23 ޖުލައި 2017 - 09:39

ބުދަ ދުވަހާ ގުޅޭ
"އެބަ ނުކުމޭ!" އިނާޔާ ބުންޏެވެ. "އެ ފޮށިގަނޑު ދަމަމުންދަމަމުން ނުކުންނަނީ. ވަރަށް ބޮޑަށް އަނދާފަ ހުރީ."
އެއްކޮށް ނުކުމެވުނުއިރު އެ ޖިންނީގެ ބޮޑު ބަޔެއް އަނދައިފިއެވެ. އެ ވަރުން ވެސް ނުކުތެވެ.
"އަހަރެން އަސްލު ބޭނުމެއް ނޫން ކަލެޔަށް އަނިޔާކުރާކަށް،" ރާޝިދު ބުންޏެވެ. "ކަލޭގެ ބޯހަރުކަމުން ތި ހުރިހައި އަނިޔާއެއް ތި ލިބުނީ. ކަލޭ ދެން މީނަޔަށް ދުއްޕާން ނުކުރައްޗޭ!"
"މަ ނޫޅެމޭ ދުއްޕާން ކުރާކަށް،" ޖިންނި ރޮއިހޭރިގަތެވެ. "ބޮޑު މުސީބާތަކަށް ވެއްޖޭ މިހާރު. މަ ނޫޅެން މި ތާ ހުންނާކަށް ވެސް. މަ ބޭނުންވެގެނެއް ނޫނޭ މި ތާ މިހިރީ. ގަދަކަމުން ގެނެސް އެއްސީ. ފެނެއެއްނު މަށަށް ޖައްސާފަ ހުރި ހާލު."
"އެހެންވިއްޔާ ކަލޭ ކީއްކުރަން އިންސާނުންނަށް އުނދަގޫ ކުރަނީ؟" ރާޝިދު އެހިއެވެ.
"މަ ހުރީމަ އޭނަޔަށް އުނދަގޫވަނީއޭ،" ޖިންނި ޖަވާބުދިނެވެ. "އަހަރެން އެއްވެސް ކަމެއް ނުކުރަމޭ އޭނަޔަށް އުނދަގޫ ކުރާކަށް. ނުވެސް ކުރާނަން."
ހީކުރި ވަރަށް ވުރެ އަވަހަށް ރާޝިދު ބޭނުން ކަންތައް ވިއެވެ. ދޫކޮށްލުމުގެ ކުރިން ރާޝިދު އެއް ވާހަކަ ބުނަން ބޭނުންވިއެވެ.
"ކަލޭގެ އެއްވެސް މީހަކު ލައްވާ ވެސް އުނދަގޫކޮށްގެން ނުވާނެ. ކޮށްފިއްޔާ ކަލޭ ގެނެސް ކަލެޔަށް އަދަބުދޭނަން." ރާޝިދު އިންޒާރުދިނެވެ.
"މަ ނޫޅެމޭ އުނދަގޫކުރާކަށް،" ޖިންނި ޖަވާބުދިނެވެ. "މަގޭ ނެތޭ އެކަކު ވެސް. ކަލޭ އެ އެންމެން އަންދާ ހުސްކޮށްފި! މަ އެކަނި މިހާރު ސަލާމަތުން މިހިރީ. މަށަށް ވެސް މިހިރީ ކޮށްލާފަ ހުރި ވަރު."
"ތީ ކަލޭ އަމިއްލައަށް ބުއި ބޮނޑިއެއް،" ރާޝިދު ވަގުތުން ބުންޏެވެ. "މަ ކިހާ ވަރަކަށް ބުނިން ނުކުންނާށޭ. ކުރިން ވެސް ހަމަ ނުކުތް ނަމަ ތިހެނެއް ނުވީހެއްނު. މަށެއް ތި ކަމަކާ ޒިންމާއެއް ނުވާނަން. ދާންއުޅޭ ދާންއުޅޭ!"
އެ ޖިންނި ދިޔުމުން އެ ތަނުގައި ވެއްޓިފައި އޮތް ފޮށްޓަށް ކިޔަވައި އެ ފޮށި އަންދާލިއެވެ. ނުވަތަ ސިހުރު ބާތިލުކޮށްލިއެވެ. އިނާޔާ ބުނި ގޮތުގައި އެ ފޮށި އަނދައި އަޅިޔަށް ވިއެވެ. އިނާޔާގެ ބޮލުގައި ހުރި ރިހުން އެއްކޮށް ފިލިއެވެ. ގައިގައި ހުރި ދަނބުކުލަ ކިރިޔާ ހުރިކަމެވެ. ލިބުނު ލުޔެއްގެ ސަބަބުން އިނާޔާއަށް ނިދުނީއެވެ.
