25 ޖުލައި 2017 - 06:33

އަންނަ ހުކުރު ދުވަހަކީ ބޮލީވުޑަށް ބޮޑު ދުވަހެކެވެ. ކޮންމެ މީހަކަށް ވެސް ކަމުދާ ޒާތުގެ މަދުވެގެން އެއް ފިލްމު ރިލީޒްކުރާ ދުވަހެކެވެ. ހެއްވާ، މަޖާ، މޮޔަ ކަންތައްތައް ކުރާ ފިލްމެއް ބަލަން ބޭނުންވާ މީހުންނަށް އަރްޖުން ކަޕޫރު ޑަބަލް ރޯލު ކުޅެފައިވާ "މުބާރަކަން" ވަރަށް ކަމުދާނެ އެވެ.
ބަތަލާއިންގެ ގޮތުގައި އަތިޔާ ޝެޓީ އާއި އިލައިނާ ޑިކުރޫޒް ފެނިގެންދާ މި ފިލްމުގައި އަރްޖުންއާ އެކު އަނިލް ކަޕޫރު ވެސް ހަމަ އެހާ މަޖާ ރޯލެއް ކުޅެ އެވެ. ހަގީގީ އާއިލީ ގުޅުމެކޭ އެފަދައިން ފިލްމުގައި ވެސް އަނިލް އާއި އަރްޖުން ކުޅެނީ ބޮޑުބޭބެއަކާއި ބޮޑުބޭބެ ދަރިއެއްގެ ރޯލެވެ. ފިލްމުގެ ޓްރެއިލާއިން ވެސް ފިލްމުގެ މަޖާކަން ވަރަށް ބޮޑަށް ހާމަވެ އެވެ.
މި ފިލްމުގައި ދައްކަނީ އެއްވައްތަރުގެ އެއްމާބަނޑު ދެބެއިން ލޯބިވާ ދެ އަންހެންކުދިންނާ ކައިވެނި ނުކުރެވިން ދިމާވާ ކަންތައް ތަކެކެވެ.
ދެން އޮތީ ވަރަށް ވަތަނީ ފިލްމެއް ކަމަށްވާ "ރާގް ދޭޝް" އެވެ. މި ފިލްމުގެ ތަރިންނަކީ ކުނާލް ކަޕޫރާއި މޯހިތު މަރްވާ، އަމިތު ސަދް އަދި މުރުދުލާ މުރަލީ އެވެ.
މީގެ އިތުރުން މަދުރް ބަންޑާރްކަރް ޑައިރެކްޓްކޮށްފައިވާ ޕޮލިޓިކަލް ތުރިލާ "އިންދޫ ސަރްކާރް" ވެސް އަންނަ ހުކުރު ދުވަހު ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ކީރްތީ ކުލްހާރީ އާއި ނީލް ނިތިން މުކޭޝް އަދި ތޯތާ ރޯއި ޗައުދަރީ ލީޑް ރޯލުތައް ކުޅެފައިވާ މި ފިލްމަކީ އިންޑިޔާގައި އިމަޖެންސީ ހިންގައިގެން އުޅުނު ދުވަސްވަރު ހިނގި ސިޔާސީ ކަންތައްގަނޑެކެވެ.