26 ޖޫން 2016 - 08:00

(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން ހުރީމެވެ. ލޯތްބަކީ އެއީ ހެއްޔެވެ؟ ހިތަށްއަރާއިރަށް ހަނދާންނައްތައިލައިފައި ހިތަށްއަރާއިރަށް ގުޅީމައި އަހަރެން ވީ ވާހަކަދައްކަން ހެއްޔެވެ؟ އެހާ ލާޗާރެއް އެއްވެސް އިރެއްގައި އަހަރެން ނުވެއެވެ. އަޔާޒު އެއީ އުޅޭ މީހެއްކަން ނޭނގޭއިރު ވެސް އަހަރެން އުޅުނީމެވެ. އަހަރެންމަތިން ހަނދާންނައްތާލީމައި ވެސް އަހަރެން އުޅުނީމެވެ. ދެން ވެސް އުޅެވޭނެއެވެ.
"ހެޔޮނުވާނެ ކޮންމެވެސް އެއްޗެކޭ ބުނޭ!" އަޔާޒު އެދުނެވެ. ދެއްކުންތެރިކަމެއް ނެތް ކަހަލަ ރާގެއްގައެވެ. "މިހިރީ ވަރަށް ފޫހިވެފައޭ ބުންޏަސް ހެވޭ. ބޭނުން އެއްޗެއް ކިޔާލާ. ތި އަޑުއަހާލާ ހިތުން މަރުވާ ވަރު ވެފަ މިހިރީ."
ކުރަން ބޭނުން ކިތަންމެ ޝަކުވާއެއް ހުއްޓެވެ. އެއްވެސް އެއްޗެއް ނުބުނެ ފޯނު ކަނޑައިލީ އަހަރެންގެ އަޑު އަޔާޒަށް އިވުނަ ނުދިނުމަށްޓަކައެވެ. ލޯތްބަކީ އަޖައިބެއް ކަހަލަ އެއްޗެކެވެ. އަމިއްލަ ނަފުސު ފިޔަވައި އެހެން މީހަކުދެކެ ލޯތްބެއް ނުވެވޭނެއެވެ. ކުރިން އަހަރެން ބޭނުންވީ އަޔާޒަށް މަގު ދައްކާށެވެ. އެ މަގުގައި އަޔާޒު ހިނގައިފައި ދާތަން ފެނުނީމައި އަހަންނަށް ހިތްހަމަޖެހުން ލިބޭނެތީއެވެ. ދެން އަހަރެން ބޭނުންވީ އަޔާޒުގެ ހިތަށް ތަދުކޮށްލާށެވެ. އެ ރިހުމުގައި އޭނަ ތެޅިފޮޅޭ ތަން ފެނުނީމައި އަހަންނަށް ހިތްހަމަޖެހުން ލިބޭނެތީއެވެ.
އަޔާޒު އަނެއްކާ ގުޅިއެވެ. ފޯނަށް މެސެޖުތައް ފޮނުވިއެވެ. އަހަރެން އަޅާވެސް ނުލަމެވެ. ނުވަތަ އަޅާނުލައި ހުންނަން ބޭނުންވިއެވެ. އެހެންނަމަވެސް، ހިތަށް ތަދުވާން ފެށިއެވެ. ސުވާލުތައް އުތުރިއަރަން ފެށިއެވެ. އަޔާޒު އެ ގުޅަނީ ކީއްކުރަން ހެއްޔެވެ؟ ދެ އަހަރެއްހާ ދުވަހު އޭނަ އުޅުނީ ކޮންތާކު ހެއްޔެވެ؟ ފުރަތަމަ ލޯތްބަކީ އެހާ ފަސޭހައިން ހަނދާން ނައްތައިލެވޭ އެއްޗެއް ނޫނެވެ. ކިތަންމެ ބޭނުންވިޔަސް ވެހެވެ. އަހަރެންގެ ފިރިމީހާއަކީ ވަރަށް ތޫނުފިލި މީހެކެވެ. އޭނައަށް ނޭނގި އަހަންނަކަށް ފިކުރެއް ނުކުރެވޭނެއެވެ. ފުރަތަމަ ފަހަރުން ވެސް އެ ކަން ސާބިތުވިއެވެ. ދެން ހަދާނެ ގޮތަކާ މެދު ވިސްނަން އަހަންނަށް އިނދެވުނީ ފާރާ ދިމާއަށް ނަޒަރު ހުއްޓައިލައިގެންނެވެ. އެހެންނަމަވެސް، ޙަޤީޤަތް ސިއްރުކޮށްގެން އެ ދުވަހު އަހަރެން ސަލާމަތްވިއެވެ.
