލައިގެންފަ އެވެ.
ވަހީދާއި އަމީތު ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތް ކަމެއް އަދިއެއް ނޭނގެ އެވެ.