23 ޖުލައި 2017 - 13:34

ވޮޝިންޓަން (ޖުލައި 23) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ މަރުވެފައިވާ ކަމަށް ނުބެލެވޭ ކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މަޓިސް ވިދާޅުވެއްޖެ އެވެ.
މަޓިސް އެހެން ވިދާޅުވެފައިވާ އިރު ބަޣުދާދީ މަރާލައިފައިވާ ކަމަށް ދާދި ފަހުން ވަނީ ރިޕޯޓްތަކެއް އާއްމުވެފަ އެވެ.
"ބަޣުދާދީ ދިރިހުރި ކަމަށް ގަބޫލް ކުރެވެނީ. ބަޣުދާދީ މަރުވި ކަމަށް އެމެރިކާ އަށް ޔަގީން ކުރެވެންދެން އޭނާ ދިރިހުރި ކަމަށް ބަލަން ޖެހޭނީ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަޓިސް ވިދާޅުވި އެވެ. "އޭނާ އަތުލައިގަތުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް. އެމެރިކާ އަށް އަދިވެސް ގަބޫލް ކުރެވެނީ ބަޣުދާދީ ދުނިޔޭގައި ހުރި ކަމަށް."
ސީރިއާގެ ހަނގުރާމަ މޮނިޓާކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އައިއެސްގެ ސީނިއާ އެހެން ލީޑަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ބަޣުދާދީ ވަނީ މަރުވެފަ އެވެ.
ސީރިއާ އަށް މެއި މަހު ރަޝިޔާ ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި ބަޣުދާދީ މަރާލާފައިވާ ކަމަށް ބުނުމާ ގުޅިގެން ރަޝިޔާ އިން ޖޫން މަހު ވަނީ އެކަން ޔަގީން ކުރަމުންދާ ކަމަށް ބުނެފަ އެވެ.
އެމެރިކާ އިން ވަނީ ބަޣުދާދީގެ ބޮލަށް 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. ބަޣުދާދީ އަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ކަނޑައެޅީ އޮކްޓޯބަރު 2011 ގަ އެވެ.
އައިއެސް އިން ޖޫން 2014 ގައި އިރާގުގެ މޫސަލް ހިފުމަށް ފަހު ބަޣުދާދީ ދިރިއުޅުނީ އެ ސިޓީގަ އެވެ. ނަމަވެސް މޫސަލް ހިފުމުގެ އޮޕަރޭޝަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ފަހުން ބަޣުދާދީވީ ތަނެއް ނޭނގެ އެވެ.