އިދިކޮޅު މެމްބަރުންގެ ކުއްލި ބައްދަލުވުމެއް ކުނޫޒުގައި
އިދިކޮޅު މެމްބަރުންގެ ކުއްލި ބައްދަލުވުމެއް ކުނޫޒުގައި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ގޭޓްތަކުގައި ތަޅު އަޅުވާފައި ވަނިކޮށް، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކުއްލި ބައްދަލުވުމެއް މ. ކުނޫޒުގައި ދެންމެ ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި މި ބައްދަލުވުމުގައި 34 މެމްބަރަކު ބައިވެރިވެވަޑައިގަންނަވަ އެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރަމުން ދަނީ މަޖިލީހުގައި ތަޅު އަޅުވާފައިވާ މައްސަލައިގައި އަމަލު ކުރާނެ ގޮތަކާ ގުޅޭ ގޮތުންނެވެ.

މި ބައްދަލުވުމުގައި ޕީޕީއެމުން ވަކިވެވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ވެއްދުމުން، ގަވާއިދުގައިވާ ގޮތުގެ މަތިން މިއަދު ޖަލްސާއެއް ބާއްވާން ޖެހެ އެވެ. އެކަމަކު އޭގައި ސޮއި ކުރެއްވި ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ އެކު، މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އިދާރާ އިން ވަނީ ބޭރު ކޮށްލައިފަ އެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ވިދާޅުވީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވައި، އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ކާމިޔާބު ލިބޭނެ ކަމަށެވެ. އެއީ އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި މަސީހް މަގާމުން ވަކި ކުރުމެވެ.

ޖަލްސާއެއް ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނިކޮށް، މަޖިލީހުގެ އިދާރާގެ ހުރިހާ ގޭޓުތައް ތަޅުލައި، ސިފައިން ދަނީ ދެ ފަރާތު ގޭޓް ކައިރީގައި ފޯރިމަރަމުންނެވެ. އަދި މަޖިލީހުގެ އިދާރީ މުވައްޒަފުން ފިޔަވައި އިތުރު ބަޔަކު އެ ތަނަށް ވަނުން ވަނީ މަނާކޮށްފަ އެވެ.

ގޭޓުތަކުގައި ތަޅު އަޅުވައި، ސިފައިން ފޯރި މަރަމުން ދާއިރު، މިއަދު އެ ތަނަށް ވަދެވޭނީ މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އެކަނި ކަމަށް ސިފައިން އަންގާފައިވާ ކަމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.