ވަރަށް ޒަމާން ކޮށްފައި ޒިޔާދާ ގެއަށް އައި ދުވަހެކެވެ. އަހަރުމެން ދެ މީހުންނަކީ، ރިހެބުން ބައްދަލުވި ދެ މީހުންނެވެ. އޭނައަކީ ވެސް ވަސޭހަތްތެރިއެކެވެ. ޒިޔާދާ އައިއިރު ޝިހާމް ވެސް ގޭގައި އުޅެއެވެ. ޝިހާމް ދާނެ ވަގުތަކަށް ޒިޔާދާ އިންތިޒާރު ކުރިއެވެ. އަހަންނަށް އެ ކަން ވިސްނުނީ ޒިޔާދާގެ ހަރަކާތްތައް ހުރި ގޮތުންނެވެ. ޝިހާމް ދިއުމާއެކު ޒިޔާދާ ފޯނު ނަގައިފައި ނަންބަރުތަކަކަށް ފިތައިލިއެވެ. އަހަންނަށް ފޯނު ދިއްކޮށްލިއެވެ. އަހަރެން ބަލަހައްޓައިގެން އިނީމެވެ.
"ހިފާބަލަ!" ޒިޔާދާ އެދުނެވެ. "ވާހަކަދައްކަބަލަ!"
"ކާކާ ތި ގުޅީ؟" އަހަރެން ބުނީމެވެ. "މަގޭ އަތުގަ ވެސް އެބައޮތޭ ފޯނު."އަހަރެންގެ ފޯނު ޒިޔާދާއަށް ދައްކައިލީމެވެ. އެ އަކަށް ޒިޔާދާ ނުބަލައެވެ.
"ދެން ކީއްވެގެންތަ ފޯނަށް ޖަވާބު ނުދެނީ؟" ކަންބޮޑުވެފައި ޒިޔާދާ ބުންޏެވެ. "އަޔާ ބުނި ގުޅާގުޅާ ވެސް ފޯނެއް..."
"ޒިޔާދާ!" ހައިރާންވެފައި އަހަރެން ބުނީމެވެ. "އެނގޭދޯ މަގޭ ފިރިއެއް އެބަހުރިކަން؟ އެނގޭދޯ ތި ކުރެވެނީ ރަނގަޅުކަމެއް ނޫންކަން؟ ޕޭޝަންޓްގެ ޕާސަނަލް ލައިފްގެ ތެރެއަށް ވަނުމަކީ މަނާކަމެއްނު."
ފުންމައިގެން ތެދުވެފައި ޒިޔާދާ ހިނގައިގަތެވެ. ދޮރާ ހަމައަށް ގޮސްފައި އަނެއްކާ އެނބުރިއައެވެ.
"އެ ވާހަކަދައްކަން އެންމެ ރަނގަޅު މީހަކީ ތީ،" ފޯނު ކަނޑައިލަމުން ޒިޔާދާ ބުންޏެވެ. "ތި ދެ މީހުންނަށް ތަންކޮޅެއް ކުރިން އެ ކަން ވިސްނުނު ނަމަ ކިހާ ރަނގަޅު. މަ ނުބުނަމޭ އަޔާއަށް ގުޅައިގެން ލޯބީގެ މާ ފޮޅުވާށެކޭ."
"ދެން ކީކޭ ތި ބުނަނީ؟" އަހަރެން އެހީމެވެ. "ދެން ކީކޭހޭ ތި ބުނަނީ؟"
ޒިޔާދާ ބުނަން ބޭނުން ކިތަންމެ ވާހަކައެއް ހުއްޓެވެ. އެ ހުރިހާ ވާހަކަތައް ދައްކަން އޭނަ ބޭނުން ނުވި ކަހަލައެވެ.