"ހިޔެއް ނުވޭ ދެން އަންނާނެހެނެއް،" ރާޝިދު ބުންޏެވެ. "އެކަމަކު ޖިންނިޝައިތާނުންނަށް އިތުބާރު ކުރާކަށް ނުވާނެ. އަތުވެއްޖެއްޔާ އެނގިދާނެތާ ދެން ވާ ގޮތް."
ފެނުނު ކަންތައްތަކެއްގެ ސަބަބުން ނާޒިމާ އިނީ ވަރަށް ބިރުގެންފައެވެ. ރާޝިދަށް އެ ކަން ވިސްނުނެވެ. ވަރަށް ގިނަ ވާހަކަތައް އެ ފަހަރު ވެސް ރާޝިދު ކިޔައިދިނެވެ. ރާޝިދު ބުނި ގޮތުގައި، އިންސާނާ ބިރުގަންނަނީ އޭނަގެ އަމިއްލަ ޚިޔާލީ މައުލޫމާތުތަކެއްގެ މައްޗަށް ބުރަވެ ހުރެއެވެ. ޖިންނީންގެ އިސްކޮޅުން ދިގުވުމާއި، ބިޔަވުމާއި، ކެހެރިފަޅައިފައި ހުރުމާއި، ނަގުލެއް ނޫނީ ދަޅެއް ލާފަ ހުރުމަކީ އެ މީހަކު އަމިއްލައަށް ގަބޫލުކުރާ ގަބޫލުކުރުމެކެވެ. ދަތް ތޫނުވުމާއި، ލޯ ރަތްވުމާއި، ކަންފަތް ދިގުވުމަކީ ވެސް އެ ކަހަލަ ކަމެކެވެ. އެ ސިފައިގައި ތިބީމަ އިންސާނުން ބިރުގަންނާނެކަމާއި، ތިމާމެންނަށް ބާރުތަކެއް ލިބިދޭކަން ޖިންނީންނަށް އެނގެނީއެވެ. ޙަޤީޤަތުގައި ޖިންނީންނަކީ އެއްވެސް ސިފައެއް ހުންނަ އެއްޗެއް ނޫނެވެ. އެ ވަގުތަކު ހިތަށްއަރާ ސިފައަކަށް ބަދަލުވަނީއެވެ. އިންސާނާގެ ސިކުނޑިއަށް ވަދެގެން އެ މީހާ ބިރުގަންނަ ސިފަތައް ޖިންނި ދަނެގަންނަނީއެވެ. އެއީ ﷲ ދެއްވައިފައިވާ ބާރެކެވެ. ރާމާމަކުނު ނޫނީ ކުއްތާ ދަތްއަޅާ ތަން ވެސް ވިހަވެގެން ވަރަށް ތަކުލީފުގައި އިންސާނުން އުޅެން ޖެހެއެވެ. ނަގުލަންދާށި ކަށިޖެހީމަ، ކުޅަނދުރު ކަށިޖެހީމަ ވެސް ވަރަށް ވޭނުގަ އުޅެން ޖެހެއެވެ. ހަރުފަ ވިހަލީމަ މަރުވެއެވެ. ލޮލަށް ނުފެންނަ ވައިރަސްއަކުން އިންސާނާ ނުކުޅެދޭ މީހަކަށް ހަދައިލައެވެ. އެ އެއްޗެހި ދެކެ ބިރުގަންނަ ވަރަށް ޖިންނިދެކެ ވެސް ބިރުގަތީމައި ނިމުނީއެވެ. އައޫޒު ކިޔުމަކުން ޖަނާވަރުންނެއް ފިލާކަށް ނުދުވެއެވެ. ޖިންނި ދުވާނެއެވެ. އެއީ ޖަނާވާރަށް ނުދެއްވާ ބުއްދި ޖިންނިއަށް ދެއްވާފައިވާތީއެވެ. އައޫޒުގެ ބާރު އެ ސޮރަށް އިހުސާސް ކުރެވޭތީއެވެ.
