24 ޖުލައި 2017 - 11:31

މާޒިޔާގެ އެއް ނަމްބަރު ގޯލްކީޕަރު ކިރްގިސްތާނުގެ ޕަވެލް މަޓިއާޝް ދޫކޮށްލުމަށް ފަހު އެ ޓީމުން ވިކްޓަރީ އަށް ކުޅުނު ސީރިއާގެ ގޯލްކީޕަރު މަހުމޫދު އަލް ޔޫސުފް ގެނެސްފި އެވެ. މީގެ އިތުރުން މާޒިޔާ އިން ވަނީ ކްރޮއޭޝިއާގެ ފޯވާޑް ކެރިޗް އަންދްރޭ ވެސް އެ ޓީމަށް ގެނެސްފަ އެވެ.

މި ދެ ކުޅުންތެރިން ވެސް މާޒިޔާއާ ގުޅުނީ މި އަހަރުގެ ނިޔަލަށް ކުރު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މާޒިޔާ އިން ބުނީ މި ފަހަރުގެ ޓްރާންސްފާ ޕީރިއަޑްގައި އިތުރު ކުޅުންތެރިން އެ ޓީމާ ގުޅޭނެ ކަމަށެވެ.
މާޒިޔާއާ ގުޅުނު މަހުމޫދާއި ކެރިޗަކީ މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓަރީ އަށް ކުޅުނު ދެ ކުޅުންތެރިންނެވެ. ޔުނައިޓެޑް ވިކްޓަރީ މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ ހަތަރު ވަނަ ހޯދިއިރު މި ދެ ކުޅުންތެރިންގެ ދައުރު ބޮޑެވެ. މި ސީޒަނުގައި މި ދެ ކުޅުންތެރިން ވިކްޓަރީ އަށް ބަދަލުވި ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.
ކިރްގިސްތާން ގައުމީ ޓީމަށް ކުޅޭ މަޓިއަޝް އެންމެ ފުރަތަމަ މާޒިޔާ އަށް ކުޅުނީ 2015 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ގެނައީ އޭރު މާޒިޔާ ކީޕަރު އިމްރާން މުހައްމަދަށް އަނިޔާވެެގެންނެވެ. މިދިޔަ ސީޒަނަށް ފަހު އިމްރާން މާޒިޔާ ދޫކޮށްލުމުން މާޒިޔާ އިން ނިންމީ މަޓިއަޝް ގެނައުމަށެވެ.
އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރާއި އޭއެފްސީ ކަޕްގައި މަޓިއަޝްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ނަމަވެސް މާލޭ ލީގުގެ ދެ ވަނަ ބުރުގައި މަޓިއަޝްގެ ކުޅުން ދަށްވި އެވެ.
މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ އިން ވަނީ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ރުމޭނިއާގެ ޑިފެންޑަރު އަންދްރެއި ކޯޑޯސް އާއި ސާބިއާގެ ވިންގް އަލެކްސަންޑަ ދޫކޮށްލައިފަ އެވެ. މާލެ ލީގުގެ ދެ ވަނަ ބުރުގެ މެދުތެރެއިން ކޯޑޯސް ދޫކޮށްލިއިރު، ރަކިޗް ދިޔައީ ފަހު މެޗަށް ފަހު އެވެ.
މާލޭ ލީގުގެ ގަދަ ހަތަރަކުން ވިކްޓަރީ ކަޓާފައިވާއިރު ދިވެހި ޕްރިމިއާ ލީގުގައި ކުޅުމުގެ ފުރުސަތު އެ ޓީމަށް ނެތެވެ. މާލެ ލީގު ކޮލިފިކޭޝަން ނުބާއްވަން އެފްއޭއެމުން ނިންމާފައިވާއިރު، ވިކްޓަރީ އަށް ދެން އޮތް ހަމައެކަނި މުބާރާތަކީ އެފްއޭ ކަޕެވެ.
މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީގެ ކޯޗުކަމުގައި ކުޅޭ މާޒިޔާ ދެން އެންމެ އަވަހަށް ކުޅޭނީ އަންނަ މަހު ހަތަރު ވަނަ މަހު ފަށާ ދިވެހި ޕްރިމިއާ ލީގުގަ އެވެ.