24 ޖުލައި 2017 - 08:37

އައްމާން (ޖުލައި 24) - ޖޯޑަންގެ ވެރިރަށް އައްމާނުގައި ހުންނަ އިޒްރޭލުގެ އެމްބަސީ އަށް ދިން ބަޑީގެ ހަމަލާތަކެއްގައި ދެ މީހުން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މަރުވެފައި ވަނީ ޖޯޑަންގެ ދެ މީހުން ކަަމަށެވެ. ފަރުނީޗަރު ކުންފުންޏެއްގައި މަސައްކަތް ކުރާ އެ ދެ މީހުން އެމްބަސީ އަށް ވަދެފައި ވަނީ ހަމަލާ ދިނުމުގެ ކުރިންނެވެ. އެ މީހުން އެމްބަސީ އަށް ވަނީ މަރާމާތުގެ ބައެއް މަސައްކަތްތައް ކުރުމަށެވެ. ފުލުހުން ބުނީ ހާދިސާގެ ތަހުގީގު އަދި ފެށީ ކަމަށެވެ. އެމްބަސީ އަށް ދިން ހަމަލާއާ ގުޅޭ ގޮތުން އިޒްރޭލުން ވެސް ވާހަކަ ދައްކައިފައެއް ނުވެ އެވެ.
އެމްބަސީ އަށް ދިން ހަމަލާގައި މަރުވީ އެކަކީ 17 އަހަރުގެ ކުއްޖެކެވެ. ދެ ވަނަ މީހަކީ އެމްބަސީގެ މީހުން ދިރިއުޅޭ ކުއާޓަރުގައި ހުރި ޑޮކްޓަރެކެވެ. ހަމަލާގައި ޒަޚަމްވި އިޒްރޭލް އެމްބަސީގެ ސެކިއުރިޓީ ޑިރެކްޓަރަށް މިހާރު ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ޖޯޑަން ފުލުހުން ބުނީ ހަމަލާ ދިނީ އިޒްރޭލް އެމްބަސީގެ މީހުން ދިރިއުޅޭ އިމާރާތަކަށް ކަމަށެވެ. މިއީ އައްމާނުގެ މަޝްހޫރު ސަރަހައްދެއްގައި ހުރި އިމާރާތެކެވެ.
ސަލާމަތީ ފަރާތްތަކުން މިހާރު ވަނީ އެމްބަސީ ހުރި ސަރަހައްދު ބަންދުކޮށްފަ އެވެ. އަދި އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެމްބަސީގެ ހުރިހާ ސްޓާފުން ނެރެފަ އެވެ.
އިޒްރޭލުން އަގްސާ މިސްކިތުގައި މެޓަލް ޑިޓެކްޓަރު ހަރުކުރި މައްސަލާގައި ހުކުރު ދުވަހު އައްމާނުގައި ވަނީ އިޒްރޭލާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކޮށްފަ އެވެ. ގުދުސްގެ މުގައްދަސް ތަންތަން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެފައި ވަނީ ޖޯޑަން އެވެ.