ޓޮއިލެޓް ޕޭޕަރުގެ ވެޑިން ޑްރެސްއެއް
ޓޮއިލެޓް ޕޭޕަރުގެ ވެޑިން ޑްރެސްއެއް

ޓޮއިލެޓް ޕޭޕަރުން ކައިވެނީގެ ހެދުމެއް ތައްޔާރުކޮށްފި އެވެ. މި ހެދުމުގައި އަތުން ކަފާފައިވާ 1،500 ކޮކާ ހަރުކޮށްފައިވެ އެވެ. ދެ ކުދިންގެ މަންމައަކު ތައްޔާރުކުރި މި ހެދުން ނިއު ޔޯކްގެ ފެޝަން މުބާރާތަކުން ވަނީ އެއް ވަނަ އަށް ގޮސްފަ އެވެ. އިނާމަކަށް 10،000 ޑޮލަރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލިބިފަ އެވެ.

ކައިވެނީގެ ރަސްމިއްޔާތުގައި މި ހެދުން ލާން ބޭނުން މީހަކަށް ހެދުން ލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

"ރިޕްލީޒް ބިލީވް އިޓް އޯ ނޮޓް" އަކީ ކޮންމެ އަހަރަކުވެސް މި މުބާރާތުން ވަނަތަކަށް ހޮވޭ އެއްޗެހި މައުރަޒުކޮށްދޭ ފަރާތެވެ.

އަލަތު ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް ދަރަނިވެރިވެ، ޕްލޭން ކެންސަލްކުރަން މަޖުބޫރުވެފައިވާ 20 ޖޯޑަކަށް މިފަހަރު ވެސް މީގެ 20 ހެދުން ޚައިރާތު ކުރަން ވަނީ ހަމަޖެހިފަ އެވެ.

ޓޮއިލެޓް ޕޭޕަރުން ކައިވެނީގެ ހެދުން ތައްޔާރުކުރި ކަރީ ކުރުލޭޓޯ އަކީ ލަސް ވެގަސްގައި ދިރިއުޅޭ ބަތަލާއެކެވެ. އޭނާ މި ހެދުން ޑިޒައިންކުރީ ޓޮއިލެޓް ޕޭޕަރާއި ތެރަސް އަދި ޓޭޕް ބޭނުންކޮށްގެންނެވެ. މި މަސައްކަތް އޭނާ ކުރަނީ ރޭގަނޑު ދަރިން ނިންދެވުމަށް ފަހު ލިބޭ ހުސް ވަގުތުކޮޅުގަ އެވެ.

މިއީ މީގެ 13 އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ ޓޮއިލެޓް ޕޭޕަރުން ވެޑިން ޑްރެސް ހެދުމުގެ މުބާރާތުގައި އޭނާ ބައިވެރިވި ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގައި 1،517 މީހުން ހެދުން ބައިވެރި ކޮށްފައިވެ އެވެ.

ކުރުލޭޓޯ ބުނި ގޮތުގައި އޭނާއަށް އެއްވަނަ ލިބުނުކަން އަދިވެސް ގަބޫލުކުރަން ދައްޗެވެ. ހީވަނީ އަދިވެސް ހުވަފެނެއްގައި އުޅެވޭހެން ކަމަށާއި ހެދުން ތައްޔާރުކުރަން ފަށައިގެން ވަކި ހިސާބަކުން އެކަން ނުކޮށް ހުއްޓާލަން އުޅުނު ކަމަށް ވެސް ބުންޏެވެ.

"ބައެއް ދުވަސް ދުވަހު އަހަންނަށް ރޮވޭ. އަދި ދެން މިކަމެއް ނުވާނޭ ހިތަށް އަރާ ހުއްޓާލަން ވެސް ވިސްނިން. ހަގީގަތުގައި ވެސް މިއީ ވަރަށް ބުރަށް މަސައްކަތެއް،" ކުރުލޭޓޯ ބުންޏެވެ.