"މުންނާ މައިކަލް"ގެ ޑައިރެކްޓަރު ދެކެ ސަލްމާނާއި އާއިލާ ރުޅިއަތުވެއްޖެ
"މުންނާ މައިކަލް"ގެ ޑައިރެކްޓަރު ދެކެ ސަލްމާނާއި އާއިލާ ރުޅިއަތުވެއްޖެ

ސަލްމާން ޚާންގެ "ދަބަންގް 3" ޑައިރެކްޓްކުރުމާ އޭނާ ހަވާލުވެފައިވާ ކަމަށާއި މިހާރު އެ ފިލްމު ފެށުމުގެ ތައްޔާރީތައް ފަށަން އުޅޭ ކަމަށް ޑައިރެކްޓަރު ސައްބީރް ޚާން މީޑިއާގައި ބުނުމާ ގުޅިގެން ސަލްމާން ޚާނާއި އޭނާގެ އާއިލާ ސައްބީރް ދެކެ ވަރަށް ރުޅިއަތުވެއްޖެ އެވެ.

"މުންނާ މައިކަލް" އާއި "ބާޣީ" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ސައްބީރް މީޑިއާގައި ބުނެފައިވަނީ މިހާރު ސްކްރިޕްޓާއި އެނޫންވެސް ކަރުދާހުގެ މަސައްކަތްތައް ކުރަމުން އަންނާތީ އިތުރު އެއްޗެއް މިވަގުތު ބުނެވެން ނެތް ކަމަށެވެ.

ނަމަވެސް ސަލްމާންގެ އާއިލާއިން ބުނަނީ ސައްބީރް ހަދަނީ ދޮގު ކަމަށާއި "ދަބަންގް 3" ޑައިރެކްޓްކުރުމުގެ މަސައްކަތް އޭނާއާ ހަވާލު ނުކުރާ ކަމަށެވެ. ސަލްމާންގެ އާއިލާގެ ފަރާތުން މިކަމާ ގުޅޭ ގޮތުން ފުރަތަމަ ވާހަކަ ދެއްކި އަރްބާޒް ޚާން ބުނީ ސައްބީރް ދެއްކި ވާހަކައަކީ ދޮގެއް ކަމަށާއި އެ ވާހަކަތަކުގައި އެއްވެސް ވަރެއްގެ ހަގީގަތެއް ނެތް ކަމަށެވެ.

ސަލްމާން ވެސް ވަނީ މިކަމާ ވަރަށް ރުޅިއައިސްފަ އެވެ. ސަބަބަކީ "ދަބަންގް 3" ޑައިރެކްޓްކުރުމުގެ ޒިންމާ އޭނާ ވަނީ ގާތް އެކުވެރިޔާ އަދި މަޝްހޫރު ކޯރިއޯގްރާފަރު-ޑައިރެކްޓަރު ޕްރަބޫ ދޭވާ އާ ހަވާލު ކޮށްފަ އެވެ. އެހެންކަމުން މަޝްހޫރުވާންވެގެން ވެސް ސައްބީރް މިކަހަލަ ވާހަކައެއް ދެއްކީ ކަމަށް ސަލްމާންގެ އާއިލާއިން ތުހުމަތު ކުރެ އެވެ. އަދި ދެން ދުވަހަކުވެސް ސައްބީރް އާއެކު މަސައްކަތް ނުކުރާން އެމީހުން ވަނީ ނިންމާފަ އެވެ.

އަދި ސަލްމާން ޚާންގެ ގާތް އެކުވެރިޔާ ޕްރޮޑީއުސަރު ސާޖިދު ނަދިއަދްވާލާ ވެސް ވަނީ ސައްބީރްގެ ބަދަލުގައި "ބާޣީ 2" ޑައިރެކްޓްކުރުން އަހުމަދު ޚާނާ ހަވާލު ކޮށްފަ އެވެ.