"މިސާލަކަށް އެހެން މީހަކު ބިރުގަންނަވަން ތިމާ އުޅޭއިރު ބަލާނެ ވީހާ ވެސް ބިރުވެރި މޫނުމައްޗެއް އެޅޭތޯ،" ރާޝިދު ބުންޏެވެ. "ބިރުކުޑަ މީހަކާ ދިމާވެއްޖެއްޔާ އޭނަ ބުނާނެ ތިމަންނަ މިއީ ކުޑަކުއްޖެއްކަމަށްހޭ ކަލޭ ތި ހީކުރަނީ؟ ޖިންނީ ފެނުނީމަ ވެސް ހިތަށްއަރަންޖެހޭނީ އެހެން. ހަމަލޮލަށް ފެންނާނީ މަދު ފަހަރަކު. ގިނައިން ފެންނާނީ ހުވަފެނުން. ޖިންނީންދެކެ ގަންނަ ބިރު ކެނޑޭނީ އީމާންތެރިކަން ވަރުގަދަ ވެގެން."
ނާޒިމާގެ ބިރުކެނޑެން ފެށީ ރާޝިދުގެ އެހީއާއި ނާޒިމާ އަމިއްލައަށް ހޯދި މަޢުލޫމާތުގެ ސަބަބުންނެވެ. ޖެހިގެން އައި ދުވަހު އިނާޔާ އެއްކޮށް ރަނގަޅުވިއެވެ. އެކަމަކު، ދެވަނަ މީހަކަށް ޒިދުނާ ސިހުރު ހެދިކަން ސާބިތުވުމުން ނާޒިމާ ބޭނުންވީ ޒިދުނާގެ ސިހުރު ފަޅާއެރިކަން ޒިދުނާއަށް އަންގާށެވެ. ޒިދުނާ މައިތިރިވޭތޯއެވެ.
އެކި ކުދިންނާ ވަކިވަކިން ނާޒިމާ ވާހަކަދެއްކިއެވެ. އެންމެނަށް އެއްގަލަކަށް ނޭރުނެވެ. ބޮޑު މައްސަލަގަނޑަކަށް ވެއްޖެއްޔާ ގޭތެރޭގައި މައްސަލަޖެހޭނެތީއެވެ. ޒިދުނާއަކީ ފަލާހުގެ އަންހެނުންނެވެ. ފަލާހަކީ ވެސް ނާޒިމާގެ ކޮއްކޮއެކެވެ. ފަލާހު ހުންނާނީ ކޮން ކޮޅަކަށް ކަމެއް ނުވަތަ އެ ކަމުގެ އެންމެ އަޑީގައި ހުރީ ފަލާހު ނޫންކަމެއް ވެސް ނޭނގެއެވެ. އަނެއް މައްސަލައަކީ ދަނޑިވަޅެވެ. ޒިދުނާ ވިހަން ވަރަށް ކައިރިވެއްޖެއެވެ. މަންމަގެ ހަމްދަރުދީ ޒިދުނާ ވަނީ އަތުލައިފައެވެ. ނާޒިމާއަކީ އެއް އިރެއްގައި ވެސް މަންމަ ޝައުޤުވެރިކަމެއް ދިން ކުއްޖެއް ނޫނެވެ. ގޭތެރޭގައި މައްސަލަގަނޑު ހިލިއްޖެ ނަމަ މަންމަ ޖެހިލާނީ ޒިދުނާގެ ފަޅިއަށެވެ. ދެން ތިބި ހުރިހައި ކުދިން ތިބޭނީ މެދުގައެވެ. އެއްކޮޅުގައި މަންމައެވެ. އަނެއްކޮޅުގައި ނާޒިމާއެވެ. ފަހަރެއްގައި ނާޒިމާ އެކަނިވުމަކީ ވެސް ވެދާނެ ކަމެކެވެ. ދެ ފަހަރަށް ނާޒިމާ ވިސްނަންޖެހުނީ އެހެންވެއެވެ. ގިނަ ކުދިން އޭރު ތިބީ ނާޒިމާޔާ އެއްކޮޅަށެވެ. އެ ކުދިން ބޭނުންވީ ޒިދުނާއަށް އެ ކަން އަންގާށެވެ.
