ހައި ކޯޓުގެ ރެޖިސްޓްރާކަމުން ހަސަން ވަކިކުރި މައްސަލަ ނުބެލޭނެ: ޓްރައިބިއުނަލް
ހައި ކޯޓުގެ ރެޖިސްޓްރާކަމުން ހަސަން ވަކިކުރި މައްސަލަ ނުބެލޭނެ: ޓްރައިބިއުނަލް

ހައި ކޯޓުގެ ކުރީގެ ރެޖިސްޓްރާ ހަސަން އަލީ އެ މަގާމުން ވަކިކުރި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް އެ ޓްރައިބިއުނަލުން މިއަދު ނިންމައިފި އެވެ.

ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުއްޓާ ކުއްލި ގޮތަކަށް މިދިޔަ އޭޕްރީލް މަހު ހަސަން އެ މަގާމުން ވަކިކުރި ފަހުން އޭނާ ވަނީ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކޮށްފަ އެވެ.

އޭނާ ޓްރައިބިއުނަލްގައި ދައުވާކުރެއްވީ އޭނާ ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މަގާމު އޭނާ އަށް އަލުން ދިނުމަށް އަމުރު ކުރުމަށާއި ވަކިކުރި ދުވަހުން ފެށިގެން މައްސަލަ ނިމޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދުމަށެވެ.

އެ މައްސަލާގައި ޓްރައިބިއުނަލުން މިއަދު ނިންމި ނިންމުމުގައި ވަނީ ހައި ކޯޓުގެ ރެޖިސްޓްރާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ބަލާއިރު އެ މަގާމަކީ ހިންގުމުގެ އިސް މަގާމެއް ކަމަށާއި އެފަދަ މަގާމުތަކުގައި ތިބޭ މީހުންނަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެ ޓްރައިބިއުނަލަށް ޝަކުވާ ހުށަހެޅުމުގެ ހައްގުން އިސްތިސްނާ ކުރެވިފައިވާ ބައެއް ކަމަށެވެ.

އެހެންވެ، ހަސަން ހުުށަހެޅި އެ މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް އެ މައްސަލަ ބެލި ޓްރައިބިއުނަލްގެ ތިން މެމްބަރުންގެ އިއްތިފާގުން ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

ކުރިން އިމިގްރޭޝަންގެ ކޮންޓްރޯލަރު ކަމާއި ހައުސިން މިނިސްޓަރުގެ ނައިބު ކަން ވެސް ކުރެއްވި ހަސަން ހައި ކޯޓުގެ ރެޖިސްޓްރާ ކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗް މަހު އެވެ.