އަގްސާ މިސްކިތުގައި އިޒްރޭލުން ކެމެރާ ހަރުކޮށްފި
އަގްސާ މިސްކިތުގައި އިޒްރޭލުން ކެމެރާ ހަރުކޮށްފި

ގުދުސް (ޖުލައި 23) - ގުދުސްގެ އަލް އަގްސާ މިސްކިތަށް ވަންނަން ހުރި ދޮރޯށިތަކުގައި އިޒްރޭލުން ސެކިއުރިޓީ ކެމެރާ ހަރުކޮށްފި އެވެ.

އަގްސާ މިސްކިތުގެ ތެރޭގައި މިދިޔަ ހުކުރު ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިޒްރޭލް ސިފައިންގެ ދެ މީހުން މަރާލުމާ ގުޅިގެން އިޒްރޭލުން ވަނީ އަގްސާ މިސްކިތުގައި މެޓަލް ޑިޓެކްޓަރު ހަރުކޮށްފަ އެވެ. އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން ފަލަސްތީނުން ވަނީ މިދިޔަ ހުކުރު ދުވަހު މިސްކިތުގައި ހުކުރު ނަމާދު ކުރުމުގެ ބަދަލުގައި މަގުތަކުގައި ނަމާދުކޮށްފަ އެވެ. ފަލަސްތީނުން ބުނެފައި ވަނީ އަގްސާ މިސްކިތުގެ ސަރަހައްދުގައި އިޒްރޭލުން ސަލާމަތީ ގޮތުން ފިޔަވަޅުތައް އަޅަނީ އެ މިސްކިތަށް އަތްގަދަ ކުރުމުގެ ގޮތުން ކަމަށެވެ.

އިޒްރޭލުން ސެކިއުރިޓީ ކެމެރާ ހަރުކޮށްފައި ވަނީ އަގްސާ މިސްކިތުގެ ލަޔަންސް ގޭޓް ނުވަތަ ބާބުލް އަސްބާތުގަ އެވެ. އެ ގޭޓުން ނޫސްވެރިން ވަނުން އިޒްރޭލް ސިފައިން ވަނީ މަނާކޮށްފަ އެވެ.

ފަލަސްތީނުގެ މަދަނީ ކަންކަން ބަލަހައްޓާ އިޒްރޭލުގެ ދިފާއީ މުވައްސަސާގެ ވެރިޔާ މޭޖާ ޖެނެރަލް ޔޯއަވް މޯޑެޗައި ވިދާޅުވީ އަގްސާ މިސްކިތަށް ވަންނަ އެއްވެސް މީހެއްގެ އަތުގައި ހަތިޔާރު ނެތްކަން ޔަގީންކުރަން ބޭނުންވާ ކަމަށެވެ.

ގުދުސްގެ މުފްތީ ޝެއިޚް މުހައްމަދު ހުސެއިން ވޮއިސް އޮފް ޕަލަސްތީނަށް ވިދާޅުވީ އަގްސާ މިސްކިތުގައި ސަލާމަތީ ގޮތުން އިޒްރޭލަށް އެއްވެސް ފިޔަވަޅެއް އެޅިގެން ނުވާނެ ކަމަށެވެ.

ގުދުސްގެ މައްސަލާގައި އުފެދިގެން އުޅޭ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ މުޝީރު ގެންދަވަނީ ބައެއް ގައުމުތަކާ ގުޅިގެން މަޝްވަރާ ކުރަމުންނެވެ. އައްބާސްގެ މުޝީރު ވަނީ ޖޯޑަން، ސައުދީ އަރަބިއާ، މިސްރު އަދި މޮރޮކޯ އާއި އެހެން ބައެއް ގައުމުތަކުގެ ޑިޕްލޮމެޓުންނާ މަޝްވަރާ ކުރައްވައިފަ އެވެ.