25 ޖޫން 2016 - 16:20

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވާން އިނގިރޭސިން ނިންމުމާ އެކު ސިޔާސީ، މާލީ، އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ނުރަނގަޅު އަސަރުތަކެއް ކުރާނެތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހަމައެއާ އެކު މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލު އެއް ފުޓްބޯޅަ ބްރޭންޑް ކަމަށްވާ އިންގްލިޝް ޕްރިމިއާ ލީގަށް ވެސް މީގެ ސަބަބުން ގެއްލުންތަކެއްވާނެތީ ފުޓްބޯޅަ ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އީޔޫ އިން ވަކިވާން އިނގިރޭސިން ނިންމުމާ އެކު އިނގިރޭސި ކްލަބްތަކަށް ދިމާވާނެ އެންމެ ބޮޑު އެއް މައްސަލައަކީ 18 އަހަރުން ދަށުގެ ހުނަރުވެރި ކުޅުންތެރިން ނުގެނެވުމެވެ. ފީފާ އިން ވަނީ ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކުގެ ކުޅުންތެރިން، 18 އަހަރު ފުރުމުގެ ކުރިން އެއް ޓީމުން އަނެއް ޓީމަށް ބަދަލުވުމަށް ހާއްސަ ހުއްދައެއް ދީފަ އެވެ. ފްރާންސްގެ ޕައުލް ޕޮގްބާ އުމުރުން 16 އަހަރުގައި މެންޗެސްޓާ ޔުނައިޓެޑަށް އަދި ސްޕެއިނުގެ ސެސް ފެބްރިގާސް ހަމަ އެ އުމުރުގައި އާސެނަލަށް ގެންދިޔައީ ފީފާގެ ހާއްސަ ހުއްދައިގެ ދަށުންނެވެ. އެކަމަކު އީޔޫ އިން އިނގިރޭސި ވިލާތް ވަކިވުމުން، އެ ޓީމަށް ވެސް ދެން ޔޫރަޕުގެ ގައުމެއްގެ ކުޅުންތެރިޔަކު ގެނެވޭނީ 18 އަހަރު ވުމުންނެވެ. ޕްރޮފެޝަނަލް ކޮންޓްރެކްޓެއް ނެތި ކުޑަ އަގެއްގައި 18 އަހަރުން ދަށުގެ ކުޅުންތެރިން ގެނެވުނަސް، އެފަދަ ހުނަރުވެރި ކުޅުންތެރިން ދެން ގެންނަން ޖެހޭނީ 18 އަހަރުވެ ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގެ ދަށުން ބޮޑު އަގުގަ އެވެ.

މީގެ އިތުރުން ޒުވާން ކުޅުންތެރިންގެ އާއިލާ މެމްބަރުން، ކުޅުންތެރިންނާ އެކު އިނގިރޭސި ވިލާތުގައި ދިރިއުޅެން ވެސް ހުރަސްތަކެއް ކުރިމަތިވާނެ އެވެ. މީގެ ކުރިން ޔޫރަޕުގެ ގައުމުތަކުގެ ރައްޔިތުންނަށް ވިސާ ބޭނުންނުވިޔަސް، ދެން ކުޅުންތެރިންގެ އާއިލާ މެމްބަރުން ވެސް ޖެހޭނީ ވިސާ ނުވަތަ ވޯކްޕާމިޓް ހޯދާށެވެ. އޭގެ ސަބަބުން ޒުވާން ކުޅުންތެރިން އިނގިރޭސި ކްލަބްތަކަށް ދިއުމަށް ފަސް ޖެހޭނެ އެވެ.
"މިއީ ވަރަށް ދެރަ މައްސަލައެއް. މީގެ ސަބަބުން ޕްރިމިއާ ލީގަށް ގެއްލުންވާނެ. ކުޅުންތެރިން ގަތުމުގައި އުނދަގުލާ ކުރިމަތިވާނެ. ވަރަށް ދެރަވި މި ހަބަރު އަޑުއަހާފައި،" ޗެލްސީ އަށް ކުޅޭ ފެބްރިގާސް ބުންޏެވެ.
