24 ޖުލައި 2017 - 10:51

ލަންޑަން (ޖުލައި 24) - ރޯމާގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެ އާސެނަލްގެ ބިޑެއްގެ އިންތިޒާރުގައި ލެސްޓާ ސިޓީ އަށް ކުޅޭ އަލްޖީރިއާގެ މިޑްފީލްޑަރު ރިޔާދު މާރޭޒް ހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލިވަޕޫލަށް ވިއްކާލާފައިވާ މިސްރު ވިންގާ މުހައްމަދު ސަލާހް ނެތްތަން ފޫބައްދަން ރޯމާ އިން ފުރަތަމަ މާރޭޒަށް ހުށަހެޅީ 33 މިލިއަން ޔޫރޯ އެވެ. އެހެން ނަމަވެސް އެ އަގަށް އޭނާ ވިއްކަން ލެސްޓާ ދިން ދެކޮޅު ހެދި އެވެ. ރޯމާ އިން ދެ ވަނަ ފަހަރަށް ވަނީ ލެސްޓާ އިން ބޭނުންވާ އަގުދޭން އެއްބަސްވެފަ އެވެ. އެހެން ނަމަވެސް މާރޭޒް ވަނީ ރޯމާގެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 26 އަހަރުގެ މާރޭޒް ބޭނުންވަނީ އާސެނަލަށް ބަދަލުވާށެވެ. އެހެން ނަމަވެސް ޕްރިމިއާ ލީގުގެ ކްލަބަކަށް މާރޭޒް ވިއްކާލަން ލެސްޓާ އިން ކިޔާ އަގު ބޮޑުވުމުން އާސެނަލުން ވަނީ އޭނާ ހޯދަން ކުރަމުން އައި މަސައްކަތް ހުއްޓާލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މާރޭޒް ޕްރިމިއާ ލީގުގެ ކްލަބަކަށް ވިއްކާލަން ލެސްޓާ އިން ކިޔަނީ 50 މިލިއަން ޔޫރޯ އަށެވެ.
ލެސްޓާ އިން މިދިޔަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ މާރޭޒެވެ. އެހެން ނަމަވެސް ލީގު ޗެމްޕިއަންކަން ހޯދުމަށް ފަހު މި ދިޔަ ސީޒަނުގައި ލެސްޓާ އަށް އެ ފެންވަރު ނުހިފެހެއްޓުނެވެ. ސީޒަންގެ މެދުތެރެއިން ޓީމުގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ވަކިކުރިއިރު، ދެން ހަވާލުވި ކްރެއިގް ޝެއިކްސްޕެއާ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެއް ފެންވަރެއްގައި ކުޅުން ނުހިފެހެއްޓުމެވެ.
ރިޕޯޓްތައް ބުނާގޮތުގައި މާރޭޒް ވަނީ އޭނާ ކްލަބް ދޫކޮޮށްލަން ބޭނުންވާކަން އަގަބަހުން ލެސްޓާގެ އޮފިޝަލުންނަށް އަންގައިފަ އެވެ. އަދި އޭނާގެ ވިސްނުމަކީ ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުވުން ކަމަށް ވެސް ބުނެފައިވެ އެވެ.