28 ނޮވެމްބަރ 2017 - 05:40

އަށް އަހަރަށް ފަހު ކްލަބް ވެލެންސިއާ އިން މިދިޔަ އަހަރު ތަށްޓެއް އުފުލާލި އެވެ. މިދިޔަ އަހަރު އެފްއޭ ކަޕް ފައިނަލުގައި ޓީސީ އަތުން 3-1 އިން މޮޅުވި މެޗަށް ފަހު އޭރު ވެލެންސިއާގެ ހެޑް ކޯޗު މުހައްމަދު އިގުބާލު ބުނީ މިއީ އެ ޓީމަށް ފެށުމެއް ކަމަށާއި އަލުން ޓީމު ކޮޅަށް ޖަހަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އެ ޓީމުން މި އަހަރުގެ އޭއެފްސީ ކަޕުގައި ވެސް ވާދަކުރި އެވެ. އެކަމަކު ފެނުނީ އެހެން މަންޒަރެކެވެ. ފުރުސަތުގެ ބޭނުން ނުހިފި ޓީމު ކުރީގެ ހާލަތަކަށް ވުރެ ގޯސް ހާލަތަކަށް ވެއްޓުނީ އެވެ.

މި ފަަހަރު ފުޓްބޯޅަ ފޯމެޓަށް ގެނައި ބަދަލާ އެކު ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބުނީ މާލޭ ލީގުގެ ގަދަ ހަތަރު ޓީމަކަށެވެ. ގަދަ ހަތަރަކުން ވެލެންސިއާ ކެޓުމުން އެ ޓީމަށް ރާއްޖޭގެ އެންމެ ބޮޑު ލީގުން ވަނީ ފުރުސަތު ގެއްލިފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ލީގު ފަސް ފަހަރު ކާމިޔާބުކުރީ ވެލެންސިއާ ލީގުގައި ނުކުޅޭ އެންމެ ފަހަރެއް ވެސް ނުދެ އެވެ. މާލޭ ލީގުގައި ވެލެންސިއާ ކުޅުނު 14 މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެވުނުއިރު، މިއީ އެ ޓީމު ފުރަތަމަ ޑިވިޝަނުގައި އެންމެ ނަތީޖާ ދަށް ފަަހަރެވެ.

މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ކާމިޔާބީ އަށް ފަހު ބެލެވުނީ މި އަހަރަށް ވެލެންސިއާ އިން ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ. އެއީ އެ ޓީމަށް އޭއެފްސީ ކަޕްގައި ކުޅުމުގެ ފުރުސަތު ވެސް ލިބިފައި އޮތުމުންނެވެ. އެހެން ނަމަވެސް ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ހަސަން އަދުހަމް (ސަޑޭ) އާއި އަކުރަމް އަބްދުލް ގަނީ (އަކޫ) އަދި މުހައްމަދު އާރިފް (ބަކާ) ކްލަބް ދޫކޮށްދިޔައިރު އެ ކުޅުންތެރިން ހިފަހައްޓަން އެންމެ އެކަށީގެންވާ ވަރަށް މަސައްކަތެއް ނުކުރެވުނެވެ.
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ފެށެން ކުޑަ ދުވަސް ކޮޅަކަށްވިއިރު ވެސް ވެލެންސިއާ އަށް އޮތީ ޕްރެކްޓިސް ވެސް ނުފެށި އެވެ. ހެޑް ކޯޗަކަށް އަހުމަދު މުޖުތަބާ (ފެސްކޯ) ހަމަޖައްސައި މެޗަށް ތައްޔާރުވާން މަސައްކަތް ފެށުނީ ވެސް ނުވަ ދުވަހަށް ވެފައި ވަނިކޮށެވެ.
ޓީމު އެކުލަވާލައި ޕްރެކްޓިސް ފަށައިގެން ތިމްޕޫ އަތުން މޮޅުވީ މާލޭގައި ކުޅުނު ދެ ވަނަ ލެގުންނެވެ. ތިމްޕޫ އަތުން މޮޅުވެވުނު ނަމަވެސް ވެލެންސިއާ އަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގަ ނުލިބެ އެވެ. އެއީ ޕްލޭއޮފް ބުރުގައި އިންޑިއާގެ މޯހަން ބަގާން އަތުން ބަލިވުމުންނެވެ.
