ބޮޑު ވަޒީރު ރަނިލް: ސިޔާސީ ހަޔާތުގައި 40 އަހަރު
ބޮޑު ވަޒީރު ރަނިލް: ސިޔާސީ ހަޔާތުގައި 40 އަހަރު

ކޮލަމްބޯ (ޖުލައި 23) - ސްރީ ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައިގެ ސިޔާސީ ސަޔާތަށް 40 އަހަރު ފުރުން ފާހަގަކޮށްފި އެވެ.

ޔުނައިޓެޑް ނޭޝަނަލިސްޓް ޕާޓީ (ޔޫއެންޕީ)ގެ ޒުވާން މެންބަރެއްގެ ގޮތުގައި ރަނިލް ޕާލަމެންޓަށް ފުރަތަމަ އިންތިޚާބުވެވަޑައިގެންނެވީ ޖުލައި 21، 1977 ގަ އެވެ. އެ އަހަރު ގާއިމްކުރި ޖޭ.އާރު ޖަޔަވަރްދަނާގެ ސަރުކާރުގެ ޚާރިޖީ ވަޒީރުގެ ނައިބުގެ މަގާމު އަދާކުރެއްވުމަށް ފަހު އެ މަނިކުފާނަށް ވަނީ ޔޫތު އެފެއާޒް އެންޑް އެމްޕްލޮއިމެންޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފަ އެވެ. ރަނިލް ހިމެނިފައި ވަނީ ލަންކާ ކެބިނެޓުގެ އެންމެ ޒުވާން މެންބަރުގެ ގޮތުގަ އެވެ.

އޭގެ ފަހުން ރަނިލް ވަނީ ކެބިނެޓުގެ ވަރަށް ގިނަ މަގާމުތައް އަދާކުރައްވައިފަ އެވެ. އަދި ފަހުން ވަނީ ޔޫއެންޕީގެ ލީޑަރު ކަމަށް ވަޑައިގެންފަ އެވެ. ލަންކާގެ ބޮޑު ވަޒީރުކަމަށް ރަނިލް ފުރަތަމަ ވަޑައިގެންނެވީ 1993 ވަނަ އަހަރު އެވެ. އޭގެ ފަހުން 2001 އަދި 2015 ވަނަ އަހަރު ވެސް ވަނީ ބޮޑު ވަޒީރުކަމަށް ވަޑައިގެންފަ އެވެ. ބޮޑު ވަޒީރުކަމުގެ ހަތަރު ވަނަ ދައުރަށް އިންތިޚާބުވެވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ.

ބޮޑު ވަޒީރު ރަނިލްގެ ސިޔާސީ ހަޔާތަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ވަރަށް ގިނަ ހަރަކާތްތައް ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި އަންނަ މަހު 4 ވަނަ ދުވަހު ޕާލަމެންޓުގެ ޚާއްސަ ޖަލްސާއެއް ބޭއްވުމާއި އޮގަސްޓް 5 ވަނަ ދުވަހު ބޮޑު މިއުޒިކް ޝޯއެއް ބޭއްވުން ހިމެނެ އެވެ. ގޯލް ފޭސްގައި ބާއްވާ މި ޝޯ އިންތިޒާމްކުރުމުގައި އިސްކޮށް އުޅުއްވަނީ ޚާރިޖީ ވަޒީރު ރަވީ ކަރުނަނަޔަކަ އެވެ.