24 ޖުލައި 2017 - 15:54

ރިޝްވަތުގެ މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ތާވަލު ކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ހެނދުނު ބާއްވަން ހަމަޖެއްސި އިރު ގާސިމް އަދިވެސް އޮތީ އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ އެވެ. އެ މައްސަލައިގެ ކުރީގެ އަޑުއެހުން ވެސް ކެންސަލް ކުރަން ޖެހުނީ ގާސިމް ހޮސްޕިޓަލްގައި އޮންނެވުމުންނެވެ.
ގާސިމްގެ ސިއްހީ ހާލަތު ގޯސްވުމުން އިތުރު ފަރުވާ އަށް އޭނާ ރާއްޖެ އިން ބޭރަށް ގެންދަން އުޅުނަސް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ބޭރަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ. ގާސިމްގެ ސިއްހީ ހާލަތު ހުރިގޮތުން، ރާއްޖެ އިން ނުހެދޭ ޓެސްޓްތަކެއް ހަދަން ޖެހިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ގާސިމަށް ފުރާ ގޮތް ނުވުމުން އެ މައްސަލަ ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ސަމާލު ކަމަށް ގެނެސްފަ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ކުރިން ހުށަހެޅި މައްސަލައިގައި މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ މާދަމާ ބާއްވާ އަޑުއެހުމަކީ ކުރިން އެ މައްސަލަ ކޯޓުން ބޭރު ކޮށްލުމުން އަލުން އެ މައްސަލަ ދައުލަތުން ހުށަހެޅުމުން ބާއްވާ ފުރަތަމަ އަޑުއެހުމެވެ. ކުރިން އެ ދައުވާ ބޭރު ކޮށްލީ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރު ނުވުމުންނެވެ.