"ހަގީގަތުގައި އެންމެ ރަނގަޅަށް ތައްޔާރު ނުވުމުގެ ނަތީޖާ މި ފެނުނީ. ބަގާން ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި. އެކަމަކު އަހަރެމެންގެ ތައްޔާރީތައް އޮތީ މާ ފަހަތުގައި،" ބަގާން އަތުން ދެ ވަނަ ލެގުގައި ބަލިވި މެޗަށް ފަހު ފެސްކޯ ބުންޏެވެ.
ވެލެންސިއާ އިން މި ފަހަރު ސްކޮޑު އެކުލަވާލިއިރު ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނަކީ އަދި އެ ޓީމުން ވަނީ މިދިޔަ އަހަރު ބީޖީ އަށް ކުޅުނު އިބްރާހިމް ޝިޔާމް (ދޮނާ) އާއި އިބްރާހިމް ހަމްދާނާއި އަހުމަދު އުސާމް އާއި މުހައްމަދު ނިޒާމާއި ވިކްޓަރީ އަށް ކުޅުނު ގޯލްކީޕަރު ހަސަން ތޮލާލާއި މުހައްމަދު ތަސްމީން (ތައްތި) އަދި ނިއު އަށް ކުޅުނު މުހައްމަދު މުސްލިހު (މުއްޓި) އެވެ.
ބިދޭސީ ކުޅުންތެރިންގެ ގޮތުގައި ވެލެންސިއާއާ ގުޅުނީ ވިކްޓަރީ އަށް މިދިޔަ އަހަރު ކުޅުނު އޮމޮދޫ ގޮޑްފްރޭ ވެސްޓާއި ޗިންޒީ ކަކާގެ އިތުރުން މިޑްފީލްޑަރެއް ކަމަށްވާ ޕްރިންސް އެވެ.
"ކޮންމެ މެޗަކީ ވެސް މުޅި ސީޒަނަށް އަސަރުކުރާނެ މެޗެއް. އެކަމަކު މާދަމާގެ މެޗު މުޅިން ތަފާތު. މިއީ ކަޕް ފައިނަލެއް. ވެލެންސިއާ ވަރަށް ދަށް ދުވަސްތަކަކަށް ފަހު ކިރިޔާ ހަމައަކަށް މި އެޅުނީ. މި މެޗަކީ ވެލެންސިއާގެ މުޅި ސީޒަނުގެ ސަޕޯޓާ ގުޅިފައިވާ މެޗެއް. އެއީ މި މެޗުން މޮޅުވެވިއްޖެ ނަމަ ސަޕޯޓަރުންނާ އެކު މިއީ ރަނގަޅު އަހަރަކަށް ހެދިދާނެ،" ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅުމުގެ ކުރިން ފެސްކޯ ބުންޏެވެ.
އެ މެޗުން ވާދަވެރި ކުޅުމަކަށް ފަހު ވެލެންސިއާ ބަލިވީ 1-0 އިންނެވެ. މި މެޗުން ބަލިވުމުން ފެސްކޯ ބުނީ މިއީ ފިލާވަޅު ނަގަންވީ މެޗެއް ކަމަށާއި ތައްޔާރީތަކަށް ބަލާއިރު މާޒިޔާ އަށް ވުރެން މާ ފަހަތުގައި އޮތް ވެލެންސިއާ އިން މި މެޗުގައި ހިތްވަރު ކުރި ކަމަށެވެ.
ޗެރިޓީ މެޗުގެ ބައްޔަށް ފަހު ވެލެންސިއާ އިން ކުރިމަތިލީ މާލޭ ލީގުގެ ފުރަތަމަ މެޗާ އެވެ. މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފެސްކޯގެ ނަޒަރުގައި މި ޕޮއިންޓަކީ ވެލެންސިއާ އަށް ފެށުމެކެވެ. އެހެން ނަމަވެސް ފެނިގެންދިޔައީ އެހެން މަންޒަރެކެވެ. އެ ފެށުމުގެ މަތީގައި ވެލެންސިއާ އަށް ސާބިތުނުވެވުނުތަނެވެ.
