ހަތަރު މެމްބަރުންގެ މައްސަލަ ވެސް ސުޕްރީމް ކޯޓުން ބަލައިގެންފި
ހަތަރު މެމްބަރުންގެ މައްސަލަ ވެސް ސުޕްރީމް ކޯޓުން ބަލައިގެންފި

ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ހަތަރު މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަންނަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރެއިން ހއ. ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ދިއްގަރު ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އަދި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިންގެ ގޮނޑި ގެއްލިއްޖެ ކަމަށް ނިންމައި، އިލެކްޝަންސް ކޮމިޝަނުން ވަނީ ބައިއިލެކްޝަން ވެސް އިއުލާންކޮށްފަ އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮނޑި ގެއްލިޖެކަމާ މެދު ޝައްކު އުފެދިއްޖެ ނަމަ އެއާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.

ޕީޕީއެމްގެ 10 މެމްބަރަކު އިދިކޮޅު ހަރަކާތްތަކާ ގުޅިވަޑައިގަތުމުން ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. އެކަމަކު ބަންޑާރަ ނައިބު މުހައްމަދު އަނިލް ހުށަހެޅުއްވި މައްސަލައެއްގައި ސުޕްރީމް ކޯޓުން މި މަހު 13 ގައި ނިންމީ، ވަކި ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް ހޮވުމުން އެ ޕާޓީން ވަކިވުން، ވަކިކުރުން ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އެކަމަކު އެ ހުކުމް ނެރުމުގެ ކުރިން އޭގެ ތެރެއިން ނުވަ މެމްބަރަކު ޕީޕީއެމުން ކެނޑިވަޑައިގަތެވެ.

ޕީޕީއެމުން ދެން މަސައްކަތްކުރީ އެއީ ނުކެނޑޭ ބައެއް ކަމަށް ހަދައަި، ހިފެހެއްޓުމަށެވެ. ހަތަރު މެމްބަރުންގެ ތެރެއިން އަމީތާއި ވައްޑެ އަދި ސައުދަކީ ޕީޕީއެމުން މާ ކުރިން ވަކިކުރި މެމްބަރުންތަކެކެވެ. ލަތީފު ވަކިވެވަޑައިގަތީ، މަސީހުގެ މައްސަލާގައި ސޮއިކުރެއްވި ފަހުންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ މެދު ތަފާތު ހިޔާލު އުފައްދަން ފެށުމުން އެ ކޯޓުން ވަނީ ފަހުން އަމުރެއް ނެރެފަ އެވެ. އެ އަމަރުގައި އޮތީ އެ ހުކުމުގެ ކުރިން ހިނގާފައިވާ ކަމަކަށް އޭގެ އަސަރެއް ނުކުރާނެ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އެ ބޭފުޅުންގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާ ގޮތުން އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކަށް ހުއްދަ ދޭނީ ފަނޑިޔާރުންގެ މަޖިލީހުންނެވެ.

ހަތަރު މެމްބަރުންނަށް ސުޕްރީމް ކޯޓުން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ މައްސަލަ ހުށަހަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފަނޑިޔާރުން ނިންމަވާފައި ވާތީ، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދީފައިވާ ކަމަށާއި ތިން ދުވަހުގެ ތެރޭގައި މައްސަލަ ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.