23 ޖުލައި 2017 - 12:28

ވޮޝިންޓަން (ޖުލައި 23) - މީހުންނަށް މައާފް ދިނުމުގެ ފުރިހަމަ ބާރު ލިބިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވިއިރު ވަނީ އާއިލީ ބޭފުޅުންނާއި ގާތް މީހުންނަށް ރިޔާސީ މައާފެއް ދިނުމަށް އެމަނިކުފާން ވިސްނަވަމުން ގެންދަވާ ކަމަށް ރިޕޯޓްތައް އާއްމުވެފަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ ތަރުޖަމާން ވިދާޅުވީ މި ރިޕޯޓްތަކަކީ ސައްހަ އެއްޗެއް ނަމަ އިންތިހާ އަށް ކަންބޮޑުވާ ކަމަށެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުންނާއި ކޮންގްރެސް އިން ދަނީ އެމެރިކާ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި މައްސަލާގައި ޓްރަމްޕުގެ ކެމްޕޭން ޓީމުގެ ބައެއް މީހުންގެ މައްޗަށް ތަހުގީގު ހިންގަމުންނެވެ. ޖާސޫސީ އިދާރާ އިން ބުނެފައި ވަނީ ޓްރަމްޕް ވެރިކަމަށް ގެނައުމަށް ރަޝިޔާ އިން އެހީވެފައިވާ ކަމަށެވެ. ރަޝިޔާ އިން އެކަން ދޮގު ކުރެ އެވެ. ޓްރަމްޕް ވެސް ވިދާޅުވެފައި ވަނީ ސިއްރު އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ.
ވޮޝިންޓަން ޕޯސްޓުން ބުރާސްފަތި ދުވަހު ބުނެފައި ވަނީ ޓްރަމްޕުގެ ޓީމުން ދަނީ އެމަނިކުފާނުގެ ގާތް މީހުންނަށް މައާފް ދެވޭނެ ގޮތެއް އޮތްތޯ ބަލަމުން ކަމަށެވެ.
ޓްރަމްޕް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވަނީ މައާފް ދިނުމުގެ ފުރިހަމަ ބާރު އެމެރިކާގެ ރައީސް އަށް ލިބިގެންވާ ކަމަށް ވިދާޅުވެފަ އެވެ.