ފުރަތަމަ ބުރުުގައި ކުޅުނު ގިނަ މެޗުތަކުގައި ވެލެންސިއާގެ ހުރިހާ ޒިންމާއެއް ކަހަލަ ގޮތަކަށް ނެގީ ފެސްކޯ އެވެ. ބަލި ހާލަތުގެ ސަބަބުން ޓީމުގެ ޓްރެއިނަރު އިސްމާއިލް އާސިފް (ކުޑަ ހީނާ) އާއި އަމިއްލަ ސަބަބަކާ ހުރެ އެސިސްޓަންޓް ކޯޗު އިގުބާލް ބެންޗުން ނުފެނެ އެވެ. މެޗަކަށް ފަހު މެޗެއް ވެލެންސިއާ ދިޔައި ބަލިވަމުންނެވެ.
ފުރަތަމަ ބުރު ނިންމާލިއިރު ވެލެންސިއާގެ އޮތީ އެއް ޕޮއިންޓެވެ. ބައިކޮޅަށް 15 ލަނޑު ވަންއިރު ޖެހުނީ އެންމެ ދެ ގޯލެވެ. ފުރަތަމަ ބުރުގެ ގިނަ މެޗުތަކަށް ފަހު ފެސްކޯ ފާހަގަކުރި ކަމަކީ އެ ޓީމަށް ދިމާވެގެން އުޅޭ މައްސަލައެއް ހޯދުމަށް މަސައްކަތެއް ކުރެވެމުން އަންނަ ކަމަށާއި ޓީމުގެ ހާލަތުގެ ޒިންމާ ކެރިގެން ނަގާނެ ކަމަށެވެ.
"ފުޓްބޯޅަ ކްލަބެއް އޮންނަން ޖެހޭނީ ވަކި ވަކި ގޮތްގޮތަކަށް ނޫން. މި އޮންނަން ޖެހެނީ ތިން ބައެއް އެއް ޓީމެއްގެ ގޮތުގައި. އެއީ ކުޅުންތެރިން. ކޯޗިން ސްޓާފުން ދެން ހިންގާ ފަރާތްތައް. މި ތިން ފަރާތުގެ ވެސް ފުރިހަމަ ޒިންމާއާ އެކު ޓީމު ކުރިއަށްދާނީ. ނޫނީ އެއްބަޔަކަށް ޒިންމާ ނުނަގާ ތިއްބައި އަނެއް ބަޔަކު މަސައްކަތް ކުރިއަސް މިއެއް ވޯކް ނުކުރާނެ. ހަގީގަތުގައި ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކާމިޔާބަށް ވާސިލްވެވޭނީ ނޫނީ މީގެން ރަނގަޅެއް އަންނާނެ ކަމަށް ނުދެކެން،" ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗަށް ނުކުތުމުގެ ކުރިން ފެސްކޯ ބުންޏެވެ.
މާލޭ ލީގުގެ ފުރަތަމަ ބުރުގެ ތެރެއިން ވެލެންސިއާ އަށް މި ސީޒަނުގެ ކުޅުނު ގިނަ ކުޅުންތެރިން ވަނީ އެ ޓީމު ދޫކޮށް ގޮސްފަ އެވެ. އޭގެ ތެރޭގައި ތައްތި އާއި ދޮނާ އަދި އުސާމް ފަދަ ކުޅުންތެރިން ހިމެނެ އެވެ.
ދެ ވަނަ ބުރު ފެށުމުގެ ކުރިން ފެސްކޯ ވަނީ އެ ޓީމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބިފައިވާ ކަމަށް ބުނެފަ އެވެ. ކުޑަ ހީނާ އާއި އިގުބާލް ޓީމާ ގުޅި، ކޯޗިން ސްޓާފުން ވެސް ފުރިހަމަ ވުމުން އޭގެ ރަނގަޅު އަސަރު ޓީމަށް ކުރާނެ ކަމަށެވެ.