އިނާޔާ ސިހުރުން ސަލާމަތްވިއެވެ. އެކަމަކު، ރާޝިދު ދިން ދުޢާތައް ބަރާބަރަށް ކިޔަވައި، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހުނެވެ. ފަސް ވަގުތު ނަމާދުކޮށް، ޤުރުއާނަކީ ގާތް އެކުވެރިއަކަށް ހަދަންޖެހުނެވެ. ގެއަށާއި ފާޚާނާއަށް ވަނުމުގެ ކުރިން ކުރަންޖެހޭ ޒިކުރުތަކެއް ދިނެވެ. ހަމަ އެހެންމެ ކެއުމުގެ ކުރިންނާއި، ނިދުމުގެ ކުރިން ވެސް މެއެވެ.
ޒިދުނާ ވިހައިގެން ގެއަށް އައީ، ހޮސްޕިޓަލުގައި ބޭއްވިތާ ތިން ދުވަސް ފަހުންނެވެ. އައި ގޮތަށް ފުރަތަމަ ވެސް ޒިދުނާ ވަނީ ބަދިގެއަށެވެ. ވަދެ ގޭގެ އެންމެނަށް ބިރިޔާނި ކެއްކިއެވެ. ނާޒިމާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހާ ހިތްވަރު އޭނަ ހޯދި ގޮތެއް ނޭނގޭތީއެވެ.
"ދަރިފުޅު ލިބުމުގެ މުނާސަބަތުގަ އަހަރެން މިއަދު އެންމެންނަށް ބިރިޔާނި ދޭހިތް ވީ." ޒިދުނާ ބުންޏެވެ.
ނާޒިމާއާއި އިނާޔާ ތިބީ ހައުލާ ގާތުގައެވެ. ބޭރުތެރޭގައި ދެކެވޭ ހުރިހާ ވާހަކައެއް ނާޒިމާއަށް އަޑުއިވެއެވެ. އިރުކޮޅަކުން ޒިދުނާ ބޯދިއްކޮށްލިއެވެ. ނާޒިމާގެ ހިތުގެ ވިންދު އަވަސްވިއެވެ. ހިތަށްއެރިއެވެ. ދުވަސްކޮޅަކު ހަމަޖެހިގެން އުޅެވިއްޖެއެވެ. ދެން ވާނީ ކިހިނެއްބާއެވެ؟
"ހައުލާއަށް ގޮވައިލަން މި އައީ،" ޒިދުނާ ވަރަށް މާތްވެފައި ބުންޏެވެ. "މިހާރު ކިހިނެއްތަ ހާލު؟"
ނާޒިމާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވެގެންއުޅޭ ގޮތް ޒިދުނާއަށް ނުވެސް އެނގޭ ކަހަލައެވެ. ދިމާއަށް އެހެން ނުބުނާތީ ޒިދުނާ އޭގެ ނާޖާއިޒު ފައިދާ ނަގަނީއެވެ. ހުރިހައިކަމެއް އެނގިހުރެ ނޭނގޭކަމަށް ހެދެން ޒިދުނާ ވަރަށް ކުޅަދާނައެވެ. ނާޒިމާ ހިތަށްއެރިއެވެ. އެ ބިރިޔާނި ތެއްޔަށް ވާނީ ކިހިނެއްބާއެވެ؟ އެ ކާނީ ކާކުބާއެވެ؟ ނާޒިމާ ހުރީ އެ ކަމަށް ތައްޔާރުވެގެންނެވެ. ކާނެ ދެވަނަ އެއްޗެއް ހުރީ ތައްޔާރަށެވެ. ދުވަހަކީ ހުކުރު ދުވަހެވެ. ޒިދުނާއަށް ނޭނގުނަސް މެންދުރު ކެއުމުގައި ކާމޭޒުދޮށުގައި ސިއްރު ބޭޒާރުކޮށްލަން އޭރު އޮތީ ރޭވި ނިމިފައެވެ. އެ ކަން ނޭނގެނީ ހަމައެކަނި ޒިދުނާއާއި ފަލާހަށެވެ.
