26 ޖޫން 2016 - 08:13

އީޔޫގެ މެންބަރެއް ގޮތުގައި އޮތުމަށް އިނގިރޭސިން ދެކޮޅުހަދައިފި އެވެ. އެ ކަމުގެ ސަބަބުން ކިތަންމެ ކަމެއް، ކިތަންމެ ބަޔަކަށް އުނދަގޫ ވެދާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އިނގިރޭސިވިލާތް މިހާރު އެ އޮތީ އެ ފައްތަރުގަ އެވެ. އީޔޫ އިން ވަކިވުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި ފުލުސްޓޮޕް ޖެހުމާ ދިމާ އަށް މިސްރާބު ހުރިއިރު ފެންނަނީ ކުންފުނިތަކުގެ ވެރިންގެ ބޮލުން ވެސް ދުންއަރާ މަންޒަރެވެ.
އިނގިރޭސިވިލާތުގައި ހުންނަ ސެމްސަންގް ހެޑްކުއާޓަރުގެ ވެރިންނަށް މި ދެތިން ދުވަހު ހަމަ ނިދި ނުލިބެ އެވެ. އީޔޫ އަށް ނިސްބަތްކުރެވޭ ކޮންމެވެސް ސަރަހައްދަކުން ބިންކޮޅެއް ލިބޭތޯ ކޮޅުކޮޅަށް ދުވަނީ އެވެ. ހެޑްކުއާޓަރު ބަދަލުކުރުމަށްޓަކަ އެވެ. އީޔޫ އިން އިނގިރޭސިވިލާތް ވަކިވާ ގޮތަކުން ސެމްސަންގް އަށް އަރާފާނެ ލޮޅުންތައް ކުޑަކުރުމަށެވެ.
ސެމްސަންގް ފެކްޓަރީތައް ޔޫރަޕްގައި ހުންނަނީ ސްލޮވޭކިއާ އާއި ޕޮލޭންޑްގަ އެވެ. ޔޫރަޕް ހެޑްކުއާޓަރު ހުންނަނީ އިނގިރޭސިވިލާތުގައި، ލަންޑަންގަ އެވެ. އީޔޫ އިން އިނގިރޭސިވިލާތް އަމަލީ ގޮތުން ވަކިވެއްޖެ ނަމަ ލަންޑަންގައި ހުރި ހެޑްކުއާޓަރު ޔޫރަޕަށް ނިސްބަތެއް ނުކުރެވޭނެ އެވެ. ޔޫރަޕްގެ ވިޔަފާރި މަރުކަޒެއް ގޮތުގައި އެއްވެސް ކަހަލަ އިނާޔަތެއް އެ ހެޑްކުއާޓަރަށް ލިބޭ ނަމަ އެ ކަމަކުން ވެސް މަހުރޫމްވާނެ އެވެ.
އިނގިރޭސިންގެ އިޚްތިޔާރާ ގުޅިގެން އެ ސަރަހައްދުގެ އިގްތިސާދަށް އަންނަ ލޮޅުން މުޅި ދުނިޔެ އަށް ފެތުރޭނެ އެވެ. އިނގިރޭސިވިލާތުގައި އިންވެސްޓްކޮށްގެން ތިބި ކުންފުނިތަކަށް ބޮޑު ބަދަލުތަކެއް އަންނާނެ އެވެ. ކުރި އަށް ރާވާފައި ހުރި ގިނަ ޕްރޮޖެކްޓްތައް މަޑުޖައްސާލަން މަޖުބޫރުވާނެ އެވެ. ސެމްސަންގުން މިހާރު އެ ކުރަނީ އެ ސަރަހައްދުގައި ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭ މަަސައްކަތްތަކެވެ. އެއީ ދިގުދެމިގެން ހިނގައިދާނެ މަަސައްކަތްތަކެއް ކަމަށް ބެލެވެ އެވެ.