24 ޖުލައި 2017 - 15:05

ބެއިޖިން (ޖުލައި 24) - ދެ ގައުމު ގުޅުނު ބޯޑަރު ސަރަހައްދުގައި ތިބި އިންޑިއާ ސިފައިން ފަހަތަށް ޖެއްސުމަށް ޗައިނާ އިން ގޮވާލައިފި އެވެ.
އިންޑިއާގެ އޮފިޝަލުން ބުނީ ދެ ގައުމުގެ މެދުގައި މައްސަލަ ބޮޑު ޑޮކްލާމް ބޯޑަރު ސަރަހައްދަށް އިންޑިއާގެ 300 ސިފައިން ޖަމާކޮށްފައިވާ ކަމަށެވެ. އިންޑިއާ ސިފައިން އެ ސަރަހައްދަށް ޖަމާކުރަން ފަށާފައި ވަނީ މިދިޔަ ޖޫން މަހުން ފެށިގެން ޗައިނާ އިން އެ ސަރަހައްދުގައި އިންޑިއާގެ ބޯޑަރާ ދިމާލަށް މަގެއް ހަދަން ފެށުމުންނެވެ.
ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ކާނަލް ވޫ ގިއަން ވިދާޅުވީ ޗައިނާގެ ބިމުން އެންމެ އިންޗިއަކާ މެދު ވެސް އެ ގައުމުން ސަމާލުކަންދޭ މިންވަރު އިންޑިއާ އިން އަންޑައެސްޓިމޭޓް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ޗައިނާ އިން ދަނީ ބޯޑަރު ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރަމުން ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ވިދާޅުވީ ބޯޑަރު ކައިރީ ޗައިނާ އިން މަގެއް ހަދަމުން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އަދި ދެ ގައުމުގެ ބޯޑަރު ބަދަލު ކުރަން ޗައިނާ އިން އުޅުމަކީ އެއީ އިންޑިއާގެ ސަލާމަތާ ގުޅިފައިވާ ބޮޑު މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
ޗައިނާ އާއި އިންޑިއާ އިން 3،500 ކިލޯ މީޓަރުގެ ބޯޑަރެއް ހިއްސާ ކުރެ އެވެ. ދެ ގައުމުން ވަނީ 1962 ވަނަ އަހަރު ހަނގުރާމައެއް ކޮށްފަ އެވެ.