23 ޖުލައި 2017 - 20:41

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބޫ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވާލައި، ބައިއިލެކްޝަނަކަށް ގޮވާލީ ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި އަމުރާ ވެސް ޚިލާފަށް ކަމަށެވެ.

އިބޫ ވަނީ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށް، އެ ކޮމިޝަންގެ މެމްބަރުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމަށް ސުޕްރީމް ކޯޓަށް ވެސް ގޮވާލައްވައިފަ އެވެ.
- އަހުމަދު ސުލައިމާން (ރައީސް)
- އަމްޖަދު މުސްތަފާ (ނައިބު ރައީސް)
- އިސްމާއިލް ހަބީބް އަބްދުއްރަހީމް
- މުހައްމަދު ޝަކީލް
- އަހުމަދު އަކްރަމް
"މީގެ ކުރިން ސުޕްރީމް ކޯޓުގެ އަމުރުތަކާ އިލެކްޝަންސް ކޮމިޝަނުން ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި އެބަހުރި ކަންތައްތައް ނިންމާފައި. އެހެންވީމަ އެ އުސޫލުގެ މަތިން މިފަހަރު ސުޕްރީމް ކޯޓުން އެކަން ކުރާނެ ކަމަށް އުންމީދު ކުރަން، އަދި ގޮވާލަން" އިބޫ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަން މެމްބަރުންގެ އިތުބާރެއް ނެތް ކަމަށާއި އެ މެމްބަރުން މިހާރުން މިހާރަށް ވަކި ކުރަން ޖެހޭ ބައެއް ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"އެހެންވީމަ އެ މަސައްކަތް އަޅުގަނޑުމެންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ކުރިއަށް ދާނެ،" މިހާރުގެ ގާނޫނުއަސާސީ ޑްރާފްޓު ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި އިބޫ ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުން މަގާމުން ވަކިވެއްޖެ ކަމަށް ބަލާނީ އެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
ތުލުސްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް އިން އަންގާފައިވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އެ ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުގެ ހުކުމާއި އަމުރަށް ގޮންޖެހުމަށް ފަހު ކަމަށެވެ.
މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 13 ވަނަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. ނަމަވެސް އެއީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށް އެ ކޯޓުން އޭގެ ފަހުން ވަނީ އަމުރު ނެރެފަ އެވެ.
ވަހީދު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ޕީޕީއެމްގެ ތެރެއަށް ވަނީ ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިފަ އެވެ. އަދި މެމްބަރުންނަށް މަޖުބޫރުން ކަންކަން ކުރުވަން މަސައްކަތް ކުރައްވާތީ އެ މަނިކުފާނު މިހާރުން މިހާރަށް ހައްޔަރު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.