"ރަނގަޅު،" ނާޒިމާ ޖަވާބުދިނެވެ. "ދަރިފުޅު ކިހިނެއް؟"
"ވަރަށް ރަނގަޅު،" ކޮޓަރިއަށް ވަންނަމުން ޒިދުނާ ބުންޏެވެ. "ހައުލާއަށް ވާ ގޮތް މިހާރު އެނގިއްޖެތަ؟"
ޒިދުނާ ވަނީމައި ނާޒިމާ އިނީ ވަރަށް ކަންބޮޑުވެފައެވެ. އެއްވެސް އެއްޗެއްގައި ޒިދުނާ އަތްލާތޯ ބެލުނެވެ. އޭނަގެ އަތުގައި އެއްޗެއް އޮތްތޯ ނުވަތަ ނުގުޅޭ ޚަރަކާތެއް ކުރޭތޯ ވެސް ބެލުނެވެ. ޒިދުނާއާއި އިނާޔާއަށް ތިބެވެނީ ތަންކޮޅެއް ދުރުގައެވެ. ހައުލާ އިނީ އެނދުގައި އިށީނދެލައިގެންނެވެ. އެ އެނދާ ޒިދުނާ ވައިއެޅެން ވެސް ނާޒިމާ ބޭނުމެއް ނޫނެވެ. ނާޒިމާ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ޒިދުނާ އެ ތަނުން ނުކުންނާށެވެ.
"އާނ!" ނާޒިމާ ބުންޏެވެ. "މީހަކު ސިހުރުހަދާފަ ހުރީ."
"އަޅޭ!" ޒިދުނާގެ ހިތް ހަލާކުވި ކަހަލައެވެ. "ހެޔޮނުވާނެ އެ ކަހަލަ ކަންތައް ކުރަން. ކާކުކަން އެނގިއްޖެތަ؟"
ކަލެޔޭ ބުނަން އިނާޔާ އަނގަ ހުޅުވައިލިއެވެ. ނާޒިމާ ބޮލުން ނޫނެކޭ އިޝާރާތް ނުކުރި ނަމަ، އެ ފަހަރު އެ ކަން ނިމުނީހެވެ.
"ދުރު މީހެއް ނޫން،" ކެތްތެރިކަމާ އެކުގައި ނާޒިމާ ބުންޏެވެ. "ނަން ވެސް އަދި އެނގޭނެ."
"މަށަށް ވެސް އަންގާލައްޗޭ!" ޒިދުނާ އެދުނެވެ. "އުޅޭނެ ވަރަށް ގާތްކަމަށް ހެދިގެން އުޅޭ މީހުން. ހައުލާއަށް މީރުތަ ބިރިޔާނި؟"
ހައުލާ ބޯޖަހައިލިއެވެ. ޒިދުނާ އައިސް ހައުލާގެ ބޮލުގައި ފިރުމައިލައިފައި ދިޔައީއެވެ. އެ ވަގުތު ވެސް ނާޒިމާގެ ހިތަށްއެރިއެވެ. ކަންތަކާ ޖެހުނީއެވެ. ރަނގަޅު ނިޔަތެއްގައި ޒިދުނާއެއް ނުފިރުމާނެއެވެ. ނާޒިމާ އައިސް ހައުލާގެ ބޮލުގައި ފިރުމައި، ކިޔަވައި ހެދިމެއެވެ. ނާޒިމާއަށް ވިސްނުނު ގޮތުގައި، އެ ކަހަލަ ކަންތައް ކުރަން ޒިދުނާއަށް ފުރުޞަތު ލިބެނީ އޭނަ ބޭޒާރު ނުކުރާތީއެވެ. އެ ކަން ކުރުމުގެ ވަގުތު އަތުވެއްޖެއެވެ. މަޞްލަޙަތު ހިފެހެއްޓުމަށް ޓަކައެވެ.
ހުކުރުން ފައިބައިގެން އެންމެން އައިސް ކާމޭޒުދޮށަށް ޖަމާވިއެވެ. މޭޒުގެ މެދުގައި ބޮޑު ބިރިޔާނި ތަށްޓެއް ހުއްޓެވެ. މުޅި ތަނަށް އޭގެ މީރުވަސް ފެތުރިފައި ވިއެވެ. އެންމެން އިށީނދެ ހަމަޖެހުނެވެ. ފަލާހާއި ޒިދުނާ ވެސް ތިއްބެވެ. ވާންއުޅޭ ގޮތް އެނގޭ ކުދިން ބަލައިލީ ނާޒިމާގެ މޫނަށެވެ. ވާހަކަ ފެށީ ނާޒިމާއެވެ.
ނުނިމޭ