23 ޖުލައި 2017 - 11:29

ޔުނައިޓެޑް ނޭޝަންސް (ޖުލައި 23) - އަގްސާ މިސްކިތުގައި އިޒްރޭލުން ގާއިމްކުރި ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ގުދުސްގައި މިހާރު ހިންގާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މާދަމާ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ބައްދަލުވުން ބޭއްވުމަށް ހުށަހެޅީ ސްވިޑަން، މިސްރު އަދި ފްރާންސް އިންނެވެ. ސްވިޑަންގެ ސަފީރުގެ ނައިބް ކާލް ސްކައު ވިދާޅުވީ ބައްދަލުވުމުގެ ބޭނުމަކީ ގުދުސްގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.
އިޒްރޭލުން އިއްޔެ ވަނީ ހުޅަނގު އައްސޭރި އަށް އިތުރު ސިފައިން ފޮނުވާ، ހުކުރު ދުވަހުގެ ހަމަލާތަކުގައި ބައިވެރިވި ފަލަސްތީނު މީހުންގެ ގެތަކަށް ހަމަލާދީފަ އެވެ. ހުކުރު ދުވަހުގެ ހަމަލާތަކަށް ފަހު އިޒްރޭލް ސިފައިން ބަަޑިޖަހާ ފަލަސްތީނުގެ ތިން މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަގްސާ މިސްކިތުގައި މެޓަލް ޑިކެޓްރު ހަރުކުރި މައްސަލާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި ހުކުރު ވަގުތު އަގްސާ މިސްކިތް ކައިރިއަށް ޖަމާވި މީހުން ގަޔަށް އިޒްރޭލުން ވަނީ ކަރުނަ ގޭސް ޖަހައިފަ އެވެ.
އިޒްރޭލުގެ ހެލްތު މިނިސްޓްރީން ބުނީ އިރުމަތީ ގުދުސްގައި އިޒްރޭލުން ބަޑި ޖެހުމުގެ ސަބަބުން ފަލަސްތީނުގެ އިތުރު ދެ ޒުވާނަކު ޝަހީދުވެފައިވާ ކަމަށެވެ.
އިޒްރޭލުން ބުނެފައި ވަނީ މެޓަލް ޑިޓެކްޓަރުގެ ބަދަލުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެހެން ގޮތަކަށް ވިސްނަމުންދާ ކަމަށެވެ.