އިނގިރޭސި ވިލާތުގައި ފުޓްބޯޅަ ކުޅެން ވޯކްޕާމިޓް ދޫކުރަނީ ހާއްސަ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. އެގޮތުން އުމުރުން ދޮށީ ކުޅުންތެރިން، ގައުމީ ޓީމަށް ވަކި އަދަދަކަށް މެޗު ކުޅެފައި ހުރުން ފަދަ ޝަރުތުތަކެއް ހުރެ އެވެ. އެކަމަކު ޔޫރަޕުގެ ކުޅުންތެރިންނަށް ވޯކްޕާމިޓް ބޭނުންނުވާތީ ގައުމީ ޓީމަށް މާގިނަ މެޗުތަކެއް ކުޅެފައި ނެތް ކުޅުންތެރިންނަށް ވެސް އިނގިރޭސި ކްލަބްތަކާ ގުޅެވެ އެވެ. އެފަދަ ބައެއް ކުޅުންތެރިންގެ ތެރޭގައި ވެސްޓްހޭމް ޔުނައިޓެޑަށް ކުޅޭ ފްރާންސުގެ އުމުރުން 29 އަހަރުގެ ޑިމިޓްރީ ޕަޔެޓް އާއި ސައުތުހެމްޓަން އަށް ކުޅޭ އިޓަލީގެ ގްރަޒިއާނޯ ޕެލާ އަދި ލެސްޓާ ސިޓީއާ އެކު މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ކާމިޔާބުކުރި ފްރާންސްގެ އެންގޯލޯ ކާންޓޭ ހިމެނެ އެވެ. އެކަމަކު ޔޫރަޕް ކުޅުންތެރިންނަށް ވެސް ދެން ވޯކްޕާމިޓް ބޭނުންވާއިރު، ޕަޔެޓް މެން ފަދަ ގައުމީ ޓީމުން މާގިނަ ފުުރުސަތުތަކެއް ލިބިފައި ނެތް ކުޅުންތެރިންނަށް ވިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނެ އެވެ.
އިނގިރޭސި ނޫސްތަކުން ބުނާ ގޮތުގައި މިހާރު ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން 100 ވަރަކަށް ކުޅުންތެރިންނަކީ، ވޯކްޕާމިޓް ލިބޭ ޝަރުތު ހަމަވާ ކުޅުންތެރިންނެއް ނޫނެވެ. އެކަމަކު ޔޫރަޕަށް ނިސްބަތްވާތީ ކުޅުމުގެ ފުރުސަތު ލިބެނީ އެވެ. އެކަމަކު ދެން އެފަދަ ފުރުސަތެއް ލިބިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ.
އީޔޫ އިން ވަކިވާން އިނގިރޭސިން ނިންމުމާ އެކު ޕައުންޑުގެ އަގު މި ވަނީ ދަށްވެފަ އެވެ. މާނައަކީ ފުޓްބޯޅަ ކުޅުންތެރިން ގަތުމަށް އިނގިރޭސި ކްލަބްތަކުން ކުރަން ޖެހޭ ހޭދަ ބޮޑުވުމެވެ. މިހާރުގެ ހާލަތަށް ބަލާއިރު ޔޫރަޕުގެ އެހެން ކްލަބްތަކަށް ވުރެ އިނގިރޭސި ކްލަބްތަކުން ކުރަން ޖެހޭ ހޭދަ 10 ޕަސެންޓް ބޮޑުވާނެ އެވެ. އިންގްލެންޑުގެ ކްލަބްތަކުން ފާރަލަމުން އަންނަ ޔުވެންޓަސްގެ ޕައުލް ޕޮގްބާގެ އަގަކީ 113 މިލިއަން ޕައުންޑެވެ. އެކަމަކު ޕައުންޑުގެ އަގަށް އައި ބަދަލާ އެކު އޭނާގެ އަގު މިވަނީ 144 މިލިއަން ޕައުންޑަށް އަރައިފަ އެވެ.
"ޓްރާންސްފާ ފީ އާއި މުސާރަ ބޮޑުވާނެ. ކުއްލިއަކަށް ކުޅުންތެރިންގެ އަގުބޮޑުވާނެ ޕައުންޑުގެ އަގު ދަށްވުމުން،" ސެލްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރު ސިމޮން ޗެޑްވިކް ވިދާޅުވި އެވެ.
އިނގިރޭސި އެފްއޭގެ ރައީސް ގްރެގް ޑައިކް ވެސް ވިދާޅުވީ އިނގިރޭސިންގެ ނިންމުމާ އެކު ފުޓްބޯޅަ އަށް އަސަރުކުރާނެ ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ވެސް އޭގެ ނުރަނގަޅު އަސަރުތައް ފެންނަމުން ދާނެ ކަމަށެވެ.