"އޭނަ ސަލާމަތްކޮށްދޭށޭ މި ބުނަނީ،" ޒިޔާދާ އެދުނެވެ. "އަލުން އެޑިކްޓަކަށްވިޔަ ނުދޭށޭ. އެންމެ ފަހަރަކު ނަމަވެސް އޭނައަށް ގުޅާލައިފިއްޔާ އެނގޭނެ އަސްލު އޭނަ ކިހާ ރަނގަޅުކަން. ކިހާ ނައިސްކަން."
ޒިޔާދާ ނުކުމެގެން ދިއުމުން ވެސް އެތައް އިރަކު އަހަރެން ވިސްނީމެވެ. ރަނގަޅުވެގެން އަޔާޒު ކުރި އެއްވެސް ކަމެއް އަހަންނަކަށް ނުފެނެއެވެ. އިރުކޮޅެއް ނުވެ އަޔާޒު ގުޅަން ފެށިއެވެ. ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އަހަރެން އިނީމެވެ. ފޯނު ކެނޑުމަށް ފަހު މެސެޖެއް އައެވެ.
"މަށަށް އެނގޭ ފޯނަށް ބަލަހައްޓައިގެންކަން އިނީ،" އަޔާޒު ބުނެފައި އޮތެވެ. "ހަމަ އެންމެ ކޯލެއް. އެންމެ ފަހަރަކު. ކޯލުގެ ދިގުމިން ފަސް މިނެއްޓު. އެ އަށް ފަހު، ދެން ދުވަހަކު ވެސް މަގޭ ކޯލެއް ނާންނާނެ."
އަޔާޒަކަށް އަހަރެން ނުގުޅަމެވެ. އެ ދުވަހު ލީލާ އެކްސިޑެންޓުވިއެވެ. ލީލާއަކީ ޝިހާމް އެންމެ ލޯބިވާ ކޮއްކޮއެވެ. ލީލާގެ ހާލު ވަރަށް ސީރިޔަސްވިއެވެ. ޝިހާމާއި އަހަރެން ވަރަށް ގިނައިރު ވަންދެން ހޮސްޕިޓަލުގައި އުޅުނީމެވެ. ޑޮކްޓަރުން ފަރުވާދެމުން ދަނިކޮށް ލީލާ މަރުވިއެވެ. ޝިހާމް ރުއިތަން، ފުރަތަމަ ފަހަރަށް އަހަރެން ދުށީ އެ ދުވަހުއެވެ.
"ދެން ހުއްޓާލާ!" އަހަރެން ހިތްވަރު ދިނީމެވެ. "އަހަރުމެން އެންމެންނަކީ ވެސް މަރުވާނެ ބައެއް."
ރޮވުނު ސަބަބު ޝިހާމް ކިޔައިދިނީ ގެއަށް އައިއްސައެވެ. އަސްލު ސަބަބަކީ މަރެއް ނޫނެވެ. އެކަމަކު، އޭގެ ކުރިއެވެ.
"ކޮންމެ މީހަކު ވެސް މަރުވާނެ،" ޝިހާމް އިސްޖަހައިގެން އިނދެ ބުނެލިއެވެ. "ލީލާ އެންމެ ފަހު ނޭވާލިއިރު އޭނަ ގާތުގަ އިނީ މަ އެކަނި. ލީލާ ބުނީ ، މަރުވުމުގެ ކުރިން އޭނަ ބޭނުމޯ ބުނަން އަހަރެންދެކެ ކިހާ ލޯބިވާކަން. ވަރަށް ވަރަށް ލޯބިވެޔޯ! ދެން ޝަހާދަތް ކިޔައިފަ މަރުވީ. ލޯބިވާ ވާހަކަ ބުނުމަކީ ހާދަހާ މަދު މީހަކަށް ލިބޭ ނަސީބެކޭ."
