24 ޖުލައި 2017 - 06:31

އައިފޯނު 8 އަދި ނުނެރެ އެވެ. މަސައްކަތްތައް މުޅިން ނިމުނުހެނެއް ވެސް ހިއެއް ނުވެ އެވެ. އެކަމަކު ދުރުނޫން ތާރީޚެއްގައި، އައިފޯން 8 މި އަހަރު ނެރޭނެ އެވެ. އައިފޯން މާކެޓްކުރަން އެޕަލް އިން ގެންގުޅޭ ވައްޓަފާޅި އަކީ އެއީ އެވެ.
އާންމުންނާ ހަމަ އަށް އައިފޯން 8 ނުގެނެވިގެން އުޅެނިކޮށް، އައިފޯން 9 އަށް ކުރަން ހުރި މަސައްކަތްތައް ކޮންޓްރެކްޓް ކުންފުނިތަކަށް އެޕަލް އިން ބަހަމުންދާ ވާހަކަ ދެކެވެން ފަށައިފި އެވެ. އައިފޯން 9 އަށް ބެޓެރީ އުފެއްދުމަށްޓަކައި އެލްޖީ އަށް އޯޑަރުދޭ ހިސާބަށް ހިނގައްޖެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އައިފޯނަށް ބޭނުންވާ ބެޓެރީ އުފެއްދުމަށްޓަކައި ސެމްސަންގް އެސްޑީއައި، ޖަޕާނުގެ މުރާޓާ، ޗައިނާގެ އޭޓީއެލް އަދި އެލްޖީގެ އެހީތެރިކަމަށް އެޕަލުން އެދެ އެވެ. އެއީ އެޕަލް އިން މީގެ ކުރިން ކަންތައްކުރި ގޮތެވެ. އެހެން ނަމަވެސް އައިފޯން 9 އަށް ބެޓެރީ އުފެއްދުމަށްޓަކައި އެލްޖީ ނޫން ކުންފުންޏެއްގެ އެހީތެރިކަން އެޕަލް އިން ނުހޯދާނެ ކަމަށް ބުނެވެ އެވެ.
އެޕަލް އަށް އެލްޖީ މުހިންމު ވަނީ، "އެލް ޝޭޕް" އަށް (އިނގިރޭސި އެލް އަކުރު އޮންނަ ގޮތް) އެލްޖީ ނޫން ކުންފުންޏަކަށް ބެޓެރީ ނުއުފެއްދޭތީ އެވެ. އައިފޯން 9ގެ ބެޓެރީ އޮންނަން އެޕަލް އިން އެދޭ ގޮތަކީ އެއީ އެވެ.
ބެޓެރީ އެލް ޝޭޕަށް ބައްޓަންކުރުމުން ލިބޭ ތަވަނަވަސްކަމަކީ، އެޕަލް އިން ބުނާ ގޮތުގައި، ފޯނުގެ ބައިތައް ރާވައި އެތުރުމުގައި ފޯނުގެ ޖާގަ ފުރިހަމަ ގޮތުގައި ބޭނުންކުރެވުމެވެ. ފޯނުގެ ސައިޒު ވަކި މިނެއްގައި ދަމެހެއްޓި ނަމަވެސް، ފޯނު ތެރެ އަށް ބޭނުން ހުރިހާ ހާޑްވެއާއަކަށް ޖާގަ ލިބުމެވެ.
އައިފޯން 9ގެ ބެޓެރިއާ ބެހޭ ގޮތުން އެލްޖީން ވާހަކަދައްކާކަށް ބޭނުމެއް ނުވެ އެވެ. އަދި ދުވަސްތައް އޮތީ ކުރި އަށެވެ. އެލްޖީން ރަސްމީކޮށް މައުލޫމާތު ނުދިން ނަމަވެސް، ލީކުވާ މައުލޫމާތުގައި ވެސް ކޮންމެވެސް ރަހައެއް ހުންނާނެ އެވެ.