24 ޖުލައި 2017 - 10:22

ބެއިޖިން، ޗައިނާ (ޖުލައި 24) - ޗެލްސީގެ ޒުވާން ކުޅުންތެރިއާ ކެނެޑީ ސޯޝަލް މީޑިއާގައި އިހުތިރާމް ކުޑަކޮށް ކުރި ދެ ޕޯސްޓަކާ ގުޅިގެން ޗައިނާ ރައްޔިތުން ކިބައިން ޗެލްސީން މައާފަށް އެދެފި އެވެ.
ޗައިނާ އަށް ނިސްބަތްކޮށް ބޭއަދަބީ ބަހެއް ހިމެނޭ ދެ ޕޯސްޓެއް ކެނެޑީ އިންސްޓަގްރަމްގައި ކުރީ ޗެލްސީގެ އޭޝިއާ ޓުއާގައި ބެއިޖިންގެ ބާޑްސް ނެސްޓް ސްޓޭޑިއަމްގައި އާސެނަލް އަތުން 3-0 އިން މޮޅުވި މެޗުގެ ކުރިންނެވެ. އެ ދެ ޕޯސްޓް ކުރިތާ މާ ގިނައިރުތަކެއް ނުވެ ކެނެޑީ ވަނީ އެ ޑިލީޓްކޮށްލައިފަ އެވެ. އާސެނަލް މެޗުގެ ތެރެއިން ކެނެޑީއާ ދެކޮޅަށް ޗައިނާގެ ސަޕޯޓަރުން ވަނީ އަޑުއުފުލައިފަ އެވެ.
މިކަމާ ގުޅިގެން ޗެލްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެނެޑީގެ ފަރާތުން ޗެލްސީން މައާފަށް އެދޭ ކަމަށެވެ.
"ޗައިނާގެ މީހުންގެ ފަރާތުން އަހަރެެމެންނަށް ވަރަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައި. އެކަމަކު އަހަރެމެންގެ ޒުވާން ކުޅުންތެރިއެއް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުން ޗައިނާގެ ރައްޔިތުންނަށް ވަނީ ވަރަށް އަސަރުކޮށްފައި. މި ކަމުގެ ސަބަބުން ޗެލްސީން ޗައިނާ މީހުންގެ ކިބައިން މައާފަށް އެދެން. އެންމެ ކުޅުންތެރިއެއްގެ ފަރާތުން ފެނުނު މި ފަދަ އަމަލެއްގެ ސަބަބުން ޗެލްސީ އަށް އަސަރެއް ކުރުމުގެ ފުރުސަތު އޮތުމަކީ ރަނގަޅު ގޮތެއް ނޫން،" ޗެލްސީން ނެރުނު ބަޔާނުގައިވެ އެވެ.
ޗެލްސީން މި ކަމަށް މައާފަށް އެދުނުއިރު ކެނެޑީ ވެސް ވަނީ ޗައިނާ ރައްޔިތުންގެ ކިބައިން މައާފަށް އެދިފަ އެވެ.
އޭޝިއާ ޓުއާގައި ޗެލްސީ ދެން ކުޅޭ މެޗުތައް އޮންނާނީ ސިންގަޕޫރުގަ އެވެ. ޗެލްސީން ސިންގަޕޫރުގައި ކުޅޭ ދެ މެޗުގައި ނުކުންނާނީ ބަޔާން މިއުނިކާއި އިންޓައާ ދެކޮޅަށެވެ.