ޔުނިޓީ ކަޕުގެ ފައިނަލަށް ހެލްތު ސެންޓަރު
ޔުނިޓީ ކަޕުގެ ފައިނަލަށް ހެލްތު ސެންޓަރު

ހއ. އުތީމުގައި ކުރިއަށްދާ އެސްޓީއޯ/ މޯލްޑިވްސް ގޭސް ޔުނިޓީ ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ އުތީމު ހެލްތު ސެންޓަރު ޖާގަ ހޯދައިފި އެވެ.

އެ ޓީމު ފައިނަލަށް ދިޔައީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރާ ބައްދަލުކޮށް 3-0 އިން މޮޅުވެގެންނެވެ. ލަނޑު ޖަހައިދިނީ ރިސްމީ އާއި އަބްދުﷲ ހަމީދު އަދި އަބްދުﷲ އިލްހާމެވެ.

ދެ ވަނަ ސެމީ ފައިނަލުގައި މިއަދު ހަވީރު ބައްދަލުކުރާނީ އުތީމު ކައުންސިލާއި ފެނަކަ އެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ.

މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރިކުރުމަށް ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި ފުޓްބޯޅައިގެ ލެޖެންޑުން އެ ރަށަށް ޒިޔާރަތްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އާއި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ހިމެނެ އެވެ. މީގެ އިތުރުން ކުރީގެ ފުޓްބޯޅަ ތަރިން ކަމަށްވާ މޫސާމަނިކު (ކުޑަމޫސަ) އާއި އައްސަދު އަބްދުލްގަނީ އާއި އަބްދުﷲ އާމިރު (އައްލޯ) އާއި އަލީ ޝިހާމާއި މައުސޫމް އަބްދުލްޣަފޫރު (މާސޭ) އަދި އިޝްހާގު އީސާ ވެސް ބައިވެރިވާނެ އެވެ.

އުތީމު ކައުންސިލާއި މުއައްސަސާތައް ގުޅިގެން ބާއްވާ މުބާރާތުގައި މުއައްސަސާތަކުގެ ޓީމުތައް ބައިވެރިވި ނަމަވެސް ރަށަށް ނިސްބަތްވާ އެންމެންނާއި އެ ރަށުގެ މީހުންނާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރުގެ ކުޅުންތެރިންނަށް ވެސް ކުޅުމުގެ ފުރުސަތު ލިބެ އެވެ.

އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މި މުބާރާތުގެ ބޭނުމަކީ ރަށުގެ އިޖްތިމާއީ ގުޅުން ވަރުގަދަކުރުމާއި މުއައްސަސާތަކާ ދޭތެރޭ ދެކޭ ގޮތް ބަދަލުކޮށް ގުޅުން ރަނގަޅުކުރުން ކަމަށެވެ.

"ރަށުގެ ހުރިހާ ޒުވާނުން ކަހަލަ ގޮތަކަށް މަހެއްހާ ދުވަހު އެއްކޮށް ކައިބޮއި ހަދައި އެއްކޮށް ވަގުތު ހޭދަކުރުމުން ވަރަށް ބޮޑަށް އެންމެންގެ މެދުގައި ގުޅުން ބަދަހިވެ ހުރި ހިތްހަމަނުޖެހުންތައް ނައްތާލެވޭނެ. ކުޅިވަރަކީ ވާދަވެރި އެއްޗެއް. އެކަމަކު އެ ވާދަވެރިކަމުގެ ތެރެއިން ވަރަށް ބާރުގަދަ އިޖްތިމާއީ ގުޅުން ވެސް އުފެދިގެންދޭ. އަޅުގަނޑުމެންގެ ބޭނުމަކީ އެ ގުޅުން އުފައްދައި ބަދަހި ކުރުން،" ރަޝީދު ވިދާޅުވި އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް ގޭސް އެވެ. މީގެ އިތުރުން އެސްޓީއޯ އާއި ތިލަފުށީ ކޯޕަރޭޝަނާއި މިފްކޯ އާއި އެމްޓީސީ އާއި އެމްޕީއެލް އާއި ދޮންމަނިކު ސީވިއު އިން ވެސް ވަނީ ސްޕޮންސާޝިޕް ދީފަ އެވެ. މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާފައިވާއިރު އޮންލައިން ޕާޓްނަރަކީ މިހާރު ނޫހެވެ. މީގެ އިތުރުން މުބާރާތަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު ދެއްވި އެހީތެރިކަމާއި އެއްބާރުލުން، އުތީމު ކައުންސިލުން ވަރަށް ބޮޑަށް ފާހަގަކުރެ އެވެ.