ފުރަތަމަ ބުރާ އަޅާކިޔާއިރު މި ފަހަރު ވެލެންސިއާ އިން ނަތީޖާ ނެރުމުގައި ކުރިއެރުން ހޯދި އެވެ. އެ ޓީމުން މި ބުރު ނިންމާލީ ހަތް މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. އަދި ލީގު ނިންމާލިއިރު ވެލެންސިއާ އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ލިބުނީ 14 މެޗުން ހަ ޕޮއިންޓެވެ. މިއީ އެ ޓީމުން ފުރަތަމަ ޑިވިޝަންގައި އެންމެ ދަށްކޮށް ޕޮއިންޓް ހޯދި އަހަރެވެ.
މުބާރާތްތަކުގެ ފޯމެޓަށް ގެނައި ބަދަލާ އެކު މި ފަހަރުގެ މާލޭ ލީގުން ކެޓި ހަތަރު ޓީމު ކަމަށްވާ އީގަލްސް، ވިކްޓަރީ، ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓަރީ އަންނަ އަހަރުގެ މާލޭ ލީގުން ޖާގަ ހޯދަން ޖެހެނީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ކްލަބް ޒެފްރޯލާއި ރަނަރަޕް ކުޑަހެންވޭރު ޔުނައިޓެޑާ އެކު ކުޅޭށެވެ. އެހެން ނަމަވެސް މާލީ ހާލަތު ހުރި ގޮތުން ޒެފްރޯލާއި ކުޑަހެންވޭރަށް މުބާރާތުގައި ކުޅެވެން ނެތުމުން އެފްއޭއެމުން ވަނީ އެ މުބާަރާތް ކެންސަލްކޮށް އޮޓޮމެޓިކުން ދެން އޮތް ހަތަރު ޓީމަށް އަންނަ އަހަރުގެ މާލޭ ލީގުން ފުރުސަތު ދީފަ އެވެ.
ސީޒަނުގައި ދެން އޮތީ ކުޅެވެން އޮތީ އެފްއޭ ކަޕް އެކަނި ކަމަށް ވުމުން ވިކްޓަރީ އާއި ޔުނައިޓެޑް ވިކްޓަރީ އިން ވަނީ އެ މުބާރާތް ނުކުޅޭން ނިންމައި ޓީމުގެ ކުޅުންތެރިން ކުރު މުއްދަތުގެ އެއްބަސްވުމުގެ ދަށުން ދޫކޮށްލައިފަ އެވެ. އެހެން ނަމަވެސް ވެލެންސިއާ އިން ފުރަތަމަ ވިސްނުން ހުރީ މިދިޔަ އަހަރު އެ ޓީމުން ކާމިޔާބުކުރި އެފްއޭ ކަޕް ދިފާއުކުރުމަށް އެ މުބާރާތުގައި ކުޅުމަށެވެ. އެކަމަށް ބަލައިގެން ކުޅުންތެރިން ވެސް ގެނަ އެވެ. އެހެން ނަމަވެސް ފަހުން ނިންމީ މާދަމާ ފަށާ މި މުބާރާތުގައި ނުކުޅޭށެވެ.
އަހަރުތަަަކަކަށް ފަހު ވެލެންސިއާ އަށް ޓީމު ކޮޅަށް ޖަހަން ލިބުނު ފުރުސަތު އެ ޓީމު އަތުން މި އޮތީ މި އަހަރު ގެއްލިފަ އެވެ. ލީގުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި ނިއު ރޭޑިންޓާ ހިއްސާކުރަމުން ދިޔަ ރެކޯޑް ވެސް މި އޮތީ އަތުން ބީވެ ގޮސްފަ އެވެ. ޓީމުގެ ހާލަތު ބަދަލުކުރަން ބަލާއިރު، މާލީ ގޮތުން އެ ޓީމަށް އަދިވެސް ގޮންޖެހުންތަކެއް އެބަހުއްޓެވެ. ވާދަވެރި ޓީމުތަކުން އަންނަ އަހަރަށް ވިސްނާ ބޮޑު ހަރަތުތައް ކުރުމުގެ ޕްލޭންތައް ހަދަމުންދާއިރު، ވެލެންސިއާ މިއޮތީ މި އަހަރުގެ ވެސް ގިނަ ހަރަދުތައް ނުނިންމަ އެވެ.