ސިޓީން 52 މިލިއަން ޕައުންޑަށް މެންޑީ ގަންނަނީ
ސިޓީން 52 މިލިއަން ޕައުންޑަށް މެންޑީ ގަންނަނީ

މެންޗެސްޓާ (ޖުލައި 23) – މޮނާކޯގެ ފްރާންސް ޑިފެންޑަރު ބެންޔަމިން މެންޑީ 52 މިލިއަން ޕައުންޑަށް ގަތުމަށް މެންޗެސްޓާ ސިޓީން އެއްބަސްވެއްޖެ އެވެ.

މާސޭ އިން މިދިޔަ ސީޒަނުގައި މޮނާކޯއާ ގުޅުނު އުމުރުން 23 އަހަރުގެ މެންޑީ އެ ޓީމަށް 34 މެޗު ކުޅެދީ، ފްރެންޗް ލީގު ކާމިޔާބުކޮށްދިނުމަށް އެހީވެދީފަ އެވެ.

މި އަގު ފައިނަލްވެއްޖެ ނަމަ މެންޑީ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރަށެވެ. މިހާރު އެ ރެކޯޑް އޮތީ ދާދި ފަހުން ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް ސިޓީ އަށް 45 މިލިއަން ޕައުންޑަށް ބަދަލުވި ކައިލް ވޯކާ އަތުގަ އެވެ. އޭގެ ކުރިން އެ ރެކޯޑް އޮތީ ވެސް ސިޓީގެ އަތުގަ އެވެ. އެއީ މިދިޔަ ސީޒަނުގައި އެވަޓަން އިން ސިޓީން ގަތް ޖޯން ސްޓޯންސް އަތުގަ އެވެ.

މެންޑީ އަކީ އާ ސީޒަނަށް ސިޓީ އަށް ގެންނާނެ ހަތަރު ވަނަ ކުޅުންތެރިއާ އެވެ. ދެން ގެނައީ ވޯކާގެ އިތުރުން ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ އަދި ބްރެޒިލް ގޯލްކީޕަރު އެޑެސަން މޮރައެސް އެވެ. ސިޓީން ވަނީ ޖުމްލަ 175 މިލިއަން ޕައުންޑް ހޭދަކޮށްފަ އެވެ.

ސިޓީން އަންނަނީ ރެއާލް މެޑްރިޑުގެ ކަނާތު ބެކް ޑަނީލޯ ގެނައުމަށް ވެސް މަސައްކަތްކުރަމުންނެވެ. އެ ޓީމުން ވަނީ ކަނާތު ބެކަށް މިހާރު ކުޅޭ އެލެކްސެންޑާ ކޮލަރޯފް އިޓަލީގެ ރޯމާ އަށް ވިއްކާލައިފަ އެވެ.