ޔޫރަޕުގެ ކުޅުންތެރިން އިނގިރޭސި ލީގު ދޫކޮށް ދިއުމަކީ އިނގިރޭސި ކުޅުންތެރިންނަށް ލިބޭ ފުރުސަތެކެވެ. އޭގެ ސަބަބުން އިންގްލެންޑް ގައުމީ ޓީމު ވަރުގަދަވާނެ އެވެ. ޑައިކް ވެސް ވިދާޅުވީ އިނގިރޭސި ކުޅުންތެރިންނަށް ޕްރިމިއާ ލީގުގެ ކްލަބްތަކުން ރަނގަޅު ފުރުސަތު ލިބޭ ނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށާއި އެކަމަކު ޔޫރަޕުގެ މަޝްހޫރު ކުޅުންތެރިން އެ ލީގު ދޫކޮށް ދިއުމަށް ނޭދޭ ކަމަށެވެ.
ޕައުންޑުގެ އަގު ވެއްޓުމާ އެކު، އިނގިރޭސި ވިލާތް ރިސެޝަނަކަށް ގޮސް ތަކެތީގެ އަގުބޮޑުވެ ދަތުރުފަތުރުގެ އަގު ވެސް މަތިވާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާދެ އެވެ. އެހެންކަމުން ފުޓްބޯޅަ ބެލުމަށް އިންގްލެންޑަށް ޒިޔާރަތްކުރާ މީހުންގެ އަދަދު މަދުވާނެ އެވެ.
މިފަދަ ސަބަބުތަކާ ހުރެ އިންގްލިޝް ޕްރިމިއާ ލީގަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ބެލެވުނު ނަމަވެސް ލީގުގެ އޮފިޝަލުން ވަނީ ސަރުކާރާ ވާހަކަދައްކައިގެން ގަވާއިދުތައް ބަދަލު ގެނެސް ގެއްލުން ވީހާ ވެސް ކުޑަކުރާނެ ކަމަށް ބުނެފަ އެވެ.
"ޕްރިމިއާ ލީގު ދެން ވެސް އޮންނާނީ އިންގްލެންޑާއި މުޅި ދުނިޔޭގެ މަގުބޫލުކަން ލިބިފައިވާ، ކާމިޔާބު ކުޅިވަރު ހަރަކާތެއްގެ ގޮތުގައި،" އެ ލީގުގެ ތަރުޖަމާނު ބުންޏެވެ.
އިނގިރޭސިންގެ ނިންމުމާ ގުޅިގެން، ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަންސް (ޔުއެފާ) އިން ވަކި އެއްޗެއް އަދި ނުބުނެ އެވެ. އެކަމަކު ކުރިމަގުގައި ޔޫރަޕުގެ ފުޓްބޯޅައިގައި އިނގިރޭސިންގެ ދައުރާ މެދު އެ ފެޑެރޭޝަންގެ އެކްސްކޯގައި މަޝްވަރާކުރާނެ އެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ 2020 ވަނަ އަހަރުގެ ޔޫރޯ މުޅި ޔޫރަޕަށް ބަހާލައިގެން ކުޅޭއިރު މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ލަންޑަނުގައި ކުޅެން ހަމަޖެހިފައި އޮތް އޮތުމަށް މީގެ ސަބަބުން އަސަރުކުރާނެ ކަމެވެ.
އިނގިރޭސިންގެ ނިންމުމާ އެކު ޔޫރަޕުގެ އެހެން ގައުމުތަކުގެ ކްލަބްތަކަށް ވެސް ނުރަނގަޅު އަސަރުކުރާނެ އެެވެ. އޭގެން އެއް ކްލަބަކީ ސްޕެއިނުގެ ރެއާލް މެޑްރިޑެވެ. ޔޫރަޕުގެ ކްލަބްތަކުގައި ހިމެނޭނީ ޔޫރަޕަށް ނިސްބަތްނުވާ ތިން ކުޅުންތެރިން ކަމަށްވާއިރު، ޔޫރަޕުން އިނގިރޭސި ވިލާތް ބޭރުވުމާ އެކު، ރެއާލަށް ކުޅޭ ވޭލްސްގެ ގަރެތު ބޭލް ވެސް ވެގެންދާނީ ޔޫރަޕުން ބޭރު ކުޅުންތެރިޔަކަށެވެ. އެއާ އެކު އެ ޓީމުގައި މިހާރު ޔޫރަޕުން ބޭރު ހަތަރު ކުޅުންތެރިން ތިބުމާ އެކު ކޮންމެވެސް އެއް ކުޅުންތެރިޔަކު ވިއްކާލަން ޖެހޭނެ އެވެ. ޔޫރަޕުން ބޭރު އަނެއް ތިން ކުޅުންތެރިންނަކީ ބްރެޒިލްގެ ކަސެމިރޯ އާއި ޑެނީލޯ އަދި ކޮލަމްބިއާގެ ޖޭމްސް ރޮޑްރިގޭޒެވެ.