24 ޖުލައި 2017 - 06:33

މި މަހު ބޭއްވި އައިފާ އެވޯޑު ހަފުލާގެ ސްޓޭޖުގައި، ޝޯގެ ހޯސްޓުން ކަމަށްވާ ކަރަން ޖޯހަރާއި ސައިފް އަލީ ޚާން އަދި ވަރުން ދަވަންގެ ގުޅުން ރަނގަޅުކަމަށް ދެއްކި ނަމަވެސް ސައިފް ހުރީ ކަރަން ދެކެ ވަރަށް ރުޅިއައިސްފައި ކަމަށް ޝޯޯގެ މަސައްކަތުގައި އުޅުނު ބައެއް މީހުން ބުނެފި އެވެ.
އެންމެ ކުރިން ސައިފާއި ކަރަން އުޅުނީ ވަރަށް އެކުވެރިކޮށެވެ. ޝޯގެ ރިހާސަލްތައް ވެސް ބާއްވައި ކިޔަން ޖެހޭ ޖޯކުތަކާއި އެނޫންވެސް ބައިތައް ދެ މީހުންނަށް އެއްވަރަށް ބަހައި ވަރަށް ތައްޔާރު ވެސް ވި އެވެ.
ކަރަން އަކީ ސައިފްގެ އަންހެނުން ކަރީނާ ކަޕޫރުގެ ގާތް އެކުވެރިއަކަށް ވާތީ ކަރަން އާއި ސައިފްގެ މެދުގައި ވަރަށް ގާތް ގުޅުމެއް ކުރިން އޮތުމުން ސްޓޭޖްގައި ޕާފޯމްކުރަން ވެސް ފަސޭހަވި އެވެ.
ނަމަވެސް ސްޓޭޖަށް އަރައި އިރުކޮޅެއް ތެރޭ ކަރަން ޑައިލޯގްތައް ބަދަލުކޮށް ސައިފަށް ވާހަކަ ދައްކަން ފުރުސަތު ނުދީ ހުރިހާ ޑައިލޯގެއް އޭނާ ކިޔަން ފެށީ އެވެ. އެ ވަގުތު ވެސް ސައިފް ހިތްހަމަނުޖެހުނަސް އޭނާ ވަރަށް މަޖާ ވެފައި ހުރިކަމަށް ދައްކައިގެން ހުރީ އެވެ.
ސައިފް ވަނީ ސްޓޭޖުގައި ހިނގާދިޔަ ކަންތައްތައް ބޮލީވުޑްގައި ތިބި އޭނާގެ އެކުވެރިންނަށް ކިޔައިދީފަ އެވެ. އަދި ސައިފް ދެއްކި ވާހަކަތައް ކޮންމެވެސް ގޮތަކުން ކަރަން އަށް ވެސް ވަނީ އިވިފަ އެވެ.
ކަރަންގެ ގާތް މީހަކު ބުނި ގޮތުގައި ސައިފް ހިތްހަމަނުޖެހޭ ކަހަލަ ކަމެއް ދިމާވިކަމެއް ކަރަން އަކަށް ނޭނގެ އެވެ. ހޯސްޓުން ވާހަކަ ދައްކަނީ ޓެލެޕްރޮމްޕްޓާ ބޭނުންކޮށްގެން ކަމަށް ވާތީ އެހެން ދިމާވި ސަބަބެއް އެކަކަށް ވެސް ނޭނގެ އެވެ. ފަހަރެއްގައި ކަރަން އަކީ ސްޓޭޖަށް ފަރިތަ މީހަކަށް ވާތީ ބައެއް ލައިންތައް އިތުރަށް ރަނގަޅުކޮށްލަންވެގެން ވާހަކަ ދެއްކިއިރު ކުޑަކޮށް ބަދަލުތައް ގެނައީ ކަމަށް ވެދާނެ ކަމަށް ކަރަންގެ އެކުވެރިޔާ ބުންޏެވެ.