ޝިހާމް އެހެން ބުނާއިރަށް އަޔާޒުގެ ނަން އަހަރެން ހަނދާންވީ ކީއްވެގެންކަމެއް ނޭނގެއެވެ. އެއީ، ބޭއިޚްތިޔާރުގައި ވީ ކަމެކެވެ. އަހަރެން ހުރީ އެ ނަންދެކެ ފޫހިވެފައެވެ. ބޭނުންވީ އެ ނަން ހަނދާންނައްތައިލާށެވެ. ހިތާމައަކީ، ހަނދާން ބެހެއްޓުމާއި ހަނދާން ނައްތައިލުމުގެ ބާރު އިންސާނުންނަށް ދެއްވާފައި ނެތްކަމެވެ. މުޅި ދުވަހު އަޔާޒުގެ ފިކުރުތައް އަހަރެންގެ ސިކުނޑިއާ ކުޅެމުންދިޔައެވެ. ހިތަށްއެރިއެވެ. ގުޅާލަންވީއެވެ. އެންމެ ފޯނުކޯލަކުން ވާނީ ކޮން ގެއްލުމެއް ހެއްޔެވެ؟ އަޔާޒު ކޮންމެ ވާހަކައެއް ދެއްކިއަސް އަހަރެން އެ މަޅީގައި ނުޖެހުނީމައި ނިމުނީއެވެ. އެ ވާހަކަތައް ގަބޫލު ނުކުރީމައި ނިމުނީއެވެ. ބޭނުން ޖެހުނީމައި ކަމޭހިތައިފައި ބޭނުން ކެނޑުނީމައި އެއްލައިލަން އަހަންނަކީ ފެންކައްކާ ބޮއްޔެއް ނޫނެވެ. ފުރަތަމަ އަޔާޒު ދައްކާ ވާހަކަ އަޑުއަހާނީއެވެ. ރައްދެއް ނުދޭނަމެވެ. އަޔާޒު ދައްކާނެ ވާހަކައެއް ދައްކައި ނިމުމުން، ދެން ނުގުޅައްޗޭ ކިޔައިފައި ފޯނު ކަނޑައިލީމައި ނިމުނީއެވެ.
ބޭރުފުށުން ފުސްމޫނު ހަދައިގެން ހުއްޓަސް، އަހަރެންގެ ހިތުގައި ހަރުލައިފައިވާ އަޔާޒުގެ ހަނދާންތައް ވަރަށް ގިނައެވެ. ރިހެބުގައި ހޭދަ ކުރި ދުވަސްތަކެވެ. ކަޅުފޮއި ރޭތަކާއި ހަނދުވަރު ރީތި ރޭތަކެވެ. ގިޓާކުޅުމަކީ އަޔާޒަށް ލިބިފައިވާ ޚާއްޞަ ހުނަރެކެވެ. ވާރޭ ވެހުނު ރެއެއްގައި، ފެންޑާގައި އިނދެގެން އަޔާޒު ވަރަށް ރީތި ރާގުތައް ކުޅުނެވެ. އެންމެން ވެސް އެ ތަނުގައި ތިއްބެވެ. އެކަމަކު، މިޔުޒިކުން އަޔާޒު އިއްވައިދިނީ އޭނަގެ ހިތުގެ އަޑެވެ. ހިތި ޙަޤީޤަތަކީ އަޔާޒުގެ ލޯބި އަހަރެން ހަނދާން ނުނެތުނުކަމެވެ.
ކޮންމެ ދުވަހަކު ވެސް ދެތިން ފަހަރު އަޔާޒު ގުޅައެވެ. އެހެންނަމަވެސް، އޭނަގެ ކޯލަކަށް އަހަރެން އިންތިޒާރުކުރަން ފެށި ފަހުން އޭނަގެ ފޯނުކޯލުތައް މެދުކެނޑުނެވެ. އިންތިޒާރު ދިގުވެ، ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. އެ ވަރުން ވެސް އަހަންނެއް ނުގުޅަމެވެ. އަހަރެންގެ ފޯނު ރަނގަބީލުވާ ކޮންމެ ފަހަރަކު އެއީ އަޔާޒުގެ ކޯލަކަށް ވާން އަހަރެން ބޭނުންވާން ފެށިއެވެ. އޭނަ ގުޅީ އޭނައަށް ގުޅަންވެގެން ނަންބަރުތަކަށް އަހަރެން ފިތަނިކޮށެވެ.
"އަޑުއަހަން މިހިރީ،" ހަރުކަށި ރާގެއްގައި އަހަރެން ބުނީމެވެ. "ބަރާބަރު ފަސް މިނެއްޓު! ފަށާ!"
"ތިހާ ރުޅިއައިއްސަ..." އަޔާޒުގެ އަޑު އެ ހިސާބުން ކަނޑުވައިލީމެވެ.
"ފަށާނީތާ ނޫނީ ފޯނުކަނޑާލާފަ ތި ނަންބަރު ބްލޮކް ކޮށްލާނީތާ!" ހިތާ ދެކޮޅަށް އަހަރެން އިންޒާރުދިނީމެވެ.
އަޔާޒު ކިޔައިދިނެވެ. ކަން ހިނގައިފައި އޮތީ އަހަރެން ހީކުރި ގޮތަށެވެ. ރިހެބުން އައިއިރު އަޔާޒުގެ އެކުވެރިން ތިބީ މަރުޙަބާކިޔަން ތައްޔާރަށެވެ. އަހަރެން ފުރައިގެން ދިޔައީ އެ ނާޒުކު ދަނޑިވަޅުގައެވެ. އިސާހިތަކު އެކުވެރިންގެ ބަހަށް އަޔާޒު ހެއްލުނެވެ. އަހަރެން ދެއްކި ވާހަކަތައް ހަނދާން ނެތެމުން ދިޔައިރު އެ ކަން ހަނދާން ކޮށްދޭނެ މީހަކު ނެތެވެ. ފޯނުން އަޔާޒަށް ނުގުޅެން ފެށީ އެ ދުވަސްވަރުގައެވެ. މި ކުރެވެނީ ކީއްކަން އެނގުނުއިރު އަޔާޒަށް ހުރެވުނީ ފެށި ހިސާބުގައެވެ. މަސްތުވެފައެވެ. އެ އަށް ދެވިހިފައިފައެވެ. އެ ހާލުގައި އަހަރެންގެ ކުރިމައްޗަށް އަންނާނެ ހިތްވަރެއް އަޔާޒަކަށް ނުލިބުނެވެ.
އަޔާޒު އަނެއްކާ ވެސް ދިޔައީ ރިހެބަށެވެ. އެކުވެރިންގެ ލޯމަތިން ގެއްލުމަށް ޓަކައެވެ. ހަނދާން ނެތުނު ފިލާވަޅުތައް އަލުން ދަސްކުރުމަށްޓަކައެވެ. ހަރުލައިފައިވާ އާދަ ކަނޑުވާލަން ވަރުގަދަ ހަނގުރާމައެއް ކުރަންޖެހުނެވެ. އެކުވެރިންގެ ތެރެއިން ހެޔޮއެދޭ މީހުން ވަކިކޮށް ދެން ތިބި މީހުން ދޫކޮށްލިއެވެ. މަސައްކަތް ދަސްކުރަން ފެށިއެވެ. އަހަންނަށްޓަކައެވެ. އަހަރެންގެ ލޯތްބަށްޓަކައެވެ. އަމިއްލަ ފައި މައްޗަށް ތެދުވެވުމުން މާލެއަކަށް އަޔާ×ޒު ނާދެއެވެ. އޭނަ ދިޔައީ ރިސޯޓަކަށެވެ. ވަޒީފާއަދާކޮށްގެން އާމްދަނީ ހޯދިއެވެ. އަހަރެން ފަޚުރުވެރިވާނެ ކަހަލަ މީހަކަށް ވިއެވެ. އަހަންނާ ގުޅީ އެ އަށް ފަހުގައެވެ.
"އެބަ އޮތްތަ މަގޭ ކުށެއް؟" އަޔާޒު ބުންޏެވެ. "މަގޭ މުސާރައަކީ މިހާރު މަހަކު ފަނަރަ ހާސް ރުފިޔާ."
އަހަރެން ހުރީ ފެންކަޅިވެފައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލައިފިއްޔާ ރޮވޭނެކަން އެނގެއެވެ. އަހަރެން އެންމެ ލޯބިވާ މީހާ ދުރުގައި ހުރެގެން އަހަންނަށް ހަނާއަޅަނީއެވެ. ފުރަތަމަ ލޯބި އަލުން އަހަންނަށް ހިނިތުންވެލައިފިއެވެ. އަހަރެންގެ ފިރިމީހާ ނުލާހިކު ހެވެވެ. އޭނަގެ ވެސް އެއްވެސް ކުށެއް ނެތެވެ. އަހަރެންގެ ދަރިއަކު އެބަހުއްޓެވެ. ދެ ކަފި މަގުގެ ކަންމަތީގައި އަހަރެން މިހިރީ ދާނެ ދިމާއެއް ނޭނގިފައެވެ. މިއީ، ޙަޤީޤީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ނިމުނީ