މަޖިލިހުގެ ޖަލްސާއެއް މާދަމާ ނޯންނާނެ، ދެން ޖަލްސާ އޮންނާނީ މި މަހުގެ 31 ގައި
މަޖިލިހުގެ ޖަލްސާއެއް މާދަމާ ނޯންނާނެ، ދެން ޖަލްސާ އޮންނާނީ މި މަހުގެ 31 ގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ނޯންނާނެ ކަމަށާއި އެންމެ އަވަހަށް ވެސް ދެން ޖަލްސާ ބާއްވާނީ މި މަހުގެ 31 ގައި ކަމަށް މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.

މަޖިލިހުގެ އިދާރާ އިން މިގޮތަށް ނިންމިއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ވެއްދުމުން ބެލެވެމުން އައީ މާދަމާ ޖަލްސާ ބާއްވާނެ ކަމަށެވެ. ނަމަވެސް އޭގައި ސޮއިކުރެއްވި ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ އެކު، މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހުގެ އިދާރާ އިން ވަނީ ބާތިލްކޮށްފަ އެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު ބުނި ގޮތުގައި ޖަލްސާތައް މި ހަފުތާގައި ނުބާއްވާ ގޮތަށް ހަމަޖެއްސީ މިނިވަން ދުވަހުގެ ޚާއްސަ ޕްރޮގްރާމްތަކާއި ސެކިއުރިޓީ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެ މުއްދަތުގެ ތެރޭގައި މަޖިލީހުގެ ކޮމެޓީގެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ވެސް މަޖިލިހުގެ އިދާރާ އިން ބުންޏެވެ.

މި މަހުގެ ފަހު ދުވަހު ބާއްވާ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް، އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާ ސުވާލު ކުރެއްވުމެވެ. ރިޔާޒް ސުވާލު ކުރައްވަނީ ތ. ކަނޑޫދޫ ތޮށިލުމުގެ މަސައްކަތް ފެށޭނެ ދުވަހެއް އޮޅުން ފިލުވުމަށެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތްއިރު، ދެވަނަ ދައުރުގައި މިހާތަނަށް ބޭއްވީ ހަތް ޖަލްސާއެކެވެ. ދެވަނަ ދައުރުގައި މިހާތަނަށް މަޖިލީހުން ފާސް ކުރީ އެންމެ ދެ ބިލެވެ.