24 ޖުލައި 2017 - 11:08

ރައްޔިތުުންގެ މަޖިލިހުގެ އިދާރާގެ ހުރިހާ ގޭޓެއް ތަޅުލައި، ސިފައިން ފޯރިމަރަމުން ދާއިރު، މިއަދު އެތަނަށް ވަދެވޭނީ މަޖިލިހުގެ އިދާރާގެ މުވައްޒަފުންނަށް އެކަނި ކަމަށް ސިފައިން އަންގާފައިވާ ކަމަށް މަޖިލިހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނިކޮށް، މަޖިލިހުގެ އިދާރާގެ ގޭޓުތަކުގައި ތަޅު އެޅުވި މައްސަލާގައި "މިހާރު" ން ދެންނެވި ސުވާލަކާ ގުޅިގެން އަމީން އާންމު ވިދާޅުވީ އެކަން ކުރީ މަޖިލިހުގެ އިދާރާ އިން އެދިގެން ކަމެއް "އަޅުގަނޑަށް އެނގިފައި ނެތް" ކަމަށެވެ. ނަމަވެސް މަޖިލިހުގެ އިދާރާގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ސިފައިންކަން އޭނާ ފާހަގަކުރެއްވި އެވެ.
މަޖިލިހުގެ މެމްބަރުންނަށް މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގެންނެވޭނެތޯ ދެންނެވުމުން ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން އެއްޗެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް [ސިފައިން] އަންގާފައި ވަނީ މުވައްޒަފުންނަށް އެކަންޏޭ ވަދެވޭނީ،" އަހުމަދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން 45 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ވެއްދުމުން، ކުރިން ބެލެވެމުން އައީ މަޖިިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މިއަދު ޖަލްސާ ބާއްވާނެ ކަމަށެވެ. ނަމަވެސް ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބާތިލް ވެފައިވާ ކަމަށް މަޖިލިހުގެ އިދާރާ އިން ވަނީ ނިންމައިފަ އެވެ. އަދި މަޖިލިހުގެ ޖަލްސާއެެއް ދެން އެންމެ އަވަހަށް ވެސް ބާއްވާނީ މި މަހުގެ 31 ގައި ކަމަށް މަޖިލިހުގެ އިދާރާ އިން ވަނީ ބުނެފަ އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަޖިލިހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށެވެ. އަދި މިއަދު މެންދުރު 12:45 ގައި މަޖިލިހުގެ އިދާރާ ކައިރިއަށް މެމްބަރުން ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.