މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ރުޅިވެރިކަން ފާޅުކުރައްވައިފި
މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ރުޅިވެރިކަން ފާޅުކުރައްވައިފި

ގާނޫނުއަސާސީ އަށް ހިތުހުރިހާ ގޮތެއް ހަދައި، އިދިކޮޅު މެމްބަރުންގެ މައްޗަށް ނުހައްގު ތުހުމަތުކޮށް، ގޮނޑި ގެއްލުވާލައި، މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލާފައިވާ މައްސަލާގައި އިދިކޮޅު މެމްބަރުން ރުޅިވެރިކަމާ އެކު ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު، ކޯޓުގެ ބޭރުގައި ތިއްބަވައިގެން ވަރަށް ގިނަ މެމްބަރުން ވަނީ މީޑިއާތަކާ ވާހަކަ ދައްކަވައިފަ އެވެ. މިއީ ފަހަކަށް އައިސް، ކޯޓުގައި ޝަރީއަތެއް ހިނގަމުން ދަނިކޮށް މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ކޯޓު ދޮށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ އެކި ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ ގާނޫނުއަސާސީއާ ޚިލާފަށް ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކެވެ.

"މި ހުރިހާ ކަމެއް [ސަރުކާރުން] ކުރާއިރު ރައްޔިތުން ބަލަހައްޓައިގެން ތިބެންވީތޯ،" ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވި އެވެ.

"ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން ކިހާ ކަންތަކެއް ކޮށްފިތޯ، އަޅުގަނޑުމެން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް އެބަކުރަން މިކަމުން ސަލާމަތްވާން."

އެމްޑީޕީގެ މެމްބަރު، މާފަންނު ހުޅަނގު ދާއިރާގެ މުހަންމަދު ފަލާހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާލައިފައި ބޭއްވިގެން ނުވާނެ ކަމަށާއި މިހެން ހުއްޓުވާލައިފައި އޮއްވައި ސަރުކާރުން ލޯނުތައް ނަގައި ހަދަމުން އެބަ ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ އެކި މެމްބަރުންނަށް ތަފާތު ތުހުމަތުތައް ކުރަމުން އެބަ ގެންދާ ކަމަށާއި މެމްބަރުންގެ އެކި ވިޔަފާރިތަކަށް ދުއްތުރާ ކުރަމުން ގެންދާ ކަމަށެވެ.

"ބައްލަވާ މިހާރު ވެސް އެ ދަނީ އޭގެ ތެރެއިން އެއް ކަންތައް،" ފާރިސްގެ ޝަރީއަތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.

މެމްބަރުން ވަކިވަކިން ދެއްވި އިންޓަވިއުތަކުގައި މި ސަރުކާރުން ގާނޫނީ އިމުގެ ތެރެއަށް ވަދެ، ގާނޫނުއަސާސީ އަށް އިހުތިރާމްކުރަން ވަނީ ގޮވާލައްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ، މުސްތަގިއްލު މިނިވަން މުއައްސަސާއަކަށް ވާތީ އެ ބާރަށް އަރައިނުގަތުމަށް ވެސް މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ.

ވަރަށް ގިނަ އާންމުން ވެސް އެއްވެފައި ތިބި ސަރަހައްދުގައި މެމްބަރުން ވިދާޅުވީ މަޖިލީހުގެ މެމްބަރުން ވަކިކުރުމުގެ އެއްވެސް ބާރެއް އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާއިރު އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެއީ ބިރު ދެއްކުމުގެ އަމަލެއް ކަމަށާއި އެކަމާ ދެކޮޅަށް އެންމެން ވެސް ތެދުވާން އެބަޖެހޭ ކަމަށެވެ.