23 ޖުލައި 2017 - 15:35

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން މިއަދު އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ފާރިސް މިދިޔަ ބުދަ ދުވަހު ހައްޔަރުކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އަނބިކަނބަލުންގެ ގެ މ. ސްނޯރޯޒްގައި ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ގެ ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ފާސްކޮށްފަ އެވެ.
ފާރިސްގެ ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ ފާރިސް ބަންދު ކުރަން ނެރުނު އަމުރާއި އޭނާ ހައްޔަރު ކުރަން ނެރުނު އަމުރު އަދި ދިރިއުޅުއްވާ ގެ ފާސްކުރަން ނެރުނު އަމުރު ވެސް އިސްތިއުނާފް ކުރަން މިއަދު މެންދުރު ހުށަހަޅާފައިވާ ކަމަށެވެ.
ފާރިސްގެ ވަކީލުން ބުނަނީ އޭނާ ކޯޓު އަމުރުގެ ދަށުން ދޫނިދޫ ކަސްޓޯޑިއަލްގައި ބަހައްޓާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ތަހުގީގުގައި އެއްވެސް އެއްޗެއް ބުނަން ފާރިސް ދެކޮޅު ހައްދަވާފައިވާ ކަމަށް ފާރިސްގެ ވަކީލުން ބުނެ އެވެ.
ރިޝްވަތުގެ ތުހުމަތުގައި ފާރިސް ހައްޔަރު ކޮށްފައިވާއިރު ޕީޕީއެމްގެ ދިދަ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ވަނީ ޝަހްސު އޮޅުވާލުމުގެ ދައުވާއެއް އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.