23 ޖުލައި 2017 - 12:08

ލަންޑަން (ޖުލައި 23) - ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ ލިބުނަސް ޗެލްސީ އަށް އަދި ޓްރާންސްފާ މާކެޓް ނުނިމޭ ކަމަށާއި އިތުރު ކުޅުންތެރިން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މޮރާޓާގެ ގަތުމުގެ ކުރިން، މެންޗެސްޓާ ސިޓީ އަށް މިދިޔަ ސީޒަނުގައި ކުޅުނު އާޖެންޓީނާގެ ގޯލްކީޕަރު ވިލީ ކަބަލޭރޯ، ރޯމާގެ ޑިފެންޑަރު އެންޓޯނިއޯ ރުޑީގާ އަދި މޮނާކޯގެ މިޑްފީލްޑަރު ޓިއެމް ބަކަޔޯކޯ ގެނެސްފަ އެވެ.
މިިދިޔަ ސީޒަނުގައި ޗެލްސީއާ ހަވާލުވެ ކޮންޓޭ ވަނީ ފުރަތަމަ ސީޒަނުގައި އެ ޓީމަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދީފަ އެވެ. ދެ ވަނަ ސީޒަނުގައި ޗެލްސީ ގޮވައިގެން ނުކުތުމުގެ ކުރިން ކޮންޓޭ އަންނަނީ އެ ޓީމު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
"މިދިޔަ އަހަރު ހަމައެކަނި އަހަރެމެން ކުޅުނީ އިނގިރޭސި މުބާރާތްތަކުގައި. މި ފަހަރު އެބަޖެހޭ ޗެމްޕިއަންސް ލީގުގައި ވެސް ކުޅެން. މިދިޔަ ސީޒަނުގައި ވެސް ސްކޮޑަށް ބަލާއިރު ޗެލްސީ އޮތީ އެންމެ ރަނގަޅު ހާލަތުގައެއް ނޫން. އެހެން ވުމުން މި ސީޒަނުގައި ކުޅެން ޖެހޭ އެއް މުބާރާތް އިތުރުވާއިރު އަހަރެމެންގެ އެބަ ޖެހޭ ބޭނުންވާ ވަރަށް ކުޅުންތެރިން ގެންނަން،" ކޮންޓޭ ބުންޏެވެ.
ޕްރީ ސީޒަން މެޗެއްގައި ރޭ ޗެލްސީ ވަނީ 3-0 އިން އާސެނަލް ބަލިކޮށްފަ އެވެ. މި މެޗުގައި ޗެލްސީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ބެލްޖިއަމްގެ ޒުވާން ފޯވާޑް މިޝީ މަޓްޝުއާއީ އެވެ. މިދިޔަ ސީޒަނުގެ ފަހު މެޗުތަކުގައި ވެސް ބަޓްޝުއާއީ ވަނީ ލިބުނު މަދު ފުރުސަތުތަކުގައި ލަނޑު ޖަހައިފަ އެވެ.
"ބަޓްޝުއާއީ އަކީ އަހަރެންގެ އިތުބާރު އޮތް ކުޅުންތެރިއެއް. އޭނާ އަކީ އަހަރެން މި ސީޒަނަށް ކަނޑައެޅި ޕްލޭނުގައި މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިއެއް،" ރޭގެ މެޗަށް ފަހު ކޮންޓޭ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އަންނަނީ ޔުވެންޓަސް އަށް ކުޅޭ ފުލްބެކް އަލެކްސް ސަންޑްރޯ ހޯދަން މަސައްކަތް ކުރަމުންނެވެ. އަދި ބްރެޒިލްގެ ފްލުމިނެސީ އަށް ކުޅޭ އުމުރުން 20 އަހަރުގެ ފޯވާޑް ރިޗާލިސަން އަށް ޗެލްސީން ވަނީ ނުވަ މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